Roadha Mihaaru

އެންޓޮނީގެ ޓްރާންސްފާއާ މެދު ޔުނައިޓެޑާއި ބެޓިސް ހިޔާލުތަފާތުމެއްގައި

މެންޗެސްޓާ ޔުނައިޓެޑުން ބާކީކޮށްފައިވާ ފޯވާޑް އެންޓޮނީގެ ޓްރާންސްފާއާ މެދު ރެއާލް ބެޓިސްއާ މެދު ހިޔާލުތަފާތުވުމަށް ހައްލެއް ނުހޯދި ދިގުލައިގެން ގޮސްފަ އެވެ.

އެންޓޮނީއާ މެދު ޔުނައިޓެޑާއި ބެޓިސްގެ ހިޔާލުތަފާތުވުމެއް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

27 އޯގަސްޓް 2025

މެންޗެސްޓާ ޔުނައިޓެޑުން ބާކީކޮށްފައިވާ ފޯވާޑް އެންޓޮނީގެ ޓްރާންސްފާއާ މެދު ރެއާލް ބެޓިސްއާ މެދު ހިޔާލުތަފާތުވުމަށް ހައްލެއް ނުހޯދި ދިގުލައިގެން ގޮސްފަ އެވެ.

މިދިޔަ ސީޒަނުގެ ދެވަނަ ހާފުގައި ބެޓިސް އަށް ލޯނު އުސޫލުން ބަދަލުވެ އެންޓޮނީ ވަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ބެޓިސްގައި އޭނާ ބަހައްޓަން އެ ކްލަބުން ބޭނުންވެ އެވެ. ނަމަވެސް މިހާތަނަށް ވެސް ޓްރާންސްފާގެ ޑީލު ނުނިމި ދިގުލައިގެން ގޮސްފައި ވަނީ ދެ ކްލަބްގެ ދެމެދުގައި އެއްބަސް ނުވެވޭތީ އެވެ.

ޔުނައިޓެޑުން ބޭނުން ވަނީ ދާއިމީ އެއްބަސްވުމުގައި އެންޓޮނީ ވިއްކާލާށެވެ. އެކަމަކު މެދުރާސްތާގެ ބަޖެޓެއްގައި ހިންގާ ބެޓިސްއިން އެ ހުށަހެޅުމަށް އެއްބަހެއް ނުވެ އެވެ. އެ ކްލަބުން ބޭނުން ވަނީ އަނެއްކާވެސް އިތުރު ލޯން އެއްބަސްވުމެކެވެ. ލޯން އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސޮއި ކުރުމުގެ އިހްތިޔާރު ލިބޭ ލޯނު އެއްބަސްވުމަކަށް ދާން ބެޓިސްއިން އިއުތިރާޒެއް ނުކުރެ އެވެ.

އަންނަ ހޯމަ ދުވަހު ޓްރާންސްފާ ޕީރިއަޑް ނިމުމުގެ ކުރިން އެންޓޮނީގެ ޑީލު ނިންމަން ދެ ކްލަބްގެ ދެމެދުގައި ދަނީ މަޝްވަރާ ކުރަމުންނެވެ.

ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމްގެ ޕްލޭންގައި ނުހިމެނޭތީ ބާކީކޮށްފައިވާ ތިން ކުޅުންތެރިންގެ ތެރޭގައި އެންޓޮނީ ހިމެނެ އެވެ. އޭނާ އާއި ޖާޑަން ސަންޗޯ އަދި އަލްހެންޑްރޯ ގާނާނާޗޯ ޕްރެކްޓިސް ކުރަނީ ވެސް ސްކޮޑާ ވަކިންނެވެ.

އަޔެކްސްއިން 2022 ގައި ޔުނައިޓެޑަށް ސޮއި ކުރި އެންޓޮނީއަކީ އެ ކްލަބުން ދެވަނަ އަށް އެންމެ އަގުބޮޑުކޮށް ސޮއި ކުރުވި ކުޅުންތެރިޔާ އެވެ. އޭނާގެ ޓްރާންސްފާ ފީ އަށް، 116 މިލިއަން ޑޮލަރު ޔުނައިޓެޑުން ހޭދަ ކުރި އެވެ. އޭރު ސޮއި ކުރި ފަސް އަހަރުގެ އެއްބަސްވުން ހަމަވާން ބާކީ އަދި ދެ އަހަރު އެބައޮތެވެ.

ޔުނައިޓެޑުން އެންމެ އަގުބޮޑުކޮށް ސޮއި ކުރުވި ކުޅުންތެރިޔަކީ ޔުވެންޓަސް އަށް 120 މިލިއަން ޑޮލަރު ދިނުމަށް ފަހު 2016 ގައި ސޮއި ކުރުވި ޕޯލް ޕޮގްބާ އެވެ.