Roadha Mihaaru
ނިޒާމު ބަދަލުނުކޮށްފިނަމަ ސަރުކާރަށް ގިނަ ވޯޓު ގެއްލޭ

ނިޒާމު ބަދަލުނުކޮށްފިނަމަ ސަރުކާރަށް 47،000 މެމްބަރުންގެ ވޯޓު ގެއްލޭ: ނަޝީދު

17 އޯގަސްޓް 2022

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުނުކޮށްފިނަމަ އެމްޑީޕީގެ 42 ޕަސެންޓް (47،000 ވޯޓު) މެމްބަރުންގެ ވޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ގެއްލޭނެ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުނުކޮށްފިނަމަ އެމްޑީޕީގެ 42 ޕަސެންޓް (47،000 ވޯޓު) މެމްބަރުންގެ ވޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ގެއްލޭނެ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ އަންނަ ހުކުރު ދުވަހު ފަށާ އެމްޑީޕީގެ ކޮންގްރެސްއަށް އެ މަނިކުފާނު ހުށަހަޅުއްވާފައިވާ ނިޒާމު ބަދަލުކުރުމުގެ ގަރާރަށް ތާއީދު ހޯއްދެއްވުމަށް ޕާޓީގެ ހަރުގޭގައި ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިރޭ ބޭއްވެވި ބައްދަލުވުމުގަ އެވެ.

އެ ގަރާރުގައި ވަނީ ބަރުލަމާނީ ނިޒާމް ބަދަލު ކުރުމަށްޓަކައި ގާނޫނުއަސާސީ އަށް ގެންނަން އެމަނިކުފާނަށް ފެންނަ އިސްލާހުތަކެއް ހުށަހަޅުއްވާފަ އެވެ.

އެންމެ ފަހުން، 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާގެ ތަފްސީލަށް ވަޑައިގެން ނަޝީދު ވިދާޅުވީ އެ އިންތިހާބުގައި 233،889 މީހުން ވޯޓު ދިންއިރު، އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމަށް ލިބިވަޑައިގެންނެވީ 42 ޕަސެންޓު ނުވަތަ 98،233 ވޯޓެވެ. އެއީ އެމްޑީޕީއާއެކު މަސައްކަތްކުރަން ތިބި ބައެއް ނޫން ކަމަށްވާތީ، އެ އަދަދުން ޖުމްލަ ވޯޓު ދިން މީހުންގެ އަދަދު ކެނޑުމުން ބާކީ ލިބުނީ 135،000 ވޯޓެވެ.

މި ފަހުން ބޭއްވި އިންތިހާބުގައި ޖުމްހޫރީ ޕާޓީން 12-16 ޕަސެންޓް ވޯޓު އަދި މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމާއި އަދާލަތު ޕާޓީ އެއްކޮށްލައިގެން ހަ ޕަސެންޓް ނުވަތަ 7،000 އެއްހާ ވޯޓު ހޯދާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންވެ، އެ ވޯޓުތައް ކަނޑައި، އެމްޑީޕީއަށް އެކަނި ނެގެން އޮންނަނީ 112،000 ވޯޓު ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެކަމަކު، ނިޒާމީ ވޯޓަކަށް ނުދާތީ ބައި ލައްކައެއްހާ ވޯޓު މަދުވުމުން މި ސަރުކާރަށް ލިބެނީ 65،000 ވޯޓު ކަމަށާއި އެއީ ވޯޓުލާ މީހުންގެ ޖުމްލަ 27 ޕަސެންޓް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މިއީ ސިޔާސީ ވަރަށް ބޮޑު، ސިޔާސީ އެކަންޏެއް ނޫން އިނގޭތޯ، ބިޔަ ބޮޑު އަކުރުގެ ހަގީގަތެއް،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު އަބަދު ވެސް ހިސާބު ޖަހަނީ ސިޔާސީ ހަގީގަތަށް ބަލައިގެން. އަޅުގަނު ދެކޭ ގޮތުގައި އޮނިގަނޑުގެ ބަދަލާއި ނިޒާމީ ބަދަލު ނުގެނެވިއްޖެނަމަ އެމްޑީޕީ މެމްބަރުންގެ ތެރެއިން 42 ޕަސެންޓް މެމްބަރުން ސަރުކާރަކަށް ވޯޓެއް ނުދޭނެ. އެއީ 47،000 އެއްހާ މީހުން."

ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ މާ ނަޒާހަތްތެރި ނިޒާމަކަށް ވެގެންދާނެ ކަމަށާއި ނަމަވެސް ބުއްދިވެރިކަމާއެކު އަމަލުނުކޮށްފިނަމަ މިސްރާބު ހުރީ ހަރާބުގެ މަގަށް ދިއުމަށް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އެމްޑީީގެ މެމްބަރުންނަކީ ވިސްނުންތެރި ބައެއް ކަމަށް. އެހެންވީމަ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އުއްމީދުކުރަން،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ 2018 ގެ ހާލަތާއި މިހާރުގެ ހާލަތު އެއްވެސް ހާލެއްގައި އެއްގޮތް ކޮށްގެން ނުވާނެ ކަމަށެވެ. އޭރު ސިޔާސީ ހުރިހާ ލީޑަރުން ތިއްބެވީ ޖަލު ބަންދުގައި ކަމަށް ވުމުން އެ އިންތިހާބުގައި ވާދަކުރާނެ އިތުރު އެއްވެސް ބޭފުޅަކު ނެތަސް މިހާރު އެ ހުރިހާ ބޭފުޅުން އެބަތިއްބެވި ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ނަޝީދު އިސްވެ މަސައްކަތް ފެއްޓެވި ނަމަވެސް، އެކަމަށް ރައީސްގެ ތާއިދެއް ނެތެވެ.

އެކަމާ ގުޅޭ ގޮތުން "ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ މިއީ ބަރުލަމާނީ ނިޒާމް ގެންނަން އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށާއި ގައުމުގެ މައްސަލަތައް ހައްލު ކުރުން މާ މުހިންމު ކަމަށެވެ. އެ މަނިކުފާނު ގަބޫލު ކުރައްވަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވޭ ވެރިއަކު އެކުލަވައިލެވޭ ސަރުކާރެއް އޮތުމަކީ މިދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތް ކަމަށް ރައީސް ވިދާޅުވި އެވެ.