Roadha Mihaaru

ޔުނައިޓެޑުން ފާރަލީ ތިން ސްޓައިކަރުންގެ ޓްރާންސްފާ ވެސް ކާމިޔާބު ކުރީ ވާދަވެރި ކްލަބްތަކުން

މެންޗެސްޓާ ޔުނައިޓެޑުން ފާރަލަމުން ދިޔަ ތިން ސްޓައިކަރުންގެ ޓްރާންސްފާ ގައި ޕްރިމިއާ ލީގުގެ ވާދަވެރި ކްލަބްތަކުން ކާމިޔާބު ހޯދައިފި އެވެ.

ޔުނައިޓެޑުން ފާރަލީ ތިން ފޯވާޑުން ވާދަވެރި ކްލަބްތަކަށް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

24 ޖުލައި 2025

މެންޗެސްޓާ ޔުނައިޓެޑުން ފާރަލަމުން ދިޔަ ތިން ސްޓައިކަރުންގެ ޓްރާންސްފާ ގައި ޕްރިމިއާ ލީގުގެ ވާދަވެރި ކްލަބްތަކުން ކާމިޔާބު ހޯދައިފި އެވެ.

ޔުނައިޓެޑް އަލުން ބިނާކުރުމުގެ ޕްރޮޖެކްޓަށް، ކޯޗު ރުބެން އަމޯރިމް ބޭނުންވީ މުޅިން އާ ސްޓައިކަރަކު އެ ޓީމަށް ގެންދާށެވެ. އޭނާ އިސްކަން ދިން ސްޓައިކަރުންގެ ލިސްޓްގައި ތިން ކުޅުންތެރިޔެއްގެ ނަން ހިމަނައި ޔުނައިޓެޑްގެ މެނޭޖްމެންޓަށް ފޮނުވި އެވެ.

އަމޯރިމް ބޭނުންވީ އިޕްސްވިޗް ޓައުންގެ ކުރީގެ ފޯވާޑް ލިއާމް ޑިލަޕް، ނުވަތަ އައިންޓްރަކްޓް ފްރެންކްފާޓްގެ ކުރީގެ ސްޓައިކަރު ހޫގޯ އެކިޓީކޭ ނުވަތަ ސްޕޯޓިންގެ ވިކްޓާ ޔޮކޮރޭސްގެ ތެރެއިން ކޮންމެވެސް އެއް ކުޅުންތެރިޔެކެވެ.

ނަމަވެސް އެއިން އެއްވެސް ކުޅުންތެރިޔެއް، ސޮއިކުރުވުމުގައި ޔުނައިޓެޑަށް ކާމިޔާބެއް ނުވި އެވެ. އެކިޓީކޭ ސޮއި ކުރުވީ ޔުނައިޓެޑްގެ ޒަމާންވީ ވާދަވެރިޔާ ލިވަޕޫލުންނެވެ. ޑިލަޕް ސޮއި ކުރީ ޗެލްސީ އަށެވެ. އަމޯރިމްގެ ކުރީގެ ޓީމު ސްޕޯޓިންގެ ޔޮކަރޭސްގެ ޓްރާންސްފާ ކާމިޔާބުކުރުމާ ދާދި ކައިރިއަށް އާސެނަލުން ވަނީ ޖެހިލައިފަ އެވެ.

ޔުނައިޓެޑްގެ ކޯޗު އަމޯރިމް: އޭނާ ބޭނުންވި ސްޓައިކަރުންނެއް ނުގެންދެވުނު

ޔުނައިޓެޑްގެ ކޯޗު އަމޯރިމް: އޭނާ ބޭނުންވި ސްޓައިކަރުންނެއް ނުގެންދެވުނު

ޔުނައިޓެޑުގައި ހިމެނޭ ސްޓައިކަރު އަލްހެންޑްރޯ ގާނާޗޯގެ ކުޅުން، އަމޯރިމަކަށް ކަމަކު ނުދެ އެވެ. އެހެންވޭ އޭނާ ބޭނުންވީ އާ ސްޓައިކަރަކު ހޯދާށެވެ.

ބޭނުންވި ތިން ސްޓައިކަރުން ނުލިބުމުން މިފަހަރުގެ ޓްރާންސްފާގައި ސްޓައިކަރަކު ނުގެންދަން ޔުނައިޓެޑުން މިހާރު ނިންމާފައިވާ ކަމަށް އެ ކްލަބްގެ އެތެރޭގެ މަސްދަރުތަކާ ހާވާލާ ދީ އީއެސްޕީއެންއިން ބުންޏެވެ.

އަމޯރިމް، މިހާރު ނިންމާފައި ވަނީ މި ހަފުތާގައި އެ ޓީމުން ސޮއި ކުރުވި ބްރަޔަން އެމްބާމޯ ސެންޓަ ސްޓައިކަރަކަށް ކުޅުވުމަށް ކަމަށް ޔުނައިޓެޑްގެ މަސްދަރާ ހަވާލާ ދީ އީއެސްޕީއެންއިން ބުންޏެވެ. އެކަމަކު އޭނާ އަކީ ސެންޓަ ސްޓައިކަރެއް ނޫނެވެ. އޭނާ ކުޅެނީ ވިންގް ފޯވާޑްގެ މަގާމަށެވެ.

އާ ސީޒަނަށް ތައްޔާރުވުމަށް ޔުނައިޓެޑްގެ ޓީމުން ކޭމްކޮށްގެން ތިބީ އެމެރިކާގަ އެވެ. ހޮނިހިރު ދުވަހު ވެސްޓްހޭމް ޔުނައިޓެޑާ ދެކޮޅަށް ނިއުޖާޒީގައި ކުޅޭ އެކުވެރިކަމުގެ މެޗަކީ އެމްބާމޯ ޔުނައިޓެޑްގެ ޖޯޒީގައި ފެންނާނެ ފުރަތަމަ މެޗެވެ.