Roadha Mihaaru
ކޫމަންއާ އެކު ބާސެލޯނާ އަނެއްކާވެސް ބަލިވެއްޖެ

ކޫމަންއާ އެކު ބާސެލޯނާ އަނެއްކާވެސް ބަލިވެއްޖެ

30 ސެޕްޓެމްބަރ 2021

ލިޒްބަން (ސެޕްޓެމްބަރު 30) - ޔޫއެފާ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ރޭ ރަށުން ބޭރުގައި ޕޯޗުގަލްގެ ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗް 3-0 އިން ބަލިވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލިޒްބަން (ސެޕްޓެމްބަރު 30) - ޔޫއެފާ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ރޭ ރަށުން ބޭރުގައި ޕޯޗުގަލްގެ ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗް 3-0 އިން ބަލިވެއްޖެ އެވެ.

ބާސާގެ މި ބައްޔާ އެކު ކޯޗު ރޮނާލްޑް ކޫމަންއަށް ވަނީ މަގާމުގެ ޕްރެޝަރު އެތައް ގުނައެއް ބޮޑުވެފަ އެވެ. ލީގުގައި އެޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ކޫމަން ސަސްޕެންޝަނުގައި ހުރުމުގެ ސަބަބުން ޓީމަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗެވެ. އެ މެޗަކީ ބާސެލޯނާ ބައިކޮޅަށް ގޯލެއް ނުވަދެ މި ސީޒަނުގައި މޮޅުވި ފުރަތަމަ މެޗެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ބާސެލޯނާ ކާމިޔާބުކުރީ 3-0 އިންނެވެ.

ޗެމްޕިއަންސް ލީގު ގުރޫޕް އީގައި ރޭ ކޫމަންއާ އެކު ނުކުތް ބާސާ ކޮޅަށް ބެންފީކާއިން ފުރަތަމަ ލަނޑު ޖެހީ މެޗުގެ ތިންވަނަ މިނިޓުގައި ޒުވާން ފޯވަޑް ޑާވިން ނޫނޭޒް އެވެ. ދެވަނަ ލަނޑު 69 ވަނަ މިނިޓުގައި ރަފާ ސިލްވާ ކާމިޔާބު ކޮށްދިންއިރު، ތިންވަނަ ލަނޑު 79 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޖެހީ ފުރަތަމަ ލަނޑުވެސް ޖެހި ނޫނޭޒް އެވެ. މެޗުގެ 87 ވަނަ މިނިޓުގައި ބާސާގެ ޑިފެންޑަރު އެރިކް ގާސިއާއަށް ވަނީ ދެވަނަ ރީނދުލަކާ އެކު ރަތް ކާޑެއް ވެސް ދައްކައިފަ އެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖު ފުރަތަމަ މެޗުގައި ވެސް ބާސެލޯނާ ވަނީ 3-0 އިން ބަލިވެފައެވެ. އެމެޗުގައި ބާސާ ބަލިކުރި ޖަރުމަންގެ ބެޔާން މިއުނިކުން ވަނީ ރޭ ޔޫކްރެއިންގެ ޑިނަމޯ ކިއޭވް އަތުން 5-0 އިން މޮޅުވެފަ އެވެ. ރޮބަޓް ލެވަންޑޯސްކީ މި މެޗުގައި ދެ ގޯލު ޖެހިއިރު އަނެއް ތިން ގޯލު ޖެހީ ސާޖް ގްނަބްރީ އާއި ލެރޯއި ސާނޭ އަދި އެރިކް މެކްސިމް ޗޮޕޫ-މޯޓީން އެވެ.

މިއީ ޗެމްޕިއަންސް ލީގު ސީޒަނެއްގައި ބާސެލޯނާގެ ތާރީހުގައި ވެސް އެންމެ ދަށް ފެށުމެވެ. އެންމެ ޕޮއިންޓެއް ވެސް ނުލިބި ބާސެލޯނާ އޮތީ މި ވަގުތު ގުރޫޕް ތާވަލުގެ ފުލުގަ އެވެ.