Roadha Mihaaru
އެހެން ކޯޗަކު ނުލިބުމުން ކޫމަން މަގާމުގައި ބަހައްޓައިފި

މޮޅު އެހެން ކޯޗަކު ނުލިބުމުން ކޫމަން މަގާމުގައި ބަހައްޓައިފި

04 ޖޫން 2021

ބާސެލޯނާ (4 ޖޫން) - މޮޅު އެހެން ކޯޗަކު ނުލިބުމުން، އަންނަ ސީޒަންގައިވެސް ބާސެލޯނާގެ ކޯޗް ކަމުގައި ރޮނަލްޑް ކޫމަން ބަހައްޓަން އެ ކްލަބުގެ ރައީސް ޔޮއާން ލަޕޯޓާ ނިންމަވައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބާސެލޯނާ (4 ޖޫން) - މޮޅު އެހެން ކޯޗަކު ނުލިބުމުން، އަންނަ ސީޒަންގައިވެސް ބާސެލޯނާގެ ކޯޗް ކަމުގައި ރޮނަލްޑް ކޫމަން ބަހައްޓަން އެ ކްލަބުގެ ރައީސް ޔޮއާން ލަޕޯޓާ ނިންމަވައިފި އެވެ.

ބާސާގެ ކުރީގެ ރައީސް ޖޯސެފް މާރިއާ ބާޓެމެއުގެ ދައުރުގައި، ކޫމަން އެ ޓީމަށް ސޮއި ކުރުވީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާގެ ފުރަތަމަ ސީޒަންގައި ސުޕެނިޝް ކަޕް އެކަނި ހޯދުމުން ބާސާގެ ސަޕޯޓަރުން ހިތްހަމައެއް ނުޖެހުނެވެ.

މިދިޔަ ސީޒަނަކީ، 13 އަހަރަށް ފަހު ލަ ލީގާގެ ގަދަ ދޭއްގެ ތެރެއިން ބާސާ ވެއްޓުނު ފުރަތަމަ ފަހަރެވެ. މުޅި ސީޒަންގައި ކޫމަންގެ ނަތީޖާތައް ދިރާސާ ކުރުމަށް ބާސާއިން ހަފުތާއެއް ނެގި އެވެ. އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރަމުން އަންނަ އިރު ލަޕޯޓާގެ ވިސްނުމަކީ ކޫމަންގެ ކޮންޓްރެކްޓާ އެއްގޮތަށް އޭނާއަށް ފުރުސަތު ދިނުމެވެ.

ބަޔާން މިޔުނިކުން ވަކިވި، ހެންސީ ފްލިކް ކޯޗަކަށް ގެނައުމަށް ބާސާއިން ވާހަކަ ދެއްކި އެވެ. ނަމަވެސް އޭރުވެސް އޭނާ ނިންމައިގެން ހުރީ ޖރުމަންގެ ގައުމީ ޓީމު ކޯޗް ކަމާ ހަވާލުވުމަށެވެ. އެހެންވެ ބާސާގެ ހުށަހެޅުން ގަބޫލު ނުކޮށް އަނބުރައި ރައްދު ކުރި އެވެ. ކޫމަން ޓީމުގައި ބަހައްޓަން ބާސާއިން ނިންމި އެއް ސަބަބަކީ، މޮޅު ކޯޗަކު ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވުމެވެ.

ކޫމަން އާއި އޭނާގެ އެޖެންޓް ރޮބް ޖޭސަން އާއެކު ބޭއްވި ބައްދަލުވުމުގައި ލަޕޯޓާ ވަނީ، ކޫމަންގެ ކޮންޓްރެކްޓާ މެދު ގޮތެއް ނިންމަން 15 ދުވަހުގެ މުއްދަތެއް ދިނުމަށް އެދިފަ އެވެ. މިޑީއާތަކުން ބުނާ ގޮތުގައި އެ 15 ދުވަހަކީ އެހެން ކޯޗަކު ހޯދުމަށް ބާސާއިން މަސައްކަތް ކުރި 15 ދުވަހެވެ. އެކަން އެނގެނީ ކޫމަންގެ އެޖެންޓް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކުންނެވެ.

"ހިޔާލަށް ގެންނަމާ އަހަރެން މީހަކާ ކައިވެނި ކުރަން އުޅޭ މީހާ އާ މެދު ސުވާލު އުފެދޭތީ އަހަރެން މި ބުނަނީ ދޭށޭ ދެ ހަފުތާ ރަނގަޅު އެހެން ބައިވެރިޔަކު ހޯދަން. އެ މުއްދަތުގައި ރަނގަޅު ބައިވެރިއެއް ނުލިބިއްޖެނަމަ އަހަރމެން ދެ މީހުން ކައިވެނި ކުރާ ނީއޭ." ކޫމަންގެ އެޖެންޓް ޖޭސަން ސޯޝަލް މީޑިއާގައި ލިޔެފައި ވެއެވެ.

ކޫމަން އާއެކު ކުރިއަށް ދާން ނިންމީ އެ މުއްދަތުގައި ރަނގަޅު އެހެން ކޯޗަކު ނުލިބުމުންނެވެ.