22 އޯގަސްޓް 2022
ނިމިގެން މިދިޔަ އެމްޑީޕީގެ ކޮންގްރެސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ އެތައް ސަބަބެއް، ތަފާސްހިސާބު ޖައްސަވައި ވިދާޅުވަމުން ގެންދެވި ނަޝީދަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ އެއް ހަގީގަތެއް ވެ އެވެ.
ނިމިގެން މިދިޔަ އެމްޑީޕީގެ ކޮންގްރެސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ އެތައް ސަބަބެއް، ތަފާސްހިސާބު ޖައްސަވައި ވިދާޅުވަމުން ގެންދެވި ނަޝީދަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ އެއް ހަގީގަތެއް ވެ އެވެ.
އެއީ ރިޔާސީ އިންތިހާބަކަށް ދިޔުމުގެ ބަދަލުގައި ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްގެން ދައުލަތް ހިންގުމުގެ ބާރު ރައްޔިތުންގެ މަޖިލީހުގެ ދަށަށް ނުގެނެސް އެމަނިކުފާނަށް ސިޔާސީ ކުރިއެރުމެއް ނެތް ކަމެވެ.
މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ބަރުލަމާނީ ނިޒާމް ގެންނަ ވާހަކަ ދައްކަވަމުން އައި ނަޝީދަށް އެމަނިކުފާނުގެ ޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ އިސް ބޭފުޅުންތަކެއްގެ ތާއީދު ވަރަށް ކުރީކޮޅު ގެއްލިއްޖެ އެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ އަށް ލިބިފައި އޮތް ބިޔަ މެޖޯރިޓީން ވެސް އެމަނިކުފާނާ ދެކޮޅު ނުކުންނަވާ މެމްބަރުންގެ އަދަދު ގިނަވަމުން ގޮސް އެންމެ ފަހުން ގިނަ މެމްބަރުން ރައީސް ފަޅި އަށް ޖެހިވަޑައިގަތެވެ.
އޭގެ ފަހުން އެމްޑީޕީގެ އެތެރޭގެ ހުރިހާ އިންތިހާބެއް ކާމިޔާބު ކުރެއްވީ ރައީސް އެންޑޯޒް ކުރައްވާ ކެނޑިޑޭޓުންނެވެ. އަދި އެންމެ ފަހުން ބޭއްވި ޗެއާޕާސަން އިންތިހާބުގައި ވެސް އެހާ ފާޅުކަން ބޮޑު ގޮތެއްގައި ރައީސް އާ ދެކޮޅަށް ނިކުމެވަޑައިގެން ވެސް ކުރި ހުރިހާ މަސައްކަތެއް ފެނަށް ދިޔުމުން، ޕާޓީ އަތުން ބީވެ ނަޝީދަށް ރިޔާސީ ޓިކެޓު ވެސް ގެއްލިދާނެ ކަމުގެ ބިރު އޮތީ ބޮޑުވެފަ އެވެ.
އެމްޑީޕީގެ ނައިބު ރައީސް އާއެކު ހުށަހެޅުއްވި ބަރުލަމާނީގެ ގަރާރަކީ އެމަނިކުފާނަށް ޕާޓީގެ ތެރެއިން ދެން ކުޅެވެން އޮތް އެންމެ ފަހު ކާޑެވެ!
".. މިއީ އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބެއް. ބަރުލަމާނީ ގަރާރު އަނބުރާ ގެންދިޔުން ނޫން އެހެން ގޮތެއް އެމަނިކުފާނަށް [ނަޝީދަށް] ނެތް. ބަރުލަމާނީގެ ވާހަކަ ރަނގަޅަށް ވެސް އެ ވަޅުލެވުނީ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ މަޖިލިސް މެމްބަރަކު "މިހާރު" އަށް ވިދާޅުވި އެވެ.
މި ދަނޑިވަޅުގެ ގޮތުން ނަން ސިއްރު ކޮށްދޭން އެދި "މިހާރު" އާ ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވިގޮތުގައި ޕާޓީގެ ރައީސް ބަރުލަމާނީ ގަރާރު އަނބުރާ ނުގެންދެވި ނަމަ އެމަނިކުފާނަށް ސިޔާސީ ގޮތުން ލިބިވަޑައިގަންނަވާނެ ގެއްލުން މާ ބޮޑު ވާނެ އެވެ.
ކޮންގްރެސްގައި ނަޝީދު އެދިވަޑައިގަންނަވާ ގޮތަށް ވޯޓު ދެއްވާނެ މެމްބަރުންގެ އަދަދު 200 އަށް ވެސް ނާރަ އެވެ. މުޅި ހޯލުގައި ތިއްބެވީ ރައީސަށް ދެވަނަ ދައުރެއް ދެއްވުމަށް ތާއީދު ކުރައްވާ ކޮންގްރެސްމަނުން ކަމަށް ވެސް އެ މެމްބަރުންގެ ވާހަކަތަކުން އެނގެ އެވެ.
"މައްސަލަ އެ ނިންމާލީ އެންމެ ރީތި ގޮތަށް. އެއީ ރައީސް ޕާޓީ އާއި ފައްޔާޒް ޕާޓީ ގެންގުޅުއްވާ ގޮތާ މެދު މެމްބަރުންގެ އިތުބާރު އުފެދިއްޖެ. ނަޝީދު ވެސް އަމާން ދެއްވައި އަމިއްލަ އަށް އިސް ނަންގަވައިގެން ގަރާރު އަނބުރާ ގެންދިޔުމުން އެމަނިކުފާނަށް ސަޕޯޓު ވެސް ތަރުހީބު ވެސް ލިބުނު،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ މެމްބަރަކު ވިދާޅުވި ގޮތުގައި އެ ގަރާރު އިއްޔެ ކޮންގްރެސް އިން ފާސް ކުރިޔަސް ނަޝީދަށް ކާމިޔާބު ވާނެ ދޮރު އޮތީ ބަންދުވެފަ އެވެ. އެކަން އެނގެނީ ވެސް ހަމަ ނަޝީދު ޖައްސަވާ ހިސާބުން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވާ ގޮތުން ނަމަ އެމްޑީޕީ ދެ ފަޅިވެފައި އޮއްވާ އެހެން ހުރިހާ ސިޔާސީ ޕާޓީތަކާ ދެކޮޅަށް ރިޔާސީ އިންތިހާބަށް ނިކުމެއްޖެ ނަމަ ކާމިޔާބެއް ނުވާނެ އެވެ. ޕަސެންޓޭޖު ބަހަމުން އެމްޑީޕީ އަށް ލިބޭ އަދަދު ވަރަށް ކުޑަ ވާނެ އެވެ.
ނަޝީދު ބަރުލަމާނީ ނިޒާމް ހިފައިގެން ރައްޔިތުންގެ ކުރިމައްޗަށް ނުކުތަސް ވާނީ އެހެނެވެ. އެމްޑީޕީގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރާ މެމްބަރުން މަސައްކަތް ކުރާނީ ރިޔާސީ ނިޒާމު ގެންނާށެވެ. އެމަނިކުފާނާއެކު އެ މަސައްކަތުގައި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރްއެމް އޮންނާނެ އެވެ.
"ނަޝީދު ވިދާޅުވާ ގޮތަށް ހުރިހާ ޕާޓީ ތެރޭގައި ހިޔާލު ތަފާތުވެފައި އޮއްވާ ހުރިހާ ސިޔާސީ ޕާޓީތަކާ ދެކޮޅަށް ނުކުމެގެން އެމަނިކުފާނަށް ވެސް ނެރެވޭނެ ނަތީޖާއެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ކޮންގްރެސް ފެށި އިރު ވެސް އެނގިވަޑައިގަންނަވާނެ މިކަން ދާނީ މިހެން ކަން. ނަޝިދަށް އެއްވެސް ގޮތެއް ނެތް ކަން -- މަޖިލިސް މެމްބަރެއް
"ކޮންގްރެސް ފެށި އިރު ވެސް އެނގިވަޑައިގަންނަވާނެ މިކަން ދާނީ މިހެން ކަން. ނަޝިދަށް އެއްވެސް ގޮތެއް ނެތް ކަން،"
އެމްޑީޕީގެ ތެރެއިން ރިޔާސީ އިންތިހާބަށް ވާދަ ކުރެވޭނެ ކަމުގެ އުންމީދު ނަޝީދަށް ގެއްލިފައިވާ އިރު ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރްއެމް އަކީ ވެސް އެމަނިކުފާނު ހުރި ގަލަކަށް އަރާނެ ޕާޓީތަކެއް ނޫނެވެ.
ކޮންގްރެސް ކުރިޔަށް ދިޔަ ވަގުތު ވާހަކަފުޅު ދައްކަވަން ލިބިވަޑައިގަތް ފުރުސަތުތަކުގައި ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލީޑާޝިޕަށް ވަރަށް ނުސީދާ ގޮތެއްގައި އެކިއެކި މެސެޖު ދެއްވައިފަ އެވެ.
އެއްކަމަކީ ޕާޓީ ތެރޭގައި ހިޔާލު ތަފާތުވުމާ ހެދި އުފެދިދާނެ ހައިޖާނުގެ މަންޒަރު ދެކިވަޑައިގަންނަވަން ބޭނުން ނުވާ ކަމެވެ. އަނެއް ކަމަކަށް ވިދާޅުވަމުން ގެންދެވީ ރިޔާސީ އިންތިހާބުގައި ރައީސް އާ ފެޔަށް ޖެހިވަޑައިގެންފާނެ ކަމަށް ދޭހަވާ ވާހަކަތަކެކެވެ.
ނަޝީދު ފެކްޝަންގެ ބައެއް މެމްބަރުން ގަބޫލު ކުރައްވާ ގޮތުގައި ބަރުލަމާނީ ގަރާރު އަނބުރާ ގެންދެވުމަކީ ނާކާމިޔާބެއް ނޫނެވެ. އެއީ ޕާޓީއަށް ޓަކައި ކުރެއްވި ކަމެއް ކަމަށާއި "ބޮޑު ފައިޓު އަދި އޮތީ" ކަމަށް އެ މެމްބަރުން ބުނެ އެވެ.
"އަދި އެބައޮތް ވަރަށް ކަންކަން. އަޅުގަނޑުމެންގެ ކުރިމަތީ ރިޔާސީ ޕްރައިމަރީއެއް ވެސް އެބައޮތް. ރައީސް ނަޝީދު ނޫޅުއްވާ ޕާޓީ ގެއްލިގެނެއް،" އެ ފެކްޝަންގެ މެމްބަރަކު ވިދާޅުވި އެވެ.
ނަޝީދު ވަރަށް ބޮޑަށް ފިތި ހުރިހާ ކޮޅަކުން ވެސް ނާކާމިޔާބު ވި ނަމަވެސް ދެން ވެސް "ސަރުކާރު ޖަވާބުދާރީ" ކުރުވުމާއި އެހެނިހެން ޕްރެޝާތައް ކުރުމުގައި ހުއްޓުމެއް ނެތި މަސައްކަތް ކުރާ ތަން ކުރިޔަށް އޮތް ތަނުގައި ފެންނާނެ ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.
ރިޔާސީ ޕްރައިމަރީ އާ ހަމަޔަށް ދާންވާއިރަށް ސަރުކާރަށް އަމާޒު ކުރާ ހަމަލާތައް އިތުރު ވާނެ ކަމަށް ހަގީގަތުގައި ވެސް ބެލެވެ އެވެ. ޕްރައިމަރީއަކަށް ވެސް ނުގޮސް ރައީސަށް ޓިކެޓު އެކީ ދޫކޮށްލައިގެން ނަޝީދު ހުންނަވާނެތޯ އެއީ އުފައްދަން ޖެހޭ ވެސް ސުވާލެއް ނޫނެވެ.
ހަގީގަތަކީ މިހާރު ސިޔާސީ މަތިފަޑީގައި ތިއްބެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރެއްވި ބޭފުޅުންނެވެ.
ތަފާތަކީ ނަޝީދު ފިޔަވައި އެހެން އެއްވެސް ބޭފުޅަކަށް އެ ނިޒާމު ގެނެސްގެން ވެރިކަމަށް ފައި ނެގެން ނެތް ކަމެވެ.
ޔާމީން ވެސް ވަނީ އެމަނިކުފާނު ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ކަމަށާއި ނަމަވެސް މި ވަގުތަށް އެއީ ގެންނަން ރަނގަޅު ބަދަލެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. މިސާލެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ ފްލޯ ކްރޮސިން ފަދަ ކަންކަން ބަދަލު ނުކުރެވޭނެތީ ވެރިކަން ވެއްޓިދާނެ އަވަސް ކަމެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވެސް 2007 ގައި އަދި އޭގެ ފަހުން 2015 ގައި ވެސް ބަރުލަމާނީ ނިޒާމް ގެންނަން އޭރުގެ ސަރުކާރާ ލޮބީ ކުރެއްވުމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. ނަމަވެސް މިހާރު އެމަނިކުފާނަށް ދެވަނަ ދައުރެއް ކަށަވަރު ކުރެވެން އޮތީ ރިޔާާސީ ނިޒާމުގެ ތެރެއިންނެވެ.
ނަޝީދަށް ރިޔާސީ ނިޒާމް "މުސީބާތަކަށް" ވަނީ ވެސް މި ސަބަބާ ހެދި އެވެ. އެމްޑީޕީގެ ކޮންގްރެސް އާ ހިސާބުން ބަރުލަމާނީގެ ބަހުސް ކަފުން ވެގެން ދިޔުމަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތް ބަނަވެ، އެޅިގެން ދާ ބޮޑު ހިޔަންޏެކެވެ!
ނަޝީދުގެ ފަރާތުން ފެންނަނީ މުޅިން މާޔޫސްކަން!
އެމްޑީޕީ އަދިވެސް އެދެނީ ބަދަލަކަށް: ނަޝީދު
ޑިމޮކްރެޓުން ނިޒާމު ބަދަލުކުރާ ވާހަކަ އާކޮށްފި
އިންތިހާބުގެ ކުރިން ބަރުލަމާނީ ވޯޓެއް ނޯންނާނެ:ފައްޔާޒް
އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބުވާތަނެއް ނުފެނޭ: ރައީސް
ގަރާރު މިއަދު ހުށަނޭޅީ އިތުރަށް މަޝްވަރާކުރަން: ނަޝީދު
ވަކިކޮޅަކަށް ތާއީދު ނުކުރަން އެއްބަސްވުމެއް ނެތް
ނިޒާމީ ވޯޓަށް ގޮތް ނިންމަން ގައުމީ މަޖިލިސް ބާއްވަނީ
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު
ދެވަނަ ބުރަށް ނަޝީދުގެ ތާއީދަށް ރައީސް އެދިވަޑައިގެންފި