Roadha Mihaaru
100 މިލިއަނުގެ މެގުއާ 38 މިލިއަނަށް ވިއްކާލަނީ

ޔުނައިޓެޑުން 100 މިލިއަން ޑޮލަރަށް ގަތް މެގުއާ 38 މިލިއަނަށް ވިއްކާލަނީ

10 އޯގަސްޓް 2023

ލަންޑަން (އޮގަސްޓް 10) - ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި 2019 ގައި މެންޗެސްޓާ ޔުނައިޓެޑުން ގަތް ހެރީ މެގުއާ 38 މިލިއަން ޑޮލަރަށް ވިއްކާލަން އެ ކްލަބުން އެއްބަސްވެއްޖެ އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ލަންޑަން (އޮގަސްޓް 10) - ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި 2019 ގައި މެންޗެސްޓާ ޔުނައިޓެޑުން ގަތް ހެރީ މެގުއާ 38 މިލިއަން ޑޮލަރަށް ވިއްކާލަން އެ ކްލަބުން އެއްބަސްވެއްޖެ އެވެ.

މެގުއާ، 30، ޔުނައިޓެޑަށް ބަދަލުވީ 100 މިލިއަން ޑޮލަރަށެވެ. އެކަމަކު އޭނާގެ ފަރާތުން އުއްމީދު ކުޅުމެއް ނުފެނި، ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން ވެސް އޭނާ އަށް ފުރުސަތު ނުލިބެ އެވެ. ޔުނައިޓެޑުން ވަނީ ލެސްޓާ ސިޓީގެ ކުރީގެ ޑިފެންޑަރު ވެސްޓް ހޭމް އަށް ވިއްކާލަން އެއްބަސްވެފަ އެވެ.

ވެސްޓް ހޭމް އިން މެގުއާ ގަންނަން އެންމެ ފުރަތަމަ ހުށަހެޅި ބިޑަށް ޔުނައިޓެޑުން ވަނީ ނޫނެކޭ ބުނެފަ އެވެ. އެކަމަކު މިހާރު އެ ކްލަބުން ވަނީ 38 މިލިއަން ޑޮލަރުގެ ބިޑަށް އާނ ބަސް ބުނެފަ އެވެ.

މެގުއާ މިދިޔަ ސީޒަނުގައި ޔުނައިޓެޑަށް ކުޅުނީ 30 މެޗެވެ. ލީގުގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބުނީ އެންމެ އަށް މެޗުގަ އެވެ. އެރިކް ޓެން ހަގް ޔުނައިޓެޑާއި ހަވާލުވުމަށް ފަހު ފުރަތަމަ އެގާރައިން ފުރުސަތު ދެނީ ލިސަންޑްރޯ މާޓިނޭޒް އާއި ރަފައެލް ވަރާން އަށެވެ. އެއިން ކުޅުންތެރިއަކު އަނިޔާވިޔަސް ބަދަލުގައި މެގުއާ އަށް ފުރުސަތެއް ނުލިބެ އެވެ. އެ ހާލަތުގައި ޓެން ހަގް ބޭނުންކުރީ ވިކްޓަ ލިންޑެލޯފް އާއި ލޫކް ޝޯ އެވެ.

ޔުނައިޓެޑްގެ ކެޕްޓަންކަން ކުރަމުން އައި މެގުއާ އަތުން ބޭންޑް ނަގައި އެ ޒިންމާ މިހާރު ވަނީ ބްރޫނޯ ފެނާންޑޭސްއާ ހަވާލުކޮށްފަ އެވެ. ޔުނައިޓެޑްގައި މެގުއާ ބާކީ ވިޔަސް ގަރެތު ސައުތުގޭޓް ކޯޗުކޮށްދޭ އިނގިރޭސި ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި މެގުއާ ހިމެނެ އެވެ.

މެގުއާގެ އިތުރުން ވެސްޓް ހޭމް އިން ވަނީ މިދިޔަ ސީޒަނުގައި ރެލިގޭޓްވި ސައުތެމްޓަން އަށް ކުޅުނު ޖޭމްސް ވާޑް ޕްރޯސް ގެނެސްފަ އެވެ.