Roadha Mihaaru
އުކުޅަހުގައި ކުރީ ބަޣާވާތެއް؟ ނަޝީދުގެ ޖަވާބެއް ނެތް!

އުކުޅަހުގައި ކުރީ ބަޣާވާތެއް؟ ނަޝީދުގެ ޖަވާބެއް ނެތް!

05 ސެޕްޓެމްބަރ 2021

އެމްޑީޕީގެ އެތެރޭގެ ހިޔާލު ތަފާތުވުންތަކާއި ރުޅި މައިތިރި ނުވެ، އެ ޕާޓީގެ ރިޔާސީ ޓިކެޓާ ހަމައަށް އޮތީ ފޯރައިފަ އެވެ. އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް އޭރު ފުރުސަތު ބަންދުވެ، ކަން ހިނގައިދިޔަ ގޮތް ތަފާތު ގޮތްގޮތަށް ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީގެ ބައެއް މެމްބަރުން ސިފަކުރައްވަ އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

އެމްޑީޕީގެ އެތެރޭގެ ހިޔާލު ތަފާތުވުންތަކާއި ރުޅި މައިތިރި ނުވެ، އެ ޕާޓީގެ ރިޔާސީ ޓިކެޓާ ހަމައަށް އޮތީ ފޯރައިފަ އެވެ. އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް އޭރު ފުރުސަތު ބަންދުވެ، ކަން ހިނގައިދިޔަ ގޮތް ތަފާތު ގޮތްގޮތަށް ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީގެ ބައެއް މެމްބަރުން ސިފަކުރައްވަ އެވެ.

އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ނުވުމާއި ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުން ލަސްވުމުގެ ހިތްހަމަނުޖެހުމުގައި ކުރާ އެއް ތުހުމަތަކީ އއ. އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ހާއްސަ ކޮންގްރެސްގައި ރިޔާސީ ކެންޑިޑޭޓަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައެޅުމަކީ ކުރި "ބަޣާވާތެއް" ކަމަށެވެ. ނަޝީދުގެ ފަޅީގައި ތިއްބެވި އެމްޑީޕީގެ ބައެއް މެމްބަރުން ކުރާ މި ތުހުމަތަށް އެ މަނިކުފާނު މިއަދު ޖަވާބުދާރީވެވަޑައިގަންނަވަން ޖެހުނަސް ސީދާ ޖަވާބެއް ނެތެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ އަށް ފަހު ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ މަސްލަހަތު ގެއްލިފައިވާ ސަބަބުތަކާ ގުޅުވައި، އުކުޅަހުގެ ކޮންގްރެސްއަކީ "ބަޣާވާތެއް" ކަމަށް ގަބޫލުފުޅު ކުރައްވަންތޯ ނޫސްވެރިއަކު އެހުމުން ވިދާޅުވީ އެކަމުގައި އެ މަނިކުފާނަށް ގިނަ ވާހަކަތަކެއް ދެއްކެވެން ނެތް ކަމަށެވެ. އޭގެ ފަހުން ތަފްސީލު ކޮށްދެއްވީ އުކުޅަހުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅި ގޮތެވެ.

ނަޝީދަށް ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތު ބަންދުވެފައި އޮތް އެ ހާލަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކޮންގްރެސް އިން ފުރުސަތު ފަހިކޮށްދިނުމުގައި ގޯހެއް ހިނގި ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅެއް ނުވެ އެވެ. ނަޝީދު ވިދާޅުވީ 800 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވި އެ ކޮންގްރެސްގައި އެގޮތަށް ފާސްވީ އެ މަނިކުފާނު ލިއުއްވި ގަރާރަކުން ކަަމަށެވެ. އެ ގަރާރު ހުށަހެޅުއްވީ އޭރު ނަޝީދުގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.

ނަޝީދު ވާޗުއަލްކޮށް މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ނަޝީދު ވާޗުއަލްކޮށް މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

".....ދެން އިތުރަށް މި ކަމުގައި ދެއްކޭނެ ވާހަކައެއް ނެތް. އަސްލަމްގެ ގަރާރު ލިޔުނީ އަޅުގަނޑު،" އެ ގަރާރު ދިފާއު ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ކޮންގްރެސްގައި ނިންމީ ރިޔާސީ ކެންޑިޑޭޓު ކަނޑައަޅާފައި ވަނިކޮށް، އެއްވެސް ސަބަބަކާ ހުރެ އެ ކެންޑިޑޭޓަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބިއްޖެ ނަމަ، ކެންޑިޑޭޓަކު ކަނޑައެޅުމުގެ ބާރު އެ ޕާޓީގެ ގައުމީ މަޖިލީހަށާއި ކޮންގްރެސް އަށް ލިބޭގޮތަށް އެމްޑީޕީގެ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ގެނައުމަށެވެ. މިގޮތަށް ފާސްކޮށް އެ ކޮންގްރެސްގައި ނިންމީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖެއްސެވުމަށެވެ.

އޭގެ ކުރިން އޮންނަ ގޮތުން ނަމަ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން ޖެހޭނީ ޕާޓީގެ މެމްބަރުންގެ މެދުގައި ބާއްވާ ޕްރިމަރީއެއްގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ނަޝީދަށް އޭރު 13 އަހަރުގެ ޖަލު ހުކުމެއް އޮތުމުން، ރިޔާސީ އިންތިހާބުގެ ފުރުސަތު އޮތީ ގެއްލިފަ އެވެ. އަދި އުކުޅަހުގެ ކޮންގްރެސް ބޭއްވިއިރު ނަޝީދު ހުންނެވީ އިނގިރޭސި ވިލާތުގަ އެވެ.

އެމްޑީޕީގެ އެ ކޮންގްރެސްއަކީ ބައެއް މެމްބަރުން ސިފަކުރާ ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް ކުރި "ބަގާވާތެ"ކެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ހިންނަވަރު ދާއިރާގެ އޭރުގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ކަނޑައަޅަން ކޮންގްރެސް އަށް އަސްލަމް ހުށަހެޅުއްވި ގަރާރުގައި ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ނަޝީދަށް ހުރަސް އަޅާފައި ވަނީ ގާނޫނީ އެއްވެސް ހަމައަކުން ނޫން ކަމަށާއި އެ ކަން ކޮށްފައި ވަނީ ސަރުކާރުގެ ސިޔާސީ ބޭނުމަކަށް ކަމަށެވެ.

ގަރާރުގައިވާ ގޮތުން އެމްޑީޕީން އަބަދުވެސް ގަބޫލު ކުރަނީ އިންތިހާބުގައި ވާދަކުރެއްވުމުގެ ހައްގު ނަޝީދަށް އޮންނަން ޖެހޭނެ އެވެ. އަދި ކޮންގްރެސް އިން އެކަމަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް ވެސް ގަރާރުގައި ވެ އެވެ.

ނަމަވެސް އެ ބައްދަލުވުމުގައި ވެސް ގަރާރަށް ބަހުސް ކުރެއްވި ބައެއް މަންދޫބުންނަށް އެއްބަސްވެވުނީ ނަޝީދުުގެ ބަދަލުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފުރުސަތު ދެއްވާށެވެ. އެއީ، ނަޝީދަށް ފަހު ޓިކެޓް އެންމެ ހައްގު ބޭފުޅަކީ އެ މަނިކުފާނު ކަމަށް ވާތީ ކަމަށް ވެސް ކޮންގްރެސްގެ މަންދޫބުން ވިދާޅުވެފައިވެ އެވެ.