Roadha Mihaaru
އޮލިމްޕިކްސްއަށް ޕެޑްރީ ނެގުމުން ކޫމަން ރުޅި ގަދަވެއްޖެ

ސްޕެއިންގެ އޮލިމްޕިކްސް ޓީމަށް ޕެޑްރީ ނެގުމުން ކޫމަން ރުޅި ގަދަވެއްޖެ

20 ޖުލައި 2021

ބާސެލޯނާ (ޖުލައި 20) - ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު ޕެޑްރީ ގޮންޒާލޭޒް، ސްޕެއިންގެ އޮލިމްޕިކްސް ޓީމަށް ނެގުމުން ބާސާގެ ކޯޗު ރޮނަލްޑް ކޫމަން ރުޅި އަތުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބާސެލޯނާ (ޖުލައި 20) - ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު ޕެޑްރީ ގޮންޒާލޭޒް، ސްޕެއިންގެ އޮލިމްޕިކްސް ޓީމަށް ނެގުމުން ބާސާގެ ކޯޗު ރޮނަލްޑް ކޫމަން ރުޅި އަތުވެއްޖެ އެވެ.

ކޫމަން ހިތްހަމަނުޖެހުނީ ޔޫރޯ ފުޓްބޯޅަ މުބާރާތް ނިންމި ގޮތަށް އަނެއްކާ އޮލިމްޕިކްސްގައި ވާދަކުރާ ސްޕެއިންގެ ޓީމަށް ވެސް ޕެޑްރީ ނެގުމުންނެވެ. ޔޫރޯގެ ސެމީ ފައިނަލަށް ދަތުރު ކުރި ސްޕެއިންގެ ޓީމުގައި ޕެޑްރީ، 18، ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

"ޕެޑްރީ މާ ގިނައިން ކުޅެފި. އަހަރެމެން ޖެހޭނެ އޭނާ އަށް ވެސް އަރާމު ކުރަން ވަގުތު ދޭން. ހޫނު މޫސުމުގައި އެންމެންނަށް ވެސް އަރާމު ކުުރުމަށް ވަގުތު ދޭން ޖެހޭނެ،" ކޫމަން ބުންޏެވެ.

"ޕެޕް ގާޑިއޯލާ ވެސް ބުނެފައިވާ ފަދައިން މުހިންމު ދެ މުބާރާތެއް ހޫނު މޫސުމުގައި ކުޅުމަކީ ދެން ބޮޑު ވަރު ކަމެއް. އެކަމަކު އަހަރެމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް. އޭނާ [ޕެޑްރީ] ގެ ފުޓްބޯޅަ އަންނަނީ ތަރައްގީ ވަމުން. އޭނާ އަކީ ވަރަށް ބަސް އަހާ މަޑުން ހުންނަ ކުއްޖެ. އޭނާ ދިރުއުޅެނީ ފުޓްބޯޅައިގައި އޭނާ އަކީ ޒުވާން ކުޅުންތެރިންނަށް ނަމޫނާއެއް ގޮތަށް."

އަރާމު ކުރާނެ ފުރުސަތެއް ނުލިބެނީސް އޮލިމްޕިކް ޓީމާ އެކު އޭނާ ވަނީ ޓޯކިޔޯ އަށް ދަތުރުކޮށްފަ އެވެ. އޮލިމޕިކް ގޭމްސްގެ ފުޓްބޯޅަ އިވެންޓުގެ ގުރޫޕް ސީގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު ނުކުންނާނީ މިސްރާ ދެކޮޅަށެވެ.