Roadha Mihaaru
މޮޅު ކުޅުންތެރިޔާއަށްވުރެ ކްލަބު ބޮޑު ވާނެ: ލަޕޯޓާ

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްވުރެ ކްލަބު ބޮޑު ވާނެ: ލަޕޯޓާ

06 އޯގަސްޓް 2021

ބާސެލޯނާ (އޯގަސްޓް 6) - ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވުރެ ކްލަބު ބޮޑު ވާނެ ކަމަށް، އެފްސީ ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބާސެލޯނާ (އޯގަސްޓް 6) - ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވުރެ ކްލަބު ބޮޑު ވާނެ ކަމަށް، އެފްސީ ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

އިއްޔެ އާއި މިއަދަކީ ލަޕޯޓާއަށް ބުރަ ދެ ދުވަހެވެ. ބާސާގެ ކެޕްޓަން ލިއޮނެލް މެސީ އަށް އެ ކްލަބުގައި މަޑުކުރެވޭ ގޮތް ނުވުމަކީ ލަޕޯޓާ އަށް ކުރިމަތިވި ބޮޑު ޕްރެޝަރެކެވެ. ލަޕޯޓާ ވިދާޅުވީ ކްލަބާއެކު ކުރިއަށް ދިއުމަށް މެސީ ވެސް އަދި ބާސާއިން ވެސް މަސައްކަތް ކުރި ކަމަށެވެ.

މެސީއާ އެކު ބާސާ އަށް ކުރިއަށް ދެވެން ނެތީ ކްލަބުގެ އާންމުދަނީ އަށް ވުރެ ކްލަބުގެ މުސާރަ ބިލް ބޮޑު ވުމުންނެވެ. އެއީ ލަ ލީގާގެ ފައިނޭންޝިއަލް ފެއާޕްލޭއާ ހިލާފުވާ ކަމެކެވެ.

"އަހަރެމެން ވަަރަށް ބޮޑަށް އޭނާއާ މެދު ފަހުރުވެރިވަން އަދި ވަރަށް ބޮޑަށް ޝުކުރުވެރިވަން،" މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ލަޕޯޓާ ވިދާޅުވި އެވެ. "އެކަމަކު އަހަރެމެންނަކަށް ހަގީގަތުގެ މައްޗަށް ބިނާ ނުވާ އުންމީދެއް ނުދެވޭނެ. އެކަމަކުން ހަގީގަތް ބަދަލު ނުކުރެވޭނެ އުންމީދެއް ވެސް ނުދެވޭނެ. އޭނާއާ އެކު އަހަރެމެންގެ މުސާރަައިގެ ޕަސެންޓަކީ އާމްދަނީގެ 110 ޕަސެންޓް. އޭނާ ނުލައިފިނަމަ 95 ޕަސެންޓް."

މެސީއާ އެކު ކޮންޓްރެކްޓް ހެދުމުގެ ކުރިން، ބާސާއިން ވަނީ ސާޖިއޯ އަގުއޭރޯ، އެރިކް ގާސިއާ، މެންފިސް ޑިޕާއީ އަދި އެމާސަން ރޯޔަލްއާ އެކު އެއްބަސްވުން ހަދައިފަ އެވެ. މެސީ އަށް އިސްކަން ނުދީ އެ ކުޅުންތެރިން ލައްވައި ބާސާއިން ކުރިން ސޮއި ކުރުވީ ކަން ފާހަގަކޮށް ނޫސްވެރިން އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން ލަޕޯޓާ ވިދާޅުވީ މެސީގެ މުސާރައަށް ވުރެ އެ ހުރިހާ ކުޅުންތެރިންގެ މުސާރަ ވެސް ކުޑަ ކަމަށެވެ. އެހެންވެ މެސީގެ ޓްރާންސްފާ އާ އެކަމާ ގުޅުމެއް ނެތް ކަމަށް ލަޕޯޓާ ވިދާޅުވެ އެވެ.

"އަހަރެމެންގެ ހިސާބުތަކުން އެ ކުޅުންތެރިން ރަޖިސްޓްރީ ކުރެވޭނެ ސަބަބަކީ އެ ކުޅުންތެރިންގެ މުސާރައަކީ މެސީގެ މުސާރައާ އެއްވަރުގެ މުސާރައެއް ނޫން."

ލަޕޯޓާ ވިދާޅުވީ، ބާސާގެ މާލީ ހިސާބުތައް ހުރީ ކަންބޮޑުވާން ޖެހޭ ދަރަޖައެއްގައި ކަމަށެވެ.

"ހިސާބުތައް ހުރީ (ކުރީގެ ބޯޑުން) އަހަރެމެންނަށް ކިޔައި ދިން ގޮތަކަށް ނޫން. އަދި އަހަރެމެން ހީކޮށްގެން ތިބި ގޮތަކަށް ނޫން،" ލަޕޯޓާ ވިދާޅުވި އެވެ.

މެސީ ރަޖިސްޓާ ކުރުމުގައި ލަ ލީގާއިން ލުއި ނުލިބުމުން ލަޕޯޓާ ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ. އޭނާ ވިދާޅުވީ ލަ ލީގާގެ ފަރާތުން ފަސޭހަ ގޮތްތައް ހޯދައިދޭނެ ކަމަށް އޭނާ އުންމީދު ކުރެއްވި ކަމަށެވެ.

"އަހަރެމެންނަށް ޕްރެޝަރު އޮތީ އެހެން ކްލަބުތަކުން ފައިނޭންޝިއަލް ފެއާޕްލޭ ކޮމްޕްލައި ކުރަން ބާއްވަން ބޭނުން ވާތީ. އެހެން ކްލަބުތަކުން ބޭނުންވޭ ފައިނޭންޝިއަލް ފެއާޕްލޭއާ އެއްހަމަކޮށް ގެންދަން. އަކަމަށް އަހަރެމެން އިހުތިރާމް ކުރަން،" ލަޕޯޓާ ވިދާޅުވި އެވެ.

"ފައިނޭންޝިއަލް ފެއާޕްލޭއާ ކޮމްޕްލައި ކުރަން ބައިގަރުނުވީ ޓެލެވިޒަން ރައިޓްސް އަހަރެމެންނަކަށް މޯޓޯގޭޖެއް ނުކުރެވޭނެ. އަހަރެން މިހުރީ އެކަން ކުރާ ގޮތަކަށް ނޫން. މިއީ 122 އަހަރުގެ ތާރީހެއް އޮތް ކްލަބެއް. އެ ކްލަބު ކޮންމެ ކުޅުންތެރިޔަކަށް ވުރެ ބޮޑު ވާނެ އެ ވަރިހަމަ ދުނިޔޭގެ އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަށް ވިޔަސް."

ލަ ލީގާއިން ވަނީ އެ ލީގުގެ 10 ޕަސެންޓް ހިއްސާ، ސީވީސީ އިންވެސްޓްމެންޓަށް ވިއްކައިލައިގެން ތިން ބިލިއަން ޑޮލަރު ހޯދައިފަ އެވެ. އެ އެއްބަސްވުމާ ބާސާއިން ދެކޮޅެވެ. އެ އެއްބަސްވުމުގެ ދަށުން ލަލީގާގެ ޓެލެވިޒަން ރައިޓްސް ފީ ކޮންޓްރޯލް ކުރުމުގެ ފުރުސަތު ސީވީސީ އަށް ލިބިގެންދެ އެވެ. ލިބުނު ފައިސާގެ 90 ޕެަސެންޓް ކަލްބުތަކަށް ބެހުމަށް ލަ ލީގާއިން ވަނީ ނިންމަައިފަ އެވެ. ލަ ލީގާގެ ނިންމުމާ މެދު އެ ލީގުގެ އެންމެ ބޮޑު ދެ ކްލަބު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާއިން ދެކޮޅު ހަދަ އެވެ.