Roadha Mihaaru
މެސީ ގެންދަން ބާސާއާ އެކު އިތުރު ދެ ޓީމެއް

މެސީ ގެންދިއުމުގެ ރޭހުގައި ބާސާގެ ފަހަތުން އިތުރު ދެ ކްލަބެއް ވިއްދައިފި

01 ޖޫން 2023

މި ސީޒަނަށް ފަހު ފްރާންސްގެ ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ގެންދިއުމުގެ ރޭހުގައި ތިން ކްލަބަކުން މަސައްކަތް ކުރަމުން އަންނަކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

މި ސީޒަނަށް ފަހު ފްރާންސްގެ ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ގެންދިއުމުގެ ރޭހުގައި ތިން ކްލަބަކުން މަސައްކަތް ކުރަމުން އަންނަކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ހޯދުމަށް މިހާރު ޝައުގުވެރިކަން ފާޅުކޮށްފައިވާ ތިން ކްލަބަކީ ސައުދީ އަރަބިއާގެ އަލް ހިލާލް އާއި އެމެރިކާގެ އިންޓަ މިއާމީގެ އިތުރުން މެސީގެ ކުރީގެ ކްލަބް ބާސެލޯނާ އެވެ.

މެސީ އަށް ބޮޑު އަގު ހުށަހަޅައިގެން އޭނާގެ ސޮއި ހޯދުމުގައި އެންމެ ބުރަކޮށް މަސައްކަތް ކުރަނީ ހިލާލުންނެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން މެސީ ވަނީ ހިލާލްގެ އަގުބޮޑު ހުށަހެޅުމަށް އެއްބަސްވެފަ އެވެ. އަދި، ސައުދީ އަރަބިއާ އަށް މެސީ އަންނާނެ ކަމަށް ބަލައި ސަރުކާރުގެ އޮފިޝަލުން އެކަމުގެ ތައްޔާރީތައް ވާން ފަށައިފައި ވާކަމަށް ރިޕޯޓްތައް ބުނެ އެވެ.

މެސީގެ ރޭހަށް ފަހުން ވަނީ އެމެރިކާ ލީގުގައި ކުޅެމުން އަންނަ އިންޓަ މިއާމީ އެވެ. ރިޕޯޓްތައް ބުނާގޮތުން އިންޓަ މިއާމީ އިން ވިސްނަނީ މެސީގެ ސޮއި ހޯދުމަށް ފަހު ސީޒަނެއްގެ ލޯނު އުސޫލުން މެސީ ބާސާ އަށް ދޫކޮށްލާށެވެ. އެކަމަކު އެފަދަ ރަސްމީ އެއްވެސް މަޝްވަރާއެއް އަދި ކުރިއަށްކަށް ނުދެ އެވެ.

ބާސެލޯނާ އިން މެސީ އެ ކްލަބަށް އަނބުރާ ގެންނަން ބޭނުންވާކަން ވަނީ ފާޅުގައި ހާމަކޮށްފަ އެވެ. އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ މެސީ ގެންނަން ބޭނުންވިޔަސް އެކަމުގައި ގޮތް ނިންމާނީ މެސީ ކަމަށެވެ. އަދި، މެސީ އަންނަން ހުރެއްޖެ ނަމަ ބާސާ އިން އަބަދުވެސް މެސީ އަށް މަރުހަބާ ކިޔާނެ ކަމަށް ޒަވީ ބުނެފައިވެ އެވެ. އެކަމަކު ބާސެލޯނާ އަށް މެސީ ގެނައުމުގައި އޮތް ހުރަހަކީ ފައިނޭންޝިއަލް ފެއާޕްލޭ އުސޫލުގެ ދަށުން އެވަރުގެ ހަރަދެއް ކުރެވެން ނެތުމެވެ. މީގެ ދެ އަހަރު ކުރިން ބާސެލޯނާ އިން މެސީ ދޫކޮށްލުމުގެ އެއް ސަބަބަކީ ވެސް ކްލަބަށް ކުރިމަތިވި މާލީ ދަށް ހާލަތެވެ.

ބާސާއިން ކެރިއަރު ފަށައި މެސީ ވަނީ އެ ޓީމާ އެކު 35 ތަށި ހޯދައި 672 ގޯލު ޖަހައިފަ އެވެ. ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވުމަށް ފަހު މެސީ ވަނީ ފްރެންޗް ލީގު ދެ ފަހަރު ކާމިޔާބު ކޮށްފަ އެެވެ. އެކަމަކު ޕީއެސްޖީގެ އެއްބަސްވުން ހަމަވާތީ އިތުރަށް އެ ކްލަބުގައި މަޑުނުކުރަން ނިންމައި މެސީ ވަނީ މިހާރު ކްލަބް ބަދަލުކުރަން ނިންމައިފަ އެވެ.