Roadha Mihaaru
މިޝްކާގެ މަރުގެ މައްސަލައިގެ މައުލޫމާތު ފުލުހުންނަށް

މިޝްކާގެ މަރުގެ މައްސަލަ: ތަހުގީގު ފުރިހަމަކުރަން ފުލުހުންނާ މައުލޫމާތު ހިއްސާކޮށްފި

03 އޯގަސްޓް 2021

ކޮވިޑު-19 ގައި ހާލު ދެރަވެ، މިދިޔަ ޖޫން މަހުގެ ކުރީކޮޅު ނިޔާވި މިޝްކާ މުހައްމަދަށް ފަރުވާ ދިނުމުގައި އިހުމާލުވި މައްސަލަ ތަހުގީގު ފުރިހަމަ ކުރުމަށް ފުލުހުންނަށް ބޭނުންވާ މައުލޫމާތުތައް ފުލުހުންގެ އިދާރާއާ ހެލްތު މިނިސްޓްރީން ހިއްސާކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑު-19 ގައި ހާލު ދެރަވެ، މިދިޔަ ޖޫން މަހުގެ ކުރީކޮޅު ނިޔާވި މިޝްކާ މުހައްމަދަށް ފަރުވާ ދިނުމުގައި އިހުމާލުވި މައްސަލަ ތަހުގީގު ފުރިހަމަ ކުރުމަށް ފުލުހުންނަށް ބޭނުންވާ މައުލޫމާތުތައް ފުލުހުންގެ އިދާރާއާ ހެލްތު މިނިސްޓްރީން ހިއްސާކޮށްފި އެވެ.

އެ މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، މިޝްކާ ނިޔާވި މައްސަލަ ތަހުގީގު ކޮށްދިނުމަށް އެޗްއާރުސީއެމުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ތަހުގީގު ފުރިހަމަކުރުމަށް ފުލުހުން އެދުނު ހުރިހާ މައުލޫމާތެއް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ މެއި މަހުގެ 28 ގައި ނެގި ސާމްޕަލް އިން ކޮވިޑަށް ޕޮޒިޓިވްކަން އެނގުނު އުމުރުން 10 އަހަރުގެ މިޝްކާގެ ހާލު ސީރިއަސްވެ ނިޔާވީ އޭގެ ފަސްވަރަކަށް ދުވަސް ފަހުން ޖޫން މަހުގެ ދެ ވަނަ ދުވަހުގެ ރޭގަ އެވެ. އެ ކުއްޖާގެ ހާލު ސީރިއަސް ވާން ފެށުމުން އެމްބިއުލާންސް ފޮނުވައިދޭން އެތައް ފަހަރަކު އެދުމުން ވެސް އެކަން ކޮށްދީފައި ވަނީ ދެ ގަޑިއިރާއި 25 މިނެޓު ފަހުންކަން ހެލްތު މިނިސްޓްރީގެ ރިވިއުން އެނގެ އެވެ.

އެ މައްސަލައިގައި، އެކި ފަރާތްތަކުގެ ފާޑުކިޔުންތަކާ ހެދި ހެލްތު މިނިސްޓްރީން ހެދި ރިޕޯޓު ނިންމައި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައި ވެ އެވެ. އެ ރިޕޯޓުގައި ވެސް ބުނެފައި ވަނީ މިޝްކާއަށް ފަރުވާ ދިނުުމުގައި ހުރިހާ ކަމެއް ލަސްވި ކަމަށެވެ. އަދި އެފަދަ ދެ ވަނަ ހާދިސާއެއް ތަކުރާރުނުވާނެހެން ބައެއް ބަދަލުތައް ގެންނަން ހުށަހަޅާފައި ވެ އެވެ.

އޮފިޝަލް ވިދާޅުވީ ރިޕޯޓުން ފާހަގަވި ކަންކަމުގެ 90 ޕަސެންޓް ކަންކަން އިސްލާހު ކޮށްފައިވާ ކަމަށެވެ.

"ސިސްޓަމުގައި ހުރި މައްސަލަތައް ބަލާފައި ސިސްޓަމްގެ ކަންތައްތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ވާނީ،" އޭނާ ވިދާޅުވި އެވެ.

ގުޅުން ހުރި އިދާރާތަކަށް ރިޕޯޓު ފޮނުވުމުން އެ ތަނަކުން އިތުރަށް އެ ކަންކަން ބަލާނެ އެވެ. އިހުމާލުވި މުވައްޒަފުންނަށް ފިޔަވަޅު އަޅާނީ އޭގެ ފަހުންނެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ކުރިން ވިދާޅުވީ މިޝްކާ ނިޔާވި ހާދިސާ ހިނގީ ވަރަށް ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ އެޗްއީއޯސީގައި އެންމެން ވެސް އާދަޔާ ހިލާފު ޕްރެޝަރެއްގައި މަސައްކަތްކުރަން ޖެހިފައި އޮތް ވަގުތެއްގައި ކަމަށް ވާތީ، މުވައްޒަފަކާ މެދު ފިޔަވަޅު އަޅާއިރު އެކަމަށް ވެސް ރިއާޔަތްކުރަންޖެހޭ ކަމަށެވެ.

"މި ވަރުގެ ސާޖެއް އައިސްގެން މި ކަންތައް ކުރާއިރު އަރާފާނެ އޮޅުންތަކާ ދިމާވެދާނެ ކަންތައްތަކެއް ދިމާވެފައި މި ހުރީ. އަންފޯޗުނޭޓްލީ، ހިތާމައަކީ މިކަމުގެ ސަބަބުން މި ކުއްޖާ ނިޔާވުމަށް ދިމާވުމާ މި ކަހަލަ އެތައް ކަންތައްތަކެއް އަޅުގަނޑުމެން އަތްދަށުން ގޮސްފައި ހުރި ކަމަށް ފާހަގަކުރަނީ،" މިދިޔަ ޖޫން 21 ވަނަ ދުވަހު ނަސީމް ވިދާޅުވެފައި ވެ އެވެ.