Roadha Mihaaru
ނިޒާމް ބަދަލު ކުރަން ނަޝީދު ކޮންގްރަސްއަށް ހުށަހަޅައިފި

ރައީސް އިންތިހާބު ކުރާ ގޮތާއި، ނިޒާމް ބަދަލުކުރަން ނަޝީދު ކޮންގްރަސް އަށް ހުށަހަޅުއްވައިފި

11 އޯގަސްޓް 2022

ރައިސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތާއި ވެރިކަމުގެ ނިޒާމް ބަރުލާމާނީ ނިޒާމަށް ބަދަލުކުރަން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެ ޕާޓީގެ ކޮންގްރަސް އަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައިސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތާއި ވެރިކަމުގެ ނިޒާމް ބަރުލާމާނީ ނިޒާމަށް ބަދަލުކުރަން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެ ޕާޓީގެ ކޮންގްރަސް އަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

މި މަހު 19 އިން 21 އަށް މާލޭގައި ބާއްވާ އެމްޑީޕީގެ ކޮންގްރަސް އަށް އެ ހުށަހެޅުއްވުން ހުށަހެޅުއްވީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ ތާއީދާ އެކު އެވެ.

އެ ގަރާރުގައި ބުނެފައި ވަނީ ގާނޫނުއަސާސީގައި ވެރިކަމުގެ ނިޒާމާއި އިންތިހާބީ އުސޫލުތައް ކަނޑައަޅާފައިވާ ގޮތުން ރިޔާސީ އިންތިހާބެއްގައި އެއް ޕާޓީން އެ އިންތިހާބު ކާމިޔާބުކޮށް މުތުލަގު ބާރުތަކާ އެކީު ސަރުކާރު ހިންގުން ނާދިރު ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ތެރޭގައި އެހެން ޕާޓީތަކާއެކު ކޯލިޝަނެއް ހަދަން ޖެހުމުގެ ސަބަބުން ސަރުކާރު ހިންގުން ގަޑުބަޑުވެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދޭ ކަމަށާއި ސަރުކާރާ މެދު ޕާޓީގެ އާންމު މެމްބަރުންގެ އިތުބާރު ކުޑަވަމުން އަންނަ ކަމަށް އެ ގަރާރުގައި ބުނެފައި ވެ އެވެ.

އެ މައްސަލަތައް ހައްލު ކުރުމަށް އެ ގަރާރުގައި ހުށަހަޅާފައިވާ ހައްލަކީ ސަރުކާރުގެ އެންމެ އިސްވެރިޔަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބު ކުރާ އަދި މަޖިލީހުގެ އަގުލަބިއްޔަތު ލިބިފައިވާ ބޮޑުވަޒީރަކު ކަމަށް ކަނޑައެޅުމަށާއި ދައުލަތުގެ އެންމެ އިސް ވެރިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާނީ ރިޔާސީ އިންތިހާބުގެ ވޯޓުގައި އެންމެ ގިނަ ވޯޓު ލިބޭ މީހާ ކަމަށް ކަނޑައަޅައި ގާނޫނުއަސާސީ އެގޮތަށް ބަދަލު ކުރުމަށެވެ.

ނަޝީދުގެ އިތުރު ހުށަހެޅުއްވުންތައް:

- ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓުގެ އަދަދަށް ބަލައި ނޭޝަނަލް ލިސްޓެއް އެކުލަވައިލުން

- މަޖިލިސް މެމްބަރުންގެ ޖުމުލަ އަދަދު 87 އަށް ވުރެ އިތުރު ނުވާނެ ގޮތް ހެދުން

- މަޖިލިސް މެމްބަރުންގެ ތެރެއިން އެކުލެވޭ ވަޒީރުންގެ މަޖިލިސް އެކުލަވައިލުން

- ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލު ކުރުން

- ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުން

- ލާމަރުކަޒީ އުސޫލުގެ ސިފަތައް ގާނޫނުއަސާސީގައި ހިމެނުން

އެ ގަރާރުގައިވާ ގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށާއި ބަރުލަމާނީ ނިޒާމް ގެންނަން ފާސްވެއްޖެ ނަމަ އެ ބަދަލުތައް ގާނޫނުއަސާސީ އަށް ގެނައުމަށް ވެސް ނަޝީދު ވަނީ ގަރާރުގައި ހުށަހަޅުއްވައިފަ އެވެ.

އެމްޑީޕީގެ ތެރޭގައި ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެ ފެކްޝަނެއް އުފެދިފައިވާ އިރު މި ބަދަލުތަކަށް ތާއީދު ކުރަނީ ނަޝީދު ފެކްޝަންގެ މެމްބަރުން އެކަންޏެވެ. ރައީސަށް ތާއީދު ކުރާ އަދި އެމަނިކުފާނުގެ އަރިސް މެމްބަރުން ވަނީ ބަރުލަމާނީ ނިޒާމް ގެނައުން ފަދަ ކަންކަމާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ނިޒާމުގެ ތެރެއިން އެމަނިކުފާނު ދެވަނަ ދައުރަކަށް ވާދަ ކުރައްވަން ގަސްތުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ނަޝީދު ގޮވާލާފައި ވަނީ ރިޔާސީ އިންތިހާބުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސް ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށެވެ.

ހާހަކަށް ވުރެ ގިނަ އެމްޑީޕީގެ މެމްބަރުން ބައިވެރިވާ އެ ކޮންގްރެސް ބައްދަލުވުމުގައި މި މައްސަލަ އާ މެދު ބަހުސް ކުރުމަށް ފަހު އެމްޑީޕީން ކުރިޔަށް ދާނެ ގޮތެއް ފާސް ކުރާނެ އެވެ.