މެންޗެސްޓާ (ޖުލައި 19) - މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑް، 27، ލޯނު އެއްބަސްވުމެއްގައި ބާސެލޯނާއާ ގުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
މެންޗެސްޓާ (ޖުލައި 19) - މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑް، 27، ލޯނު އެއްބަސްވުމެއްގައި ބާސެލޯނާއާ ގުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
ދެ ކްލަބް އެއްބަސްވެގެން މި ޓްރާންސްފާގެ ކަންކަން ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، ބާސެލޯނާ ބޭނުން ނަމަ އެއްބަސްވުން ދާއިމީ ކުރުމުގެ ފުރުސަތު ވެސް ޔުނައިޓެޑުން ވަނީ ދީފަ އެވެ. އަދި ހުރިހާ ކަމެއް ފައިނަލް ކުރުމަށް ފަހު އަންނަ ހަފްތާ އޭނާގެ މެޑިކަލް ހަދަން ބާސެލޯނާ އަންނަނީ މަސައްކަތް ކުރަމުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ ވަނީ ލޯނު މުއްދަތުގައި ރަޝްފޯޑްގެ މުސާރައަށްވާ 12 މިލިއަން ޔޫރޯ ދައްކަން އެއްބަސް ވެފަ އެވެ. އަދި އެއްބަސްވުން ދާއިމީ ކުރާނީ 35 މިލިއަން ޔޫރޯގެ އަގަކަށް ކަމަށް ވެސް ރިޕޯޓް ކޮށްފައިވެ އެވެ.
ލިވަޕޫލްގެ ލުއިސް ޑިއާޒް އަށް ވެސް ބާސެލޯނާއިން ޝައުގުވެރިކަން ފާޅު ކުރި ނަމަވެސް މާލީ ދަތިތައް ކުރިމަތިވެފައިވާ ބާސެލޯނާއަށް އޭނާގެ އަގު މަތި ވުމުން، ރަޝްފޯޑް ގެންދަން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ވެސް ވަނީ އެއްބަސް ވެފަ އެވެ. އަދި މިދިޔަ ޖެނުއަރީ އިން ފެށިގެން ރަޝްފޯޑް ވަނީ އޭނާ ދާން ބޭނުންވާ ހަމައެކަނި ކްލަބަކީ ބާސެލޯނާ ކަމަށް ބުނެފަ އެވެ.
ޔުނައިޓެޑްގެ އެކަޑަމީން ތަމްރީނު ވެގެން 2015 ވަނަ އަހަރު ސީނިއާ ޓީމަށް ކުޅެން ފެށި ރަޝްފޯޑް ވަނީ މިހާތަނަށް ޔުނައިޓެޑަށް 426 މެޗު ކުޅެދީ، 138 ލަނޑު ޖަހައިދީފަ އެވެ. މި މުއްދަތުގައި ޔުނައިޓެޑާ އެކު ދެ އެފްއޭ ކަޕް އުފުލާލުމުގެ އިތުރުން ލީގް ކަޕާއި ކޮމިއުނިޓީ ޝީލްޑް އަދި ޔޫއެފާ ޔޫރޮޕާ ލީގު އެއްފަހަރު ކާމިޔާބު ކޮށްފައިވެ އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޯރިމް ވަނީ ރަޝްފޯޑްގެ އިތުުރުން އަލެހަންދްރޯ ގާނާޗޯ އާއި އެންޓޮނީ އަދި ޖޭޑަން ސަންޗޯ އަށް ކްލަބް ބަދަލު ކުރުމުގެ ފުރުސަތު ދީފަ އެވެ.
ރަޝްފޯޑް ވަނީ މިދިޔަ ސީޒަންގެ ފަހު ކޮޅު ލޯނު އެއްބަސްވުމެއްގައި އެސްޓަން ވިލާއަށް ކުޅެފަ އެވެ. ސަންޗޯ ޗެލްސީއަށް ކުޅުނު އިރު އެންޓޮނީ ވަނީ ސްޕެއިންގެ ރެއާލް ބެޓިސްގައި މޮޅު ކުޅުމެއް ދަައްކައިފަ އެވެ.
ޔުނައިޓެޑުން ވަނީ އަންނަ ސީޒަނަށް ވުލްވްސް އަށް ކުޅެމުން އައި ބްރެޒިލްގެ މެތިއުސް ކުންޔާ، 26، 62.5 މިލިއަން ޕައުންޑްގެ އަގަކަށް ސޮއި ކުރުވައިފަ އެވެ. އަދި ބްރެންޓްފޯޑަށް ކުޅެމުން އަންނަ 26 އަހަރުގެ ބްރަޔަން އެމްބުއެމޯ އަންނަނީ 71 މިލިއަން ޕައުންޑްގެ އަގަކަށް ޔުނައިޓެޑަށް ބަދަލުވާން ތައްޔާރު ވަމުންނެވެ. ބްރެންޓްފޯޑުން ވަނީ މި އަދަދު ހަތަރު އިންސްޓޯލްމަންޓަކަށް ބަހާލައިގެން ދައްކާ ގޮތަށް އެއްބަސްވެފަ އެވެ.
މީގެ އިތުރުން ވެސް ވަރުގަދަ ފޯވާޑެއް ހޯދަން ޔުނައިޓެޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ވިކްޓޯ ޔޯކެރޭސް އާސެނަލަށް ބަދަލުވާން ބޭނުން ވާއިރު، ލިވަޕޫލުން އަންނަނީ ފްރާންސްގެ ހޫގޯ އެކިޓިކޭ ހޯދުމުގައި ކުރި ހޯދަމުންނެވެ. ޗެލްސީގެ ނިކޮލަސް ޖެކްސަންގެ އަގު ބޮޑު ވުމާ އެކު އާރުބީ ލައިޕްޒިގަށް ކުޅޭ ސްޓްރައިކަރު ބެންޖަމިން ސެސްކޯ ހޯދަން ވެސް ޔުނައިޓެޑުން ޝައުގުވެރިވެ އެވެ.
މިދިޔަ ސީޒަނަށް ފަހު ޔުނައިޓެޑްގެ ޑިފެންޑަރު ޖޯނީ އީވަންސް ރިޓަޔާ ކޮށްފައި ވާއިރު، އެ ކްލަބުން ވަނީ ކްރިސްޓިއަން އެރިކްސަން އާއި ވިކްޓާ ލިންޑެލޯފް ވެސް ދޫކޮށްލައިފަ އެވެ.
ބާސާގައި ރަޝްފޯޑަށް އޮތީ ޕްރެކްޓިސްކޮށްކޮށް ހުރުން
ރަޝްފޯޑް ވިއްކާލަން ޔުނައިޓެޑުން ބާޒާރަށް ނެރެފި
ބާސާ އާއި ޔުނައިޓެޑް: ދެ ކޯޗުން ތައުރީފު އޮއްސާލައިފި
އެންޓޮނީއާ މެދު ޔުނައިޓެޑާއި ބެޓިސްގެ ހިޔާލުތަފާތުވުމެއް
ޔުނައިޓެޑްގައި އެއްވެސް މިސްރާބެއް ނެތް: ރަޝްފޯޑް
ޔުނައިޓެޑުން ސެސްކޯ އަށް އަލުން ފާރަލަނީ
ޔުނައިޓެޑުން ފާރަލީ ތިން ފޯވާޑުން ވާދަވެރި ކްލަބްތަކަށް
ޔުނައިޓެޑަށް އެމްބަމޯ ސޮއިކޮށްފި، އަދިވެސް ބިޑްކުރަނީ
އެންޓޮނީގެ އޯނާޝިޕްގައި ދެ ކްލަބް ހިއްސާވާން ހުށަހަޅަނީ
ރަޝްފޯޑަށްވުރެ 63 އަހަރުގެ ކޯޗު ވެސް ރަނގަޅު