ވެރިކަން ހިންގުމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހަޅާފައިވާ ގަރާރާ ދެކޮޅު ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާމަ ކުރައްވައިފި އެވެ.
16 އޯގަސްޓް 2022
ވެރިކަން ހިންގުމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހަޅާފައިވާ ގަރާރާ ދެކޮޅު ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާމަ ކުރައްވައިފި އެވެ.
ބަރުލަމާނީ ނިޒާމެއް ގެންނަން ގާނޫނުއަސާސީ އިސްލާހު ކުރުމަށާއި އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ނަޝީދު ވަނީ ހުށަހަޅުއްވާ، އެކަމަށް އެމްޑީޕީ މެމްބަރުންގެ ތާއީދު ހޯދުމުގެ މަސައްކަތް ފައްޓަވައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން "ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ މިއީ ބަރުލަމާނީ ނިޒާމް ގެންނަން އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށާއި ގައުމުގެ މައްސަލަތައް ހައްލު ކުރުން މާ މުހިންމު ކަމަށެވެ.
އެމަނިކުފާނު ގަބޫލު ކުރައްވަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވޭ ވެރިއަކު އެކުލަވައިލެވޭ ސަރުކާރެއް އޮތުމަކީ މިދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ވެރިކަމުގައި ހަތަރު އަހަރު ފުރިހަމަ މިވަނީ ވައުދުތައް ފުއްދުމުގައި. ނިޒާމުގައި އޮތް މައްސަލައެއް ކަމަކަށް މުޅިއަކުން ގަބޫލެއް ނުކުރެވޭ. އަޅުގަނޑުގެ އިލްތިމާސަކީ ކޮންގްރެސް އަށް ހުށަހަޅައިގެން ވޯޓަކަށް ދިޔުމުގެ ބަދަލުގައި މިހާރު މި [ގަރާރު] ވިތުޑްރޯ ކުރެއްވުން،" ރައީސް ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމް ގެންނަން ޖެހޭ ސަބަބުތައް ކަމަށް ނަޝީދު ވިދާޅުވަނީ ރިޔާސީ އިންތިހާބުގައި އެއް ޕާޓީއަކަށް ކާމިޔާބު ނުހޯދެވުމެވެ. އަދި ކޯލިޝަނަކާއެކީ ވެރިކަން ކުރަން ޖެހުމުން ރައްޔިތުންގެ ކަންބޮޑުވުން އައުމާއި ބޮޑުވަޒީރެއް ހުރެގެން ކުރާ ވެރިކަމެއް މާ ފުރިހަމަ ވާނެ ކަމަށް އެމަނިކުފާނަށް ގަބޫލު ކުރެވޭތީ އެވެ.
ރައީސް ސޯލިހުގެ އިތުރުން މުޅި އެމްޑީޕީން މީގެ ކުރިން ތާއީދުކުރީ ބަރުލަމާނީ ނިޒާމަށެވެ. އެގޮތުން 2007 ވަނަ އަހަރު އޮތް ނިޒާމް ކަނޑައެޅުމުގެ ވޯޓުގައި އެ ނިޒާމަށް ކެމްޕެއިންކުރި އެވެ. އެކަމަކު އެ ފަހަރު ކާމިޔާބުލިބުނީ، ރައީސް މައުމޫން އަބްދުލްގައްޔޫމް އޭރު އިސްކޮށް ހުންނެވި ޑީއާރްޕީ އިން ތާއީދުކުރި ރިޔާސީ ނިޒާމަށެވެ.
- ބަރުލަމާނީ ނިޒާމް އެކުލަވާލައި، ބޮޑުވަޒީރެއް އައްޔަން ކުރުން
- ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓުގެ އަދަދަށް ބަލައި ނޭޝަނަލް ލިސްޓެއް އެކުލަވައިލުން
- މަޖިލިސް މެމްބަރުންގެ ޖުމުލަ އަދަދު 87 އަށް ވުރެ އިތުރު ނުވާނެ ގޮތް ހެދުން
- މަޖިލިސް މެމްބަރުންގެ ތެރެއިން އެކުލެވޭ ވަޒީރުންގެ މަޖިލިސް އެކުލަވައިލުން
- ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލު ކުރުން
- ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުން
- ލާމަރުކަޒީ އުސޫލުގެ ސިފަތައް ގާނޫނުއަސާސީގައި ހިމެނުން
ރައީސް މީގެ ކުރިން ވަނީ އެމަނިކުފާނު ދެ ވަނަ ދައުރަކަށް ކުރިމަތިލާން ޝައުގުވެރިވާ ކަމަށާއި އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވަން ގަސްތު ކުރައްވާ ކަން ހާމަ ކުރައްވާފަ އެވެ. ނަމަވެސް އެއީ ބުއްދިވެރި ގޮތެއް ނޫން ކަމަށް ނަޝީދު ވިދާޅުވެފައި ވެ އެވެ.
ނިޒާމީ ވޯޓަށް ގޮތް ނިންމަން ގައުމީ މަޖިލިސް ބާއްވަނީ
ނިޒާމް ބަދަލުކޮށް ބާރުތައް ބަހާނެ ވަގުތާ މެދު ސުވާލެއް
ޑިމޮކްރެޓުން ނިޒާމު ބަދަލުކުރާ ވާހަކަ އާކޮށްފި
އިންތިހާބުގެ ކުރިން ބަރުލަމާނީ ވޯޓެއް ނޯންނާނެ:ފައްޔާޒް
ބަރުލަމާނީގެ އުންމީދު ކަފުން؛ ނަޝީދުގެ ކުރިމަގު ބަނަ!
ނަޝީދުގެ ފަރާތުން ފެންނަނީ މުޅިން މާޔޫސްކަން!
އެމްޑީޕީ އަދިވެސް އެދެނީ ބަދަލަކަށް: ނަޝީދު
ނިޒާމު ބަދަލުނުކޮށްފިނަމަ ސަރުކާރަށް ގިނަ ވޯޓު ގެއްލޭ
ޗެއާޕާސަނާއި ޕީޖީ ލީޑަރު މި މަހު، ކޮންގްރެސް މާޗުގައި
"ނިޒާމު ބަދަލުކުރުމާއި އިންތިހާބަށް އެއްބަސް ނުވެވުނު"