Roadha Mihaaru
ނަޝީދުގެ ފަރާތުން ފެންނަނީ މުޅިން މާޔޫސްކަން!

ނަޝީދުގެ ފަރާތުން ފެންނަނީ މުޅިން މާޔޫސްކަން، ކުރައްވަނީ އާދޭސް!

20 އޯގަސްޓް 2022

ރަން ރީންދޫ ކުލައިން ދިއްލައި އަލިކޮށްފައި އޮތް ސޯޝަލް ސެންޓަރުގައި ރޭ ފެށި އެމްޑީޕީގެ "ކޮންގްރެސް 2023" އަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން އައި ކޮންގްރެސްމަނުން ތިބީ ވަރަށް ޖޯޝާއި ފޯރީގަ އެވެ. ވަރަށް ކާމިޔާބު ކޮންގްރެސް އަށް ކުރިޔަށް ގެންދިއުމުގެ އަޒުމާއި އުންމީދުގަ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރަން ރީންދޫ ކުލައިން ދިއްލައި އަލިކޮށްފައި އޮތް ސޯޝަލް ސެންޓަރުގައި ރޭ ފެށި އެމްޑީޕީގެ "ކޮންގްރެސް 2023" އަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން އައި ކޮންގްރެސްމަނުން ތިބީ ވަރަށް ޖޯޝާއި ފޯރީގަ އެވެ. ވަރަށް ކާމިޔާބު ކޮންގްރެސް އަށް ކުރިޔަށް ގެންދިއުމުގެ އަޒުމާއި އުންމީދުގަ އެވެ.

އެކަމަކު، އެ ޕާޓީގެ އެންމެ މަގުބޫލް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ކޮންގްރެސް ފެށުމުގެ ޖަލްސާ އިން ފެށިގެން މިއަދާ ހަމައަށް ވެސް ފެންނަނީ ތަފާތު މަންޒަރެކެވެ. އެ މަނިކުފާނުގެ އިހުސާސްތަކާއި އުންމީދުތައް ހުރީ އެހާ މަތީގައެއް ނޫނެވެ. މޫނުފުޅުމަތިން ފެންނަނީ ނާ އުންމީދެވެ. ވާހަކަފުޅު ވެސް ހަމަ އެ ގޮތެވެ.

ކޮންގްރެސްގެ މަސައްކަތްތައް މިއަދު ހެނދުނު ރަސްމީކޮށް ފެށި އިރު ވެސް އެ މަނިކުފާނުގެ މޫނުފުޅު މަތިން ފެނިގެން ދިޔައީ މާޔޫސް ކަމާއި ހިތްޕުޅު ހަމަޖެހިވަޑައިނުގަތުމެވެ. ވާހަކަފުޅު ދެއްކެވީ ވަރަށް ޖަޒުބާތާއެކީ އާދޭސް ކުރައްވާ ރާގެއްގަ އެވެ.

ކޮންގްރެސްމަނުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެންމެ ފުރަތަމަ ވެސް ހުރިހާ މެމްބަރުންގެ އަރިހުން ނަޝީދު މާފަށް އެދިވަދައިގަތެވެ. އަދި ވިދާޅުވި އެވެ؛

"މިއަދާއި މާދަމާއަކީ އެމްޑީޕީ އަށް ފަސޭހަ ދުވަސްތަކަކަށް ނުވާނެ."

ރޭގެ ޖަލްސާ އާއި މިއަދުގެ ވެސް ނަޝީދުގެ ވާހަކަފުޅު ފައްޓަވަނީ އެ މަނިކުފާނު މި ވަގުތަށް އެންމެ ބޭނުންފުޅުވާ މަސައްކަތާ ހިސާބުންނެވެ. ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ޖެހޭ ކަމަށާއި އެމްޑީޕީ އަށް އެ ނޫން ގޮތެއް ނެތް ކަން ސާބިތުކޮށްދީ، މެމްބަރުންނަށް އެކަން ވިސްނައިދޭން ފެއްޓެވި އެވެ.

ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ހީފުޅު ކުރައްވައިގެން ހުންނެވީ އެމްޑީޕީގެ ގިނަ މެމްބަރުން ބަރުލަމާނީ ނިޒާމު ގެންނަން ތާއީދު ކުރައްވާނެ ކަމަށެވެ. އުކުޅަހު ކޮންގްރެސްގައި ފާސްކުރި މެނިފެސްޓޯގައި ވެސް އެ ވާހަކަ އޮތެވެ. ނަމަވެސް އެ ބޭފުޅުން މިހާރު އެގޮތް ބޭނުން ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމު ގެންނަން ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު އެޖެންޑާ ކޮށްފައި އޮތީ މާދަމާ މެންދުރަށެވެ. މި ކޮންގްރެސްގައި ނަގާ އެ ވޯޓުގެ ނަތީޖާ ނިމޭނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށް ނަޝީދު މިއަދު ވިދާޅުވި އެވެ.

އަޅުގަނޑަށް އެނގޭ ވޯޓު މި ކޮންގްރެސްގައި ނެގީމަ އޭގެ ނަތީޖާ އޮންނާނެ ގޮތް. އަޅުގަނޑު ނޭދެން އެ ހައިޖާނުގެ މަންޒަރެއް -- ނަޝީދު

"އަޅުގަނޑަށް އެނގޭ ވޯޓު މި ކޮންގްރެސްގައި ނެގީމާ އޭގެ ނަތީޖާ އޮންނާނެ ގޮތް. އަޅުގަނޑު ނޭދެން އެ ހައިޖާނުގެ މަންޒަރެއް. އަޅުގަނޑު އެއްގޮތަކަށް ވެސް ނޭދެން އެހެން ޕާޓީތައް ބައިވެގެން ދިޔަ އިރު ކުރިމަތީ ހުރި މޭޒު ތަޅައިގެން ދިޔަ މަންޒަރު މި ޕާޓީން ނުފެންނާނެ،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު އެ އިޝާރާތް ކުރެއްވީ ޑީއާރުޕީގެ ލީޑަރުގެ މަގާމުގައި އަހުމަދު ތަސްމީން އަލީ ހުންނެވި ދުވަސްވަރު އުމަރު ނަސީރާ ދެ ބޭފުޅުންގެ ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ޖަލްސާއެއްގައި މޭޒުގެ ބިއްލޫރި ތަޅައިލި މައްސަލަ އަށެވެ.

އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭން ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަން ކުރަން ބޭނުންވި ނަމަވެސް އެކަން ކާމިޔާބު ވާނެ ކަމަށް ދުށުމަކީ ކުރެވޭ ކުށްހީއެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އަނެއްކާވެސް ހިސާބުތަކެއް ޖެއްސެވުމަށް ފަހު ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީ ބައިބައިވެއްޖެ ނަމަ 2023 ކާމިޔާބެއް ނުވާނެ އެވެ. އަދި މުޅި ޕާޓީ އެކީ ނޫން ގޮތަކަށް އެ މަނިކުފާނަށް ވެސް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނުނިކުމެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެހެންވެ އެ މަނިކުފާނު ވިދާޅުވާ ގޮތް އަޑު އަހައި އެ ގޮތަށް ވޯޓު ދެއްވުމަށް ވަރަށް އާދޭހާއެކު ދަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އަޅުގަނޑުގެ އުންމީދަކީ އަދި ވަރަށް ބޮޑަށް އެދޭ އެދުމަކީ، އާދޭހަކީ، އަޅުގަނޑުގެ ހިތުގެ ހާލިސް ކަމާއެކު މި ދަންނަވަނީ އަޅުގަނޑުމެންނަށް އެންމެނަށް އެކީގައި ތިބެވެން އެބައޮތް -- ނަޝީދު

"އަޅުގަނޑުގެ އުންމީދަކީ އަދި ވަރަށް ބޮޑަށް އެދޭ އެދުމަކީ، އާދޭހަކީ، އަޅުގަނޑުގެ ހިތުގެ ހާލިސް ކަމާއެކު މި ދަންނަވަނީ އަޅުގަނޑުމެންނަށް އެންމެނަށް އެކީގައި ތިބެވެން އެބައޮތް. އަޅުގަނޑުމެން އެކަކު އަނެކަކުގެ ވާހަކަ އަޑުއަހައިގެން ބަސްވެސް ގަބޫލު ކޮށްގެން ބުއްދިވެރިކަމާއެކު ކުރިޔަށް ގޮސްފި ނަމަ ކުރިޔަށް އޮތް އެތައް ޖީލަކަށް ވެސް ރާއްޖޭގެ ކަންކަން ނިންމަމުން ގެންދާނީ އެމްޑީޕީން،" ނަޝީދު ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމެއް ގެންނަން ނަޝީދު އާދޭސް ކުރައްވަމުން ގެންދެވި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ އެމްޑީޕީގެ ޕީޖީ ލީޑަރު އަހުމަދު އަސްލަމް އެ މަނިކުފާނަށް ދެވަނަ ދައުރެއް ދެއްވަން ޖެހޭނެ ކަމަށް ރޭ ވިދާޅުވުމާއެކު މުޅި ހޯލް ގުގުމާލީ އެ މެމްބަރުންގެ ތެދުވެ އަތް ޖަހައި، ފޯރި ނަގައި އެކަމަށް ސަޕޯޓު ކުރި އަޑަށެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ ޕާޓީގެ 1،352 ކޮންގްރެސްމަނުން އެ ބައްދަލުވުންތަކުގައި ބައިވެރިވާ އިރު ނިޒާމީ ބަހުސް އާއި އަސާސީ ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތް އޮތީ މާދަމާ އެވެ.