01 އޮކްޓޯބަރ 2023
ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭގޮތުން އެމްޑީޕީން ގޮތެއް ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭގޮތުން އެމްޑީޕީން ގޮތެއް ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ނައިބު އިބްރާހިމް ވަހީދު މިރޭ "މިހާރު" އަށް ވިދާޅުވި ގޮތުގައި އަންނަ އަންގާރަ ދުވަހު ގައުމީ މަޖިލިސް ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މި ބައްދަލުވުމަކީ "ދަ ޑިމޮކްރެޓްސް" އިން ބޭނުންވެގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ އަށް ބަދަލު ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާތީ އެކަމުގައި އެމްޑީޕީގެ ސްޓޭންޑް ކަނޑައެޅުމަށް ބާއްވާ ބައްދަލުވުމެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ބަރުލަމާނީ ނިޒާމަށް ތާއިދުކުރުމާ ގުޅޭގޮތުން އެމްޑީޕީން ގޮތެއް ނިންމާނީ ރިޔާސީ އިންތިހާބަށްފަހު ކަމަށެވެ. އިއްޔެގެ އިންތިހާބުގައި ރައީސްއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފަ އެވެ.
އެ ނަތީޖާއާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީ އަށް އެނބުރި ވަޑައިގެންނެވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. ނަޝީދުގެ މި ހުށަހެޅުމާ ގުޅިގެން މިއަދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި ބަހުސްކޮށްފައިވެ އެވެ.
ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ބޭނުންފުޅުވުން ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ގުޅުވީ ބަރުލަމާނީ ނިޒާމު ގެނައުމުގެ މަސައްކަތާ އެވެ. މަޖިލީހުން ބަރުލަމާނީ ގަރާރު ފާސްކޮށްފައި ވިޔަސް ނިޒާމް ބަދަލުކުރަން ގައުމީ މަޖިލީހުގެ ގިނަ މެމްބަރުން މިހާރު ތާއީދެއް ނުކުރެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް މިއަދު ވަނީ ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމާ ދެކޮޅުކަން ހާމަ ކުރައްވައި އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ކުރައްވަން ފުރުސަތު ދޭން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
ދެވަނަ ބުރުގެ ކެމްޕެއިން ތެރޭގައި ރައީސް ވިދާޅުވެފައިވަނީ މި މަހުގެ ތެރޭގައި ނިޒާމީ ވޯޓެއް ނެގުމަކީ ކުރެވިދާނެ ކަމެއް ކަަމަށާއި ނަމަވެސް، އެކަން ކުރަން ޖެހޭނީ މަޖިލީހުގެ ހަތަރު ބައި ކުޅަ ތިން ބައި މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެން ކަމަށެވެ.
އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދެއް ނުކުރާނެ
ބަރުލަމާނީ އާ ދެކޮޅަށް ރައީސް ނުކުންނަވާނެ
ނިޒާމް ބަދަލުކޮށް ބާރުތައް ބަހާނެ ވަގުތާ މެދު ސުވާލެއް
ޑިމޮކްރެޓުން ނިޒާމު ބަދަލުކުރާ ވާހަކަ އާކޮށްފި
އިންތިހާބު ކޮމެޓީ އެކުލަވާލުން ބޮޑު ކޯޅުމަކަށް!
އިންތިހާބުގެ ކުރިން ބަރުލަމާނީ ވޯޓެއް ނޯންނާނެ:ފައްޔާޒް
ބަރުލަމާނީގެ އުންމީދު ކަފުން؛ ނަޝީދުގެ ކުރިމަގު ބަނަ!
ނަޝީދުގެ ފަރާތުން ފެންނަނީ މުޅިން މާޔޫސްކަން!
އެމްޑީޕީ އަދިވެސް އެދެނީ ބަދަލަކަށް: ނަޝީދު
ނިޒާމު ބަދަލުނުކޮށްފިނަމަ ސަރުކާރަށް ގިނަ ވޯޓު ގެއްލޭ