Roadha Mihaaru

ލިވަޕޫލް ދޫކޮށްލަން އެލެގްޒެންޑާ އާނޯލްޑް ނިންމައިފި، ހިލޭ ޓްރާންސްފާގައި ރެއާލަށް

ލިވަޕޫލްގައި 20 އަހަރު ހޭދަކުރުމަށް ފަހު އެ ކްލަބް ދޫކޮށްލަން ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ނިންމައި އެކަން އިއުލާން ކޮށްފި އެވެ.

ލިވަޕޫލް ދޫކޮށްލަން އާނޯލްޑް ނިންމައިފި، ދާނީ ރެއާލަށް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

05 މެއި 2025

ލިވަޕޫލްގައި 20 އަހަރު ހޭދަކުރުމަށް ފަހު އެ ކްލަބް ދޫކޮށްލަން ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ނިންމައި އެކަން އިއުލާން ކޮށްފި އެވެ.

އުމުރުން 26 އަހަރުގެ ކަނާތު ބެކް ހިލޭ ޓްރާންސްފާގައި ބަދަލު ވަނީ ރެއާލް މެޑްރިޑަށެވެ.

ލިވަޕޫލާ އެކު އޭނާ މިހާރު ހަދާފައިވާ އެއްބަސްވުން ޖޫން 30 ގައި ހަމަވާނެ އެވެ. އެއްބަސްވުން އާ ނުކުރަން އޭނާ ނިންމީ އެވެ.

ލިވަޕޫލާ އެކު އިނގިރޭސި ލީގު ޗެމްޕިއަންކަން ދެ ފަހަރު ހޯދި އެލެގްޒެންޑާ އާނޯލްޑް ރެއާލަށް ބަދަލުވާން އުޅޭ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ.

ލިވަޕޫލަށް ޕްރިމިއާ ލީގު ޗެމްޕިއަންކަން ކަށަވަރުވިތާ ހަފުތާއެއް ފަހުން އޭނާ އެ ނިންމުން އިއުލާން ކުރީ އެ ކްލަބަށް ކާމިޔާބު ހޯދައިދޭން ސަމާލުކަން ދިނުމުގެ ގޮތުން ކަމަށް އޭނާ ބުންޏެވެ.

އިނގިރޭސި ލީގު ޗެމްޕިއަންކަން 20 ވަނަ ފަހަރަށް ލިވަޕޫލަށް ހޯދައި ދިނުމުގައި އިނގިރޭސި ގައުމީ ޓީމުގެ ކުޅުންތެރިޔާ މުހިންމު ދައުރެއް އަދާކުރި އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި 2019 ގައި ލީވަޕޫލަށް ހޯދައި ދިނުމަށް ފަހު އާނޯލްޑް އުފާފާޅު ކުރަނީ: ހިލޭ ޓްރާންސްފާގައި އޭނާ ބަދަލު ވަނީ ރެއާލަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި 2019 ގައި ލީވަޕޫލަށް ހޯދައި ދިނުމަށް ފަހު އާނޯލްޑް އުފާފާޅު ކުރަނީ: ހިލޭ ޓްރާންސްފާގައި އޭނާ ބަދަލު ވަނީ ރެއާލަށް

ލިވަޕޫލްގެ އެކަޑަމީން ސީނިއާ ޓީމާ ޕްރޮމޯޓްވެ، އެ ކްލަބާ އެކު ޖުމުލަ 20 އަހަރު އޭނާ ހޭދަ ކުރި އެވެ.

އެލެގްޒެންޑާ އާނޯލްޑް ބުނީ ލިވަޕޫލް ދޫކޮށްލަން ނިންމި ނިންމުކީ އޭނާގެ ދިރިއުޅުމުގައި މިހާތަނަށް ނިންމި އެންމެ އުނދަގޫ ނިންމުން ކަމަށެވެ.

"ހަމަ ޔަގީނުން ވެސް މިއީ ހަޔާތުގައި މިހާތަނަށް ނިންމި އެންމެ އުނދަގޫ ނިންމުން،" ލިވަޕޫލާ އެކު ޔޫއެފާ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކުރި އާނޯލްޑް ސޯޝަލް މީޑިއާގައި ލޔުނެވެ.

"މި ކްލަބަކީ އަހަރެންގެ މުޅި ދިރިއުޅުން - އަހަރެންގެ މުޅި ދުނިޔެ - 20 އަހަރު ވަންދެން. އެކަޑަމީން ފެށިގެން މިއަދާ ހަމައަށް ވެސް ކްލަބުގެ އެތެރޭގަޔާއި ބޭރުގެ އެންމެންގެ ފަރާތުން އަހަންނަށް ލިބުނު އެއްބާރުލުމާއި ލޯތްބަކީ އަބަދުވެސް އަހަރެންނާ އެކު ދެމިއޮންނާނެ ކަމެއް. ތިޔަ ހުރިހާ އެންމެން އަހަންނަށްޓަކައި ކޮށްދިން ކަންތައްތަކަށް އަބަދުވެސް އަހަރެން ވަނީ ދަރަނިވެރިވެފަ."

އޭނާ ބުނީ އެ ނިންމުން ނިންމުމުގައި އޮތް ހަމައެކަނި ކަމަކީ އާ ޗެލެންޖެއް ނަގައިގެން އަމިއްލަ ނަފުސުވެސް ކޮމްފަޓް ޒޯނުން ނެރެ ޗެލެންޖާ ކުރިމަތިލުމުގެ ވިސްނުން އެކަނި ކަމަށެވެ.