Roadha Mihaaru
ބެޔާން އަތްދަށުވެ، ޒަވީއާ އެކު ބާސެލޯނާ ޔޫރޮޕާ ލީގަށް

ބެޔާން އަތްދަށުވެ، ޒަވީއާ އެކު ބާސެލޯނާ ޔޫރޮޕާ ލީގަށް

09 ޑިސެމްބަރ 2021

މިއުނިކް (ޑިސެމްބަރު 9) - ޔޫއެފާ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖަރުމަންގެ ބެޔާން މިއުނިކް އަތުން 3-0 އިން ބަލިވެ، ސްޕެއިންގެ ބާސެލޯނާ، ޔޫރޮޕާ ލީގުގައި ވާދަކުރަން ޖެހިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިއުނިކް (ޑިސެމްބަރު 9) - ޔޫއެފާ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖަރުމަންގެ ބެޔާން މިއުނިކް އަތުން 3-0 އިން ބަލިވެ، ސްޕެއިންގެ ބާސެލޯނާ، ޔޫރޮޕާ ލީގުގައި ވާދަކުރަން ޖެހިއްޖެ އެވެ.

ޖަރުމަނުގައި ކޮވިޑު ފެތުރުން އާއްމުވުމާ ގުޅިގެން ސަޕޯޓަރުން ނުވައްދައި ބާސެލޯނާއާ ދޮކޮޅަށް ކުޅުނު މެޗު ބެޔާން ކާމިޔާބުކުރީ 3-0 އިންނެވެ. ސްޕެއިންގައި މި ދެޓީމު ކުޅުނު މެޗު ވެސް ބެޔާން ކާމިޔާބު ކުރީ ހަމަ މި ނަތީޖާ އިންނެވެ.

ރޭގެ މެޗުގައި ބެޔާންގެ ލަނޑުތައް ޖަހައިދިނީ، ތޯމަސް މުލާ އާއި ލިރޯއީ ސާނޭ އަދި ޖަމާލް މުސިއާލާ އެވެ. ތިންވަނަ ގޯލު ޖެހި މުސިއާލާވެފައި ވަނީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ބާސެލޯނާ ކޮޅަށް ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ. ރޭގެ މެޗުގައި އޭނާ ލަނޑު ޖެހިއިރު އުމުރަކީ 18 އަހަރާއި 285 ދުވަހެވެ.

މީގެ ކުރިން މި ރެކޯޑް އޮތީ، 2012 ވަނަ އަހަރު، ގުރޫޕް ސްޓޭޖުގައި ސެލްޓިކު އަތުން 2-1 އިން ބާސެލޯނާ ބަލިވި މެޗުގައި ގޯލު ޖެހި ސެލްޓިކުގެ ޓޯނީ ވަޓް އަތުގަ އެވެ. އޭރު ވަޓްގެ އުމުރަކީ 18 އަހަރާއި 314 ދުވަހެވެ.

މި ސީޒަނުގައި އުނދަގޫ ހާލަތެއްގައި އޮތް ބާސެލޯނާގެ ކޯޗުކަމާ މީގެ މަހެއް ކުރިން އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ޒަވީ ހެނާންޑޭޒް ހަވާލުވިއިރު ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ބާސެލޯނާއަށް ބާކީ އޮތީ ދެ މެޗެވެ. މި ދެ މެޗުން ވެސް ބާސެލޯނާއަށް މޮޅެއް ނުހޯދުނުއިރު، އެ ޓީމު ނިންމާލަން ޖެހުނީ ގުރޫޕުގެ ތިންވަނައިގަ އެވެ.

ގުރޫޕުގެ ދެވަނައިގައި ޗެމްޕިއަންސް ލީގު ދެވަނަ ބުރަށް ދިޔައީ، ރޭ އަމިއްލަ ދަނޑުގައި ޔޫކްރޭންގެ ޑައިނަމޯ ކިއޭވް 2-0 އިން ބަލިކުރި ޕޯޗުގަލްގެ ބެންފީކާ އެވެ.

ބާސެލޯނާ އެންމެ ފަހުން ޔޫރޮޕާ ލީގު ކުޅުނީ 2003-2004 ސީޒަނުގަ އެވެ. އެ ސީޒަނުގައި ޒަވީ ވަނީ ބާސެލޯނާއާ އެކު ޔޫރޮޕާ ލީގު (އޭރުގެ ޔޫއެފާ ކަޕް) ކުޅެފަ އެވެ. އަދި އެންމެ ފަހުން ބާސެލޯނާ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުން ކަޓައި، ޔޫރޮޕާ ލީގުގައި ވާދަކުރަން ޖެހުނު 2000-2001 ސީޒަނުގައި ވެސް ޒަވީ ވަނީ ބާސެލޯނާއަށް ކުޅެފަ އެވެ.