Roadha Mihaaru
ކާޑިޒް އަތުން ވެސް ބާސާ އަށް މޮޅެއް ނުވެވުނު

ކާޑިޒް އަތުން ވެސް ބާސާ އަށް މޮޅެއް ނުވެވުނު

24 ސެޕްޓެމްބަރ 2021

ކާޑިޒް (ސެޕްޓެމްބަރު 24) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އާއި ކާޑިޒް ވާދަކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ކާޑިޒް (ސެޕްޓެމްބަރު 24) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އާއި ކާޑިޒް ވާދަކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ.

މެޗުގެ 65 ވަނަ މިނިޓުގައި ބާސެލޯނާގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޮންގް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން، އޭނާ އަށް އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކުމުން އެ ޓީމުން ފަހު 25 މިނިޓު ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ. އަދި ފުރިހަމަ ވަގުތު ހަމަވެ، ކުޅުނު އިތުރު ވަގުތުގައި ބާސެލޯނާގެ ސާޖީ ރޮބާޓޯ އަށް ދެއްކި ރީނދޫ ކާޑާ ގުޅިގެން އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ތަކުރާރުކޮށް، ރެފްރީގެ އެ ނިންމުމާ ދެބަސްވުމުގެ ސަބަބުން ކޫމަން އަށް ވެސް ރަތްކާޑު ދައްކައި ބެންޗުން ފޮނުވާލައިފަ އެވެ.

މި މެޗުގައި ބާސާގެ ފޯވަޑް މެމްފިސް ޑިޕާއީ އަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރު ވެފަ އެވެ. ބާސެލޯނާގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގެން ވަނީ ކާޑިޒްގެ ނެގްރެޑޯ އާއި ސަލްވީ ސަންޗޭޒް އަދި އެންތަނީ ލޮޒާނޯ ފޮނުވައިލި ނުރައްކާތެރި ހަމަލާތައް ހުށިޔާރު ކަމާއެކު ދިފާއު ކޮށްފަ އެވެ.

ބާސެލޯނާގެ ފޯވަޑް މެމްފިސް ޑިޕާއީ ކާޑިޒްގެ މިޑްފީލްޑަރު ކައިރިން ބޯޅަ ހިފައިގެން ދަނީ. -- ފޮޓޯ: އޭއެފްޕީ

ބާސެލޯނާގެ ފޯވަޑް މެމްފިސް ޑިޕާއީ ކާޑިޒްގެ މިޑްފީލްޑަރު ކައިރިން ބޯޅަ ހިފައިގެން ދަނީ. -- ފޮޓޯ: އޭއެފްޕީ

ބާސެލޯނާ އިން ލީގުގައި މިހާތަނަށް ފަސް މެޗު ކުޅެފައި ވާއިރު، މޮޅުވީ އެންމެ ދެ މެޗަކުންނެވެ. ބާކީ ތިން މެޗުން ވީ އެއްވަރެވެ. އަދި ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ބެޔާން މިއުނިކާ ވާދަކޮށް އެ ޓީމު 3-0 އިން ވަނީ ބަލިވީ އެވެ. މިއާއެކު ކޯޗު ކޫމަން އަށް ވަނީ އޭނާގެ މަގާމުގެ ޕްރެޝަރު ވެސް ބޮޑުވެފަ އެވެ.

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން، ރެފްރީގެ ނިންމުމަށް ވަރަށް ބޮޑަށް ކޫމަން ފާޑު ކިޔެވެ. އަދި ކުލަބުގައި އޭނާގެ ކުރިމަގާ މެދު ވާހަކަ ދައްކަން ވެސް އުޒުރުވެރިވި އެވެ.

"އެންމެން ވެސް ބަލަންވީ ޓީމުގެ މަސައްކަތަށް. ކުޅުންތެރިންގެ އެޓިޓިއުޑް، އެ ކުދިންގެ މިސްރާބަށް. އަހަރެންގެ އަމިއްލަ ހާލަތު ތަހުލީލު ކުރާކަށް ނެތިން. ކުލަބުގެ ރައީސް "ގުޑް ބާއި" ކިޔާފައި ހޮޓަލަށް ހިނގައްޖެ،" ހިތްހަމަ ނުޖެހިފައި ހުރި ކޫމަން ބުންޏެވެ

އޭނާ [ކުލަބުގެ ރައީސް ލަޕޯޓާ] ވާހަކަ ދައްކަން ބޭނުން ނަމަ ވާހަކަ ދައްކާނޭ ވަރަށް ބައިވަރު ދުވަސް އަދި އެބައޮތް."

ލަލީގާގެ ފައިނޭންޝަލް އުސޫލުތަކުގެ ސަބަބުން ބާސެލޯނާގެ ތަރި ލިއޮނެލް މެސީ ދޫކޮށްލަން ޖެހި، ވިއްކާލަން އަދި ލޯނު އުސޫލުން ވެސް ދޫކޮށްލަން ބޭނުންވާ ކުޅުންތެރިންތަކެއް އެކަށީގެންވާ އަގެއްގައި ދޫނުކުރެވުމުގެ ސަބަބުން އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ކޫމަން އަށް ބާސާ ގޮވައިގެން އުޅެން ޖެހިފައި ވަނީ ޒުވާން މޫނުތަކަކާއެކު އެވެ.

ރޭގެ މެޗުގައި އުމުރުން 17 އަހަރުގެ ގަވީ ފުރަތަމަ ފަހަރަށް ފުރަތަމަ 11 ގައި ހިމަނައި އޭނާ ކުޅުނުއިރު، ލޯނުގެ އުސޫލުން މި ސީޒަނުގައި ބާސާ އަށް ގެންދިޔަ އޮސްޓްރިއާގެ 18 އަހަރުގެ ވިންގާ ޔޫސުފް ޑިމިއާ ވެސް ވަނީ ފުރަތަމަ 11 ގައި ކުޅެފަ އެވެ.