Roadha Mihaaru
ޓިކެޓް ދޭ ގޮތަކާ ނަޝީދު ވިޔަސް ގަބޫލުވާންވާނެ: ރައީސް

ޕާޓީން ނިންމީމަ ނަޝީދު ވިޔަސް ރަނގަޅުވާނީ މަޑުން ހުންނެވުން: ރައީސް

20 އޯގަސްޓް 2022

އެމްޑީޕީގެ މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓު ދޭން ނިންމައިފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިޔަސް މަޑުން ހުންނަވައި ޕާޓީއާ އެކު ކުރިޔަށް ވަޑަައިގަންނަވަން ޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެމްޑީޕީގެ މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓު ދޭން ނިންމައިފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިޔަސް މަޑުން ހުންނަވައި ޕާޓީއާ އެކު ކުރިޔަށް ވަޑަައިގަންނަވަން ޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސޯޝަލް ސެންޓަރުގައި މިހާރު ކުރިޔަށް ދާ އެމްޑީޕީގެ ކޮންގްރެސް ބައްދަލުވުމުގައި ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން އަންނަނީ ރިޔާސީ ނިޒާމުގައި ތިބެ ރައީސަށް ދެވަނަ ދައުރެއް ދިނުމަކީ އެމްޑީޕީ އަށް ފައިދާ ހުރި ގޮތެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެމްޑީޕީ އަށް ފަހި މުސްތަގުބަލެއް އޮތީ ބަރުލަމާނީ ނިޒާމަށް ބަދަލުކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮންގްރެސް ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ނަޝީދު ހުށަހެޅުއްވި ނިޒާމީ ގަރާރާ ގުޅޭ ގޮތުން "މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރަޓިކް ޕާޓީއެއް ކަމަށާއި ކަންކަން ނިންމުމުގެ ބާރު އޮތީ މެމްބަރުންގެ އަތުގައި ކަމަށެވެ.

ރައީސް ވިދާޅުވީ ކޮންގްރެސްއަކީ ޕާޓީގެ އެންމެ ބޮޑު އެއްވުން ކަމަށާއި އެ ބައްދަލުވުމުގައި ނިންމާ ނިންމުންތަކާ މެދު ކިތަންމެ ނުގަބޫލު ވިޔަސް އެކީގައި ކުރިޔަށް ދާން ޖެހޭނެ ކަމަށެވެ.

"މިސާލަކަށް އަޅުގަނޑު ކެނޑިޑޭޓަކަށް ވީމަ ރައީސް ނަޝީދު އެކަމާ ހިތްހަމަ ނުޖެހޭ ކަމަށް ވަންޏާ، މަޑުން ހުންނަވާނީ. އެކަމަކު ޕާޓީ ކުރިޔަށް ދާން ވާނެ،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީ މެމްބަރުންގެ ނިންމުންތަކާ ހިތްހަމަނުޖެހިގެން އެހެން ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ކުރުމަކީ ވެސް ރަނގަޅު ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

"ނިޒާމާ ގުޅޭ ވޯޓުގައި ކާމިޔާބު ހޯދާނަން"

ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ނަޝީދު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރުން އޮތީ މާދަމާ އަށް އެޖެންޑާ ކޮށްފަ އެވެ.

ރައީސް ވިދާޅުވީ ނިޒާމް ބަދަލު ކުރުމާ ގުޅޭ ގޮތުން އެމްޑީޕީގެ މެމްބަރުން ވަރަށް މިނިވަން ކަމާއެކު ފުޅާ ދާއިރާއެއްގައި ބަހުސް ކުރަން ޖެހޭ ކަމަށެވެ.

ނަޝީދު ހުށަހެޅުއްވި ގޮތަށް ނިޒާމާ ބެހޭ ގަރާރު ފާސް ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ނަމަވެސް ކޮންގްރެސްމަނުން ނިންމަވާ ކޮންމެ ނިންމުމަކަށް އިހްތިރާމް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިހާރު ގަރާރު އޮތް ގޮތަކަށް ފާސް ވާނެ ހެނެއް،" ރައީސް ވިދާޅުވި އެވެ.

ނަޝީދުގެ ގަރާރު:

- ބަރުލަމާނީ ނިޒާމް ގެންނަން ފެންނަ ނުފެންނަ ވޯޓެއް ނެގުން

- ބޮޑުވަޒީރަކު އައްޔަން ކުރުން

- ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓުގެ އަދަދަށް ބަލައި ނޭޝަނަލް ލިސްޓެއް އެކުލަވައިލުން

- މަޖިލިސް މެމްބަރުންގެ ޖުމުލަ އަދަދު 87 އަށް ވުރެ އިތުރު ނުވާނެ ގޮތް ހެދުން

- މަޖިލިސް މެމްބަރުންގެ ތެރެއިން އެކުލެވޭ ވަޒީރުންގެ މަޖިލިސް އެކުލަވައިލުން

- ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލު ކުރުން

- ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުން

- ލާމަރުކަޒީ އުސޫލުގެ ސިފަތައް ގާނޫނުއަސާސީގައި ހިމެނުން

ބަރުލަމާނީ ނިޒާމް ގެންނަން މާދަމާ ފާސްކޮށްފި ނަމަ އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހަން ސަރުކާރުން އެއްބާރުލުން ދޭނެ އެވެ.

ނަމަވެސް ރައީސް ނިންމަވާފައި ވަނީ ސަރުކާރު ކޯލިޝަންގައި މިހާރު ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރްއެމް އާއެކު 2023 ގެ ރިޔާސީ އިންތިހާބަށް ނުކުތުމަށެވެ. އެ ޕާޓީތަކުން އެމަނިކުފާނަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވަ އެވެ.