Roadha Mihaaru
މިފަހަރު ވެސް ބެޔާން އާއި ބާސާ އެއް ގުރޫޕެއްގައި

ޗެމްޕިއަންސް ލީގު: މިފަހަރު ވެސް ބެޔާން އާއި ބާސާ އެއް ގުރޫޕެއްގައި

25 އޯގަސްޓް 2022

އިސްތަންބޫލް (އޮގަސްޓް 25) - މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ވެސް ސްޕެއިންގެ ބާސެލޯނާ އާއި ޖަރުމަންގެ ބެޔާން މިއުނިކް އެއް ގުރޫޕެއްގައި ލައްވާލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އިސްތަންބޫލް (އޮގަސްޓް 25) - މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ވެސް ސްޕެއިންގެ ބާސެލޯނާ އާއި ޖަރުމަންގެ ބެޔާން މިއުނިކް އެއް ގުރޫޕެއްގައި ލައްވާލައިފި އެވެ.

ބާސެލޯނާ އާއި ބެޔާން ހިމެނޭ ގުރޫޕް ސީ ގައި ދެން ހިމެނެނީ އިޓަލީގެ އިންޓަ މިލާނާއި ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕެލްޒަން އެވެ. މިދިޔަ ސީޒަނުގައި ވެސް ބާސާ އާއި ބެޔާން ދެ ޓީމު އެއް ގުރޫޕެއްގައި ހިމެނުނު އިރު، ބެޔާންއާ ކުޅުނު ދެ މެޗުން ވެސް ބަލިވެގެން ބާސާ އަށް ޖެހުނީ ތިންވަނައިގައި ނިންމައި، ޔޫރޮޕާ ލީގު ކުޅޭށެވެ.

މީގެ ކުރިން މި ދެޓީމު ޗެމްޕިއަންސް ލީގުގައި ޖުމްލަ 11 ފަހަރު ވާދަ ކޮށްފައި ވެއެވެ. އޭގެ ތެރެއިން ބެޔާން އިން އަށް މެޗު ކާމިޔާބު ކުރި އރު ބާސާ އަށް މޮޅު ވެވުނީ ދެ މެޗުންނެވެ. އެއް މެޗު ވަނީ އެއްވަރު ވެގެން ނިމިފަ އެވެ. ދެ ޓީމުގެ ފޯރިގަދަ ކުރިމަތިލުންތަކުގައި އާއްމު ގޮތެއްގައި ގިނަ ގޯލުތަކެއް ފެނިފައި ވާއިރު، އެންމެ ތަފާތު ބޮޑު ނަތީޖާއެއް ފެނުނީ، 2019/20 ސީޒަނުގެ ކުއާޓާ ފައިނަލުގައި ބެޔާނުން 8-2 އިން މޮޅުވި މެޗުގަ އެވެ.

ބެޔާން މިއުނިކުން މިހާތަނަށް ހަ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައި ވާއިރު، ބާސެލޯނާ ވަނީ ފަސް ފަހަރު މުބާރާޓް ކާމިޔާބު ކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގައި ބެޔާން މިއުނިކަށް އެންމެ ގިނަ ލަނޑު ޖަހައިދިން ފޯވާޑް ރޮބާޓް ލެވަންޑޯސްކީ މިސީޒަނުގައި ހުރީ އިދިކޮޅު ބާސެލޯނާގަ އެވެ.

ޗެމްޕިއަންސް ލީގު ހޯދަން އެތައް މަސައްކަތެއް ކުރަމުން އަންނަ ފްރާންސްގެ ޕީއެސްޖީ ލައްވާލީ އިޓަލީގެ ޔުވެންޓަސް އާއި ޕޯޗުގަލްގެ ބެންފީކާ އަދި އިޒްރޭލުގެ މަކާބީ ހައިފާ އާއެކު ގުރޫޕް އެޗްގަ އެވެ. ފާއިތުވި ހަތް ސީޒަނުގައި ޕީއެސްޖީ އަށް ކުޅުނު އާޖެންޓީނާގެ ވިންގާ އެންހެލް ޑި މާރިއާ، އިޓަލީގެ ޔުވެންޓަސް އަށް ބަދަލު ވެފައި ވާއިރު، އޭނާ ޔޫރަޕުގައި އެންމެ ފުރަތަމަ ކުޅުނު ކުލަބަކީ، މި ގުރޫޕުގައި ހިމެހޭ ބެންފީކާ އެވެ. ޕީއެސްޖީއަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ ރެއާލް މެޑްރިޑާ އެކު ޗެމްޕިއަންސް ލީގު ހޯދައިފަ އެވެ.

ޑި މާރިއާ، ޕީއެސްޖީ އާއި ބެންފީކާ އަދި މިހާރު އުޅޭ ޔުވެންޓަސް އާއެކު ލަނޑު ޖެހުމަށް ފަހު އޭނާގެ ސިގްނޭޗާ ގޯލް ސެލެބްރޭޝަނާ އެކު. ތިން ޓީމު ވެސް ހިމެނެނީ އެއް ގުރޫޕެއްގައި-- ފޮޓޯ: އޭއެފްޕީ

ޑި މާރިއާ، ޕީއެސްޖީ އާއި ބެންފީކާ އަދި މިހާރު އުޅޭ ޔުވެންޓަސް އާއެކު ލަނޑު ޖެހުމަށް ފަހު އޭނާގެ ސިގްނޭޗާ ގޯލް ސެލެބްރޭޝަނާ އެކު. ތިން ޓީމު ވެސް ހިމެނެނީ އެއް ގުރޫޕެއްގައި-- ފޮޓޯ: އޭއެފްޕީ

މިދިޔަ ސީޒަނުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ލައްވާލީ، ޖަރުމަންގެ އާރުބީ ލައިޕްޒިގާއި ޔޫކްރޭނުގެ ޝަކްތާ ޑޮނެސްކް އަދި ސްކޮޓްލެންޑުގެ ސެލްޓިކާ އެކު ގުރޫޕް އެފްގަ އެވެ. އަދި ރަނަރަޕް ލިވަޕޫލް ހިމެނެނީ ނެދަލެންޑްސްގެ ޗެމްޕިއަން އަޔެކްސް އާއި އިޓަލީގެ ނަޕޯލީ އަދި ސްކޮޓްލެންޑުގެ ރޭންޖާސް އާއެކު ގުރޫޕް އޭގަ އެވެ.

މިދިޔަ ސީޒަނުގައި އިޓަލީގެ ޗެމްޕިއަންކަން ހޯދި އޭސީ މިލާން ހިމެނެނީ ޗެލްސީ އާއި އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގް އާއި ކްރޮއޭޝިއާގެ ޑީނަމޯ ޒަގްރެބް އާއެކު ގުރޫޕް އީގަ އެވެ. މިހާތަނަށް ހަތް ފަހަރު ޗެމްޕިއަންސް ލީގު ހޯދާފައިވާ އޭސީ މިލާނުން މިހާތަނަށް މުބާރާތުގައި ޗެލްސީއާ ކުޅުނީ ދެ ފަހަރު އެވެ. އެއީ ވެސް ގުރޫޕް ސްޓޭޖުގެ ދެ މެޗެވެ. މީގެ 22 އަހަރު ކުޅުނު އެ ދެ މެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ.

އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާ ދެ ސީޒަނަށް ފަހު އަލުން ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުން ޖާގަ ހޯދި އިރު، އެ ޓީމު ހިމެނެނީ މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގު ޗެމްޕިއަން، ޖަރުމަންގެ އެއިންޓްރަކް ފްރޭންކްފާޓާއި ޕޯޗުގަލްގެ ސްޕޯޓިން އަދި ފްރާންސްގެ މާސޭ އާއެކު ގުރޫޕް ޑީގަ އެވެ.(

ހާލަންޑް، ޑޯޓްމަންޑް (ވ) އަދި ސިޓީ (ކ) އާއެކު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ޑޯޓްމަންޑް ދޫކޮށް ހާލަންޑް ސިޓީ އަށް ބަދަލުވީ މި ސީޒަނުގައި. ސިޓީ އާއި ޑޯޓްމަންޑް ހިމެނެނީ އެއް ގުރޫޕެއްގައި-- ފޮޓޯ: އޭއެފްޕީ

ހާލަންޑް، ޑޯޓްމަންޑް (ވ) އަދި ސިޓީ (ކ) އާއެކު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ޑޯޓްމަންޑް ދޫކޮށް ހާލަންޑް ސިޓީ އަށް ބަދަލުވީ މި ސީޒަނުގައި. ސިޓީ އާއި ޑޯޓްމަންޑް ހިމެނެނީ އެއް ގުރޫޕެއްގައި-- ފޮޓޯ: އޭއެފްޕީ

ޖަރުމަން ދޫކޮށް އިންގްލެންޑުގެ މެންޗެސްޓާ ސިޓީ އަށް ބަދަލުވި ފޯވާޑް އާލިން ބްރައުޓް ހާލަންޑަށް ވަނީ މި ގުރޫޕް ސްޓޭޖުގައި ކުރީގެ ކުލަބާ ވާދަކުރަން ޖެހިފަ އެވެ. ސިޓީ އާއި ޑޯޓްމަންޑް ހިމެނެނީ ސްޕެއިންގެ ސެވިއްޔާ އާއި ޑެންމާކުގެ ކޯޕަންހޭގަން އާއެކު ގުރޫޕް ޖީގަ އެވެ.

ޗެމްޕިއަންސް ލީގުގެ ގުރޫޕްތައް:

ގުރޫޕް އޭ: އަޔެކްސް، ލިވަޕޫލް، ނަޕޯލީ، ރޭންޖާސް

ގުރޫޕް ބީ: ޕޯޓޯ، އެތުލެޓިކޯ މެޑްރިޑް، ބެޔާން ލެވެކޫސަން، ކްލަބް ބުރޫޖް

ގުރޫޕް ސީ: ބެޔާން މިއުނިކް، ބާސެލޯނާ، އިންޓަ މިލާން، ވިކްޓޯރިއާ ޕެލްޒަން

ގުރޫޕް ޑީ: އެއިންޓްރަކް ފްރޭންކްފާޓް، ޓޮޓެންހަމް ހޮޓްސްޕާ، ސްޕޯޓިން، މާސޭ

ގުރޫޕް އީ: އޭސީ މިލާން، ޗެލްސީ، ރެޑްބުލް ސަލްޒްބާގް، ޑީނަމޯ ޒަގްރެބް

ގުރޫޕް އެފް: ރެއާލް މެޑްރިޑް، އާރުބީ ލައިޕްޒިގް، ޝަކްތާ ޑޮނެސްކް، ސެލްޓިކް

ގުރޫޕް ޖީ: މެންޗެސްޓާ ސިޓީ، ސެވިއްޔާ، ބޮރޫޝިއާ ޑޯޓްމަންޑް، ކޯޕަންހޭގަން

ގުރޫޕް އެޗް: ޕީއެސްޖީ، ޔުވެންޓަސް، ބެންފީކާ، މަކާބީ ހައިފާ