Roadha Mihaaru
ކޫމަން ކަންތައް ކުރިގޮތުން ލަޕޯޓާ ހައިރާން ވެއްޖެ

ކޫމަން ކަންތައް ކުރިގޮތުން ލަޕޯޓާ ހައިރާން ވެއްޖެ

23 ސެޕްޓެމްބަރ 2021

މެޑްރިޑް (ސެޕްޓެމްބަރު 23) - މީޑިއާ އަށް ބްރީފިންއެއް ދިނުމަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް އިންތިޒާރު ކުރުމެއް ނެތި ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ޕްރެސް ކޮންފެރެންސް ދޫކޮށްލުމުން، އެކަމާ ހައިރާންވި ކަމަށް ބާސާގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެޑްރިޑް (ސެޕްޓެމްބަރު 23) - މީޑިއާ އަށް ބްރީފިންއެއް ދިނުމަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް އިންތިޒާރު ކުރުމެއް ނެތި ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ޕްރެސް ކޮންފެރެންސް ދޫކޮށްލުމުން، އެކަމާ ހައިރާންވި ކަމަށް ބާސާގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

ލަލީގާގައި މިރޭ ކާޑިޒްއާ ދެކޮޅަށް ބާސާ ކުޅޭ މެޗުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސަށް ހާޒިރުވުމަށް ފަހު ކޫމަން ވާހަކަ ދެއްކީ އޭނާ ތައްޔާރުކޮށްފައިވާ ސްޓޭޓްމެންޓް ބަލައިގެންނެވެ. އޭނާ ބުނީ ބާސާ އަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުގެ ސަބަބުން ދަނޑުމަތީގައި ޓީމަށް އަަސަރުކުރާ ކަމަށެވެ.

އޭނާ އިތުރަށް ބުނީ ޓީމަށް ވަގުތު ބޭނުންވާ ކަމަށެވެ. އަދި ދެތިން އަހަރުތެރޭ ދުނިޔޭގެ ފެންވަރުގެ ތަރިންނަށް ވެވޭނެ ފެންވަރުގެ ކުޅުންތެރިން ބާސާގެ ސްކޮޑްގައި އެބަތިބި ކަމަށް ކޫމަން ބުންޏެވެ.

"އަހަރެމެންގެ ކޯޗިން ސްޓާފުން މި މަސައްކަތް ކުރަނީ މާބޮޑު އިންވެސްޓްމެންޓެއް ނެތި ޓީމު ބިނާ ކުރަން. އެހެންވީމަ އެކަމަށް ވަގުތު ނާގާނެ،" އިއްޔެގެ ޕްރީ މެޗު ޕްރެސް އަށް ހާޒިރުވެ ސްޓޭޓްމެންޓް ބަލައިގެން ހުރެ ކޫމަން ކިޔައި ދިނެވެ.

"މި ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ވޯލްޑް ކްލާސް ތަރިންނަށް ވުމުގެ ފުރުސަތު އެބައޮތް، ޒަވީ ހެނާންޑޭޒް އާއި އެންޑްރެސް އިނިއެސްޓާއަށް ލިބުނު ކަހަލަ ފުރުސަތުތައް އެ ކުޅުންތެރިންނަށް ލިބޭނެ. ނަމަވެސް ކެތްތެރިކަން ބޭނުންވޭ."

ސްޓޭޓްމެންޓް ނިންމާލުމަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދީ ކޫމަން ޕްރެސް ދޫކޮށް ނުކުތުމުން، ލަޕޮޓާ ވިދާޅުވީ ކޫމަން އެގޮތަށް ހަދަން އުޅޭކަން އެނގުނީ ޕްރެސް ފެށުމުގެ ކުރިން އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ކަމަށެވެ.

"އަހަރެން ވެސް ހައިރާންވި. އަހަންނަށް އެކަން އެނގުނީ އެންމެ ފަހު މިނިޓުގައި. ޕްރެސްތަކަށް ހާޒިރުވެ ސުވާލުތަކަށް ޖަވާބު ދިނުމަކީ އޭނާ ކުރަން ޖެހޭނެ ކަމެއް،" ލަޕޯޓާ ވިދާޅުވި އެވެ.

"އެކަމަކު އޭނާ ބޭނުން ވާހަކައެއް ދެއްކުމުގެ ފުރުސަތު ވެސް އޭނާ އަށް އޮންނާނެ. ކޯޗުގެ ވާހަކަ ތަކަށް އަހަރެމެން އިހިތިރާމް ކުރަން. އެކަމަކު އަހަންނަށާއި ޓީމުގެ ކެޕްޓަނުންނަށް އެކަން އެނގުނީ އެންމެ ފަހު މިނިޓްގައި."

އެންމެ ފަހު ދެ މެޗުން ނަތީޖާ ނުނެރެވުމުން ކޫމަން އާއި ބާސާގެ ޓީމަށް އޮތް ޕްރެޝަރު ބޮޑެވެ. ލަޕޯޓާ ވިދާޅުވީ މިރޭ ކުޅޭ މެޗުން ރަނގަޅު ނަތީޖާއެއް ނެރެވިއްޖެނަމަ ޓީމު މިހާރު އޮތް ހާލަތުން އަރައިގަތުމަށް ހިތްވަރު ލިބޭނެ ކަމަށެވެ.