Roadha Mihaaru
"ސައުދީއަށް އިހުތިރާމް ކުރަން، މެސީގެ ގެއަކީ ބާސާ"

ސައުދީ އަށް އިހުތިރާމް ކުރަން، އެކަމަކު މެސީގެ ގެއަކީ ބާސާ: ލަޕޯޓާ

17 މެއި 2023

ބާސެލޯނާ (މެއި 17) - ލިއޮނެލް މެސީ އަނބުރާ ގެނައުމުގެ ޝައުގުވެރިކަން ފާޅުކޮށް، މެސީގެ ގެއަކީ ބާސެލޯނާ ކަމަށް އެ ކްލަބުގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

ބާސެލޯނާ (މެއި 17) - ލިއޮނެލް މެސީ އަނބުރާ ގެނައުމުގެ ޝައުގުވެރިކަން ފާޅުކޮށް، މެސީގެ ގެއަކީ ބާސެލޯނާ ކަމަށް އެ ކްލަބުގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

މެސީ، 35، މިހާރު ކުޅެމުން އަންނަނީ ފްރާންސްގެ ޕީއެސްޖީ އަށެވެ. އެ ކްލަބާ އެކު ހަދާފައިވާ ދެ އަހަރު ދުވަހުގެ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. މި ސީޒަނަށް ފަހު މެސީ ކްލަބް ބަދަލު ކުރާނެ ކަމަށް އޮތީ ޔަގީން ވެފަ އެވެ.

މެސީގެ ސޮއި ހޯދުމުގެ މަސައްކަތް ސައުދީ އަރަބިއާގެ ކްލަބަކުން ކުރަމުން އަންނަ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު ލަޕޯޓާ ވިދާޅުވީ މެސީ ގެނައުމުގެ ރޭހުގައި ބާސެލޯނާ އަށް ވާދަނުކުރެވޭނެ ކްލަބެއް ނޯންނާނެ ކަމަށެވެ.

"ތާރީހުން އެކަން ދައްކައިދޭނެ. އަހަރެމެން މި ތިބީ ވަރުގަދަ އުއްމީދެއްގައި. މިއީ މުޅި ދުނިޔޭގައި 400 މިލިއަން ސަޕޯޓަރުން ތިބި ކްލަބެއް،" ސްޕެއިންގެ ޓީވީ އަކަށް ދެއްވި އިންޓަވިއުއެއްގައި ލަޕޯޓާ ވިދާޅުވި އެވެ.

ބާސެލޯނާގައި 21 އަހަރު ހޭދަކުރުމަށް ފަހު މެސީ އެ ކްލަބް ދޫކޮށްލީ މީގެ ދެ އަހަރު ކުރިންނެވެ. ބާސެލޯނާ ދޫކޮށް، ޕީއެސްޖީ އަށް ބަދަލުވެ، މިދިޔަ ދުވަސްތަކުގައި މެސީ އާއި އެ ކްލަބުގެ ސަޕޯޓަރުންނާ ދެމެދު އޮތް ގުޅުން ރަނގަޅެއް ނޫނެވެ. ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ޕީއެސްޖީގެ ބައެއް ސަޕޯޓަރުން ވަނީ މެސީއާ ދިމާކޮށްފަ އެވެ.

ޕީއެސްޖީގެ ހުއްދަ ނުހޯދައި މެސީ މި ފަހުން ސައުދީ އަރަބިއާ އަށް ދަތުރު ކުރުމުން، އޭނާ ދެ ހަފުތާގެ މުއްދަތަށް އެ ކްލަބުން ސަސްޕެންޑް ކުރި އެވެ. އެ މައްސަލާގައި މެސީ ވަނީ ކްލަބްގެ ކިބައިން މާފަށް އެދިފަ އެވެ. ސަސްޕެންޝަނަށް ފަހު އެނބުރި އައިސް ކުޅުނު މެޗުގައި ވެސް ސަޕޯޓަރުންގެ ނުރުހުން މެސީ އަށް އަމާޒު ވި އެވެ.

ރިޕޯޓްތައް ބުނާގޮތުން މެސީ ގެނައުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް ބާސެލޯނާ އޮތީ ތައްޔާރަށެވެ. ލަޕޯޓާ ވިދާޅުވީ އެކަމުގެ މަސައްކަތް ކުރާ ކަމަށާއި އުއްމީދެއް އޮތް ކަމުގެ އިހުސާސް ކުރެއްވޭ ކަމަށެވެ.

"މިހާރު އެއީ ޕީއެސްޖީގެ ކުޅުންތެރިއެއް. ސީޒަން ނިމެންދެން އަހަރެމެން ޖެހޭނެ މަޑުކުރަން. ސީޒަން ނިމުނީމާ މިހާރަށް ވުރެ ހަމަޖެހިގެން އެ ވާހަކަ ދެއްކޭނެ،" މެސީ އަނބުރާ ގެނައުމުގެ ވަރުގަދަ ރޫހެއްގައި ހުރި ކްލަބުގެ ރައީސް ވިދާޅުވި އެވެ.

"ސައުދީ އަށް އަހަރެން އިހުތިރާމް ކުރަން. އެކަމަކު ބާސެލޯނާ ވާނީ ބާސެލޯނާ އަށް. މިއީ މެސީގެ ގެ."