Roadha Mihaaru
ތުރުކީގެ ޒުވާން ކުޅުންތެރިޔާގެ ސޮއިހޯދަން ރެއާލް، ބާސާ

ތުރުކީގެ ޒުވާން ކުޅުންތެރިޔެއްގެ ސޮއި ހޯދަން ރެއާލް އާއި ބާސާ ވިއްދައިފި

02 ޖުލައި 2023

އިސްތަންބޫލް (ޖުލައި 2) - ތުރުކީގެ ފުރާވަރު އުމުރުގެ ކުޅުންތެރިޔެއް ކަމަށްވާ. އަރުދާ ގުލާގެ ސޮއި ހޯދަން ރެއާލް މެޑްރިޑާއި ބާސެލޯނާ އާ މެދު ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

އިސްތަންބޫލް (ޖުލައި 2) - ތުރުކީގެ ފުރާވަރު އުމުރުގެ ކުޅުންތެރިޔެއް ކަމަށްވާ. އަރުދާ ގުލާގެ ސޮއި ހޯދަން ރެއާލް މެޑްރިޑާއި ބާސެލޯނާ އާ މެދު ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

ފެނަބާޗޭގެ 18 އަހަރުގެ ފޯވާޑްގެ ޓްރާންސްފާ ފީ އަށް ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު ހޭދަ ކުރަން އޭނާ ގެންދާ ކްލަބަކުން ޖެހޭނެ އެވެ. ރެއާލް އާއި ބާސާއިން ވެސް އޭނާ ސްކައުޓް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

ބާސާގެ ޕްރަޕޯސަލް އަށް އޭނާގެ ޝައުގުވެރިކަން އިތުރު ކުރުމުގެ ގޮތުން، މިދިޔަ ހަފުތާގައި އެ ކްލަބްގެ ރައީސް ޔޮއާން ލަޕޯޓާ ވަނީ ތުރުކީ އަށް ވަޑައިގެން އޭނާގެ ޓްރާންސްފާ އަށް މަގުފަހި ކުރުމަށް މަސައްކަތް ކުރައްވައިފަ އެވެ.

އެކަމަކު މިފަހަރުގެ ޓްރާންސްފާ ޕީރިއަޑްގައި އޭނާ ގެންދިއުމަށް ބާސާ އަށް ހުރަސްތަކެއް އެބަހުއްޓެވެ. އެއީ އެ ކްލަބްގެ އިގްތިސޯދީ ހާލަތު ހުރި ގޮތުން ލަލީގާގެ ފައިނޭންޝިއަލް ފެއާޕްލޭ މިންގަނޑުން ބޭރުވެދާނެތީ އެވެ.

އެ ކްލަބުން މަސައްކަތް ކުރަނީ، މިވަގަތު އޭނާ ސޮއި ކުރުވައި އެއް އަހަރު ފަހުން އޭނާ އެ ކްލަބަށް ބަދަލުވާ ގޮތަށް ހަމަޖެއްސުމަށެވެ.

އުމުރުން ހަގު ކުޅުންތެރިންގެ ޓްރާންސްފާގައި އެންމެ އެކްޓިވްކޮށް ފެންނަ ރެއާލް އަށް ކުރިމަތިވެފައި ވަނީ ފައިސާގެ މައްސަލައެއް ނޫނެވެ. އަރުދާ ގުލާ ކުޅޭ މަގާމަށް ކުޅެން ތިބި ޒުވާން އެހެން ކުޅުންތެރިން ވެސް މިވަގުތު ރެއާލްގައި އެބަތިއްބެވެ. ރޮޑްރިގޯ ގޮއިސް އާއި ބްރަހިމް ޑިއަޒް އެވެ.

މިދިޔަ ތިން ސީޒަނުގައި ވެސް ރޮޑްރިގޯ ވަނީ ރެއާލްގެ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭސީ މިލާންގައި ދެ އަހަރު ވަންދެން ހޭދަ ކުރި ލޯނުގެ މުއްދަތަށް ފަހު ބްރަހިމް އަލުން ވަނީ ރެއާލްގެ ޓީމާ ގުޅިފަ އެވެ. އެ ދެ ކުޅުންތެރިން ތިބި ނަމަވެސް އަރްދާ ގުލާގެ ސޮއި ހޯދަން ރެއާލްގެ ވިސްނުން ދޫކޮށެއް ނުލަ އެވެ.

ސްޕެއިންގެ ނޫސްތަކުން ބުނާ ގޮތުގައި ރެއާލްގެ ޕްލޭނަކީ އޭނާ ސޮއި ކުރުވުމަށް ފަހު ޔޫރަޕްގެ އެހެން ކްލަބަކަށް ލޯނު އުސޫލުން ދިނުމަށް ފަހު އޭނާ އިތުރަށް ތަރައްގީކުރަން ފުރުސަތު ދިނުމެވެ.

"ތުރުކީގެ މެސީ" ގެ ނަމުން މަޝްހޫރު ވެފައިވާ އަރުދާ ގްލާގެ ސޮއި ހޯދަން އިޓަލީގެ ކްލަބްތަކާއި އިންގްލެންޑްގެ ނިއުކާސަލް ޔުނައިޓެޑުން ވެސް ޝައުގުވެރި ވެއެވެ.