Roadha Mihaaru
ޕްރައިމަރީ މައްސަލަ:އިހްތިސާސްއާ މެދު ސުވާލުއުފައްދައިފި

ޕްރައިމަރީ ބާތިލްކުރުމުގެ މައްސަލަ: އިހްތިސާސްއާ މެދު އެމްޑީޕީން ސުވާލު އުފައްދައިފި

05 މާޗް 2023

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލް ކުރަން ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ބުނެ އެމްޑީޕީން އިހްތިސާސްއާ މެދު ސުވާލު އުފެއްދުމުން، ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރުމާ މެދު ގޮތެއް ނިންމުން ސިވިލް ކޯޓުން ފަސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލް ކުރަން ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ބުނެ އެމްޑީޕީން އިހްތިސާސްއާ މެދު ސުވާލު އުފެއްދުމުން، ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރުމާ މެދު ގޮތެއް ނިންމުން ސިވިލް ކޯޓުން ފަސްކޮށްފި އެވެ.

މިދިޔަ ޖެނުއަރީ މަހު ބޭއްވި ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވާދަ ކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޕްރައިމަރީ ކާމިޔާބު ކުރައްވާފައި ވަނިކޮށް އެ ޕްރައިމަރީގެ ނަތީޖާ ބާތިލްކުރަން ހުށަހެޅީ އަލީ އަމްޖަދު ކިޔާ މީހެކެވެ.

އެ މައްސަލާގައި ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައިވާތީ ސިވިލް ކޯޓުގައި މިއަދު ތާވަލްކުރީ ވަގުތީ އަމުރާ މެދު ވާހަކަ ދެއްކުމައި ގޮތެއް ނިންމުމުވެ. އެހެން ނަމަވެސް އެމްޑީޕީން ވަނީ އިިހްތިސާސްއާ މެދު ސުވާލު އުފައްދައި، އިޖްރާއީ މައްސަލައެއް ހުށަހަޅައިފަ އެވެ.

އެކަމަށް ޖަވާބުދާރީވާން 10 ދުވަހުގެ ފުރުސަތެއް ކޯޓުން މިއަދު ވަނީ ދީފަ އެވެ.

މަދަނީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން އެ މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އިހްތިސާސްއާ މެދު ސުވާލު އުފައްދައިފި ނަމަ، އެކަމާ މެދު ދައުވާކުރާ ފަރާތުން ޖަވާބު ދޭންޖެހޭނެ އެވެ. އަދި އެއަށްފަހު އެކަމާ މެދު ކޯޓުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

އެމްޑީޕީގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރި ޕްރައިމަރީގައި ރައީސް ނަޝީދުގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރި ހޯއްދެވީ 61 ޕަސެންޓުންނެވެ.

ބޮޑު އަޣުލަބިއްޔަތަކުން ރައީސް އެ ޕްރައިމަރީ ކާމިޔާބު ކުރެއްވިޔަސް، ނަޝީދުގެ ފަރާތްޕުޅުން ވަނީ ޕްރައިމަރީގެ ސައްހަކަމާ މެދު ސުވާލު އުފައްދައިފަ އެވެ.

މި ނަތީޖާ ގަބޫލުނުކުރައްވައި ނަޝީދު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ސިޔާސީ ހަރަކާތެއް ވެސް ފައްޓަވައިފަ އެވެ. އެމްޑީޕީގެ ގިނަ އަދަދެއްގެ ބަޔަކު އެ ހަރަކާތަށް ސޮއިކުރަމުން އަންނަ ކަމަށާއި މިހާތަނަށް 50،000 އަށް ވުރެން ގިނަ މެމްބަރުން ސޮއިކޮށްފައިވާ ކަމަށް އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ވަނީ ވިދާޅުވެފަ އެވެ.