Roadha Mihaaru
މިޝްކާގެ ވަކިވުން: ގެއްލުނީ ޖަވާހިރެއް!

މިޝްކާގެ ވަކިވުން: ގެއްލުނީ ޖަވާހިރެއް!

02 ޖޫން 2021

ކޮވިޑް ބަލީގަައި، ނިއާވި އެންމެ 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދުގެ ވާހަކަ އެހުމުން އޭނާގެ ޓީޗަރަކު ބުނީ އެ ގެއްލުނީ ޖަވާހިރެއް ކަމަށެވެ. އިމާދުއްދީން ސްކޫލުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށް ހިންގާ ޖުވެލް ސެންޓަރުން މިޝްކާ އަކީ ހުރިހާ ކަމެއްގައި ވެސް މޮޅު، ލޯބިކޮށް އުޅުނު ކުއްޖެއް ކަމަށް އޭނާ ބުންޏެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑް ބަލީގަައި، ނިއާވި އެންމެ 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދުގެ ވާހަކަ އެހުމުން އޭނާގެ ޓީޗަރަކު ބުނީ އެ ގެއްލުނީ ޖަވާހިރެއް ކަމަށެވެ. އިމާދުއްދީން ސްކޫލުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށް ހިންގާ ޖުވެލް ސެންޓަރުން މިޝްކާ އަކީ ހުރިހާ ކަމެއްގައި ވެސް މޮޅު، ލޯބިކޮށް އުޅުނު ކުއްޖެއް ކަމަށް އޭނާ ބުންޏެވެ.

ކޮވިޑް ބަލީގައި ރާއްޖޭން ނިއާވި ފުރަތަމަ ކުޑަ ކުއްޖާ ކަމަށްވާ މިޝްކާ އަކީ ގުރުއާން ކިޔެވުމާއި މަދަހަ ކިޔުމާއި ލަވަ ކިޔުމުގެ އިތުރުން އިނގިރޭސި ބަހަށް ވެސް މޮޅު ކުއްޖެއް ކަމަށް މިޝްކާގެ ޓީޗަރުން ބުނެ އެވެ.

ހދ. ކުޅުދުއްފުށީ ލާޖަހާގޭ މިކްޝާ އަކީ ޖުވެލް ސެންޓަރުގެ ދަރިވަރެއް ނަމަވެސް އޭނާގެ ހުނަރުވެރިކަމާ އެކު، އިންކްލޫސިވް އެޑިއުކޭޝަންގެ ތެރެއިން ކިޔަވަމުން އައީ ގްރޭޑް ހަތަރެއްގަ އެވެ.

"އެއީ ހަމަ ފަސް މީރު ކުރި ރުކެއް. މިޝްކާ އަކީ ހުރިހާ ހުނަރެއް ވެސް ހުރި މޮޅު ކުއްޖެއް. ވަރަށް ލޯބިން އުޅޭ ޓީޗަރުން ދެކެ ލޯބިވާ މޮޅު ދަރިވަރެއް އެއީ،" މިޝްކާގެ ޓީޗަރަކު ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި، މިޝްކާގެ ލޯބި އުޅުމުގެ ސަބަބުން ޓީޗަރުންނާ ވަރަށް ގާތް ގުޅުމެއް އުފެދިފައިވެ އެވެ.

"އެއީ ހަމަ ޓީޗަރުންގެ ދަރިއެއްހެން އުޅުނު ކުއްޖެއް. އެންމެން މި ތިބީ ވަރަށް ދެރަވެފައި. އަހަރެމެން މިޝްކާ ދެކެ ވަރަށް ލޯބިވޭ،" މިޝްކާގެ ކުއްލި ވަކިވުމާ އެކު ހިތާމާގައި ހުރި ޓީޗަރު ބުންޏެވެ.

މިޝްކާ ބައިވެރިވެގެން، އޯޓިޒަމް ދުވަހަށް އިމާދުއްދީން ސްކޫލް ހެދި ލަވަ

އާއިލާ އިން ތުހުމަތު ކުރަނީ އެމްބިއުލާން ލަސްވި ކަމަށް

ދުވަސްކޮޅެއް ކުރިން ކޮވިޑަށް ޕޮޒިޓިވްވި މިޝްކާ ނިޔާވީ ކުއްލިއަކަށް މާ ބޮޑަށް ހާލު ދެރަވެ، ރޭ އައިޖީއެމްއެޗަށް ގެންދިޔަ ފަހުންނެވެ. އާއިލާ އިން ތުހުމަތުކުރާ ގޮތުގައި ކުއްޖާގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދަން ގުޅުމުން އެމްބިއުލެންސް އައީ ވަރަށް ލަސްވި ފަހުންނެވެ.

"ކޮވިޑަށް ޕޮޒިޓިވްވެ މަންމަ އާއި ބައްޕާ އެކު [މިޝްކާ] ގޭގައި ކަރަންޓީނު ކޮށްފައި ހުރީ. ބަލިޖެހުނު ފަހުން ހުން އައި ނަމަވެސް މިކްޝާގެ ހާލު އިއްޔެއާ ހަމައަށް ރަނގަޅު،" އާއިލާގެ މީހަކު ޓުވިޓާގައި ލިޔެފައިވެ އެވެ.

"ނޭވާލާން އުނދަގޫވެ ރޭގައި ނޭފަތުން ލޭ ވެސް އައި."

އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް މިޝްކާއާ ބެހޭ ގޮތުން ލިޔުއްވާފައިވާ ފޭސްބުކް ޕޯސްޓެއް.

މިޝްކާ ދަންނަ ބައެއް މީހުން ކިޔައިދިން ގޮތުގައި އެއީ ބައެއް ކަންކަން ބުނެދޭން އުނދަގޫ ކުއްޖެކެވެ. ކުޅު ޖެހުން ފަދަ ކަންކަން ކުރަން ވެސް ބުނެދޭން ޖެހެ އެވެ. އެހެންވެ ރޯގާ ޖެހުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ އެ ވާ އުނދަގޫތައް ބުނެދޭން ނޭނގިދާނެ ކަމަށް އެ މީހުން ބުންޏެވެ.

އާއިލާ އިން ސޯޝަލް މީޑިއާގައި ބުނީ، މިޝްކާގެ ހާލު ދެރަވެގެން އެމްބިއުލެންސަށް ގުޅީ ރޭ 9 ޖެހިއިރު ކަމަށެވެ. އެޗްޕީއޭގެ ހޮޓްލައިން 1676 އިން ތަކުރާރުކޮށް ގުޅުމުން ވެސް އެބަދެއޭ ބުނި ކަމަށާއި އެންމެފަހުން އެމްބިއުލެންސް ދިޔައިރު ހުރީ 11:40 ވެފައި ކަމަށް ބުންޏެވެ. އެޗްޕީއޭގެ އިތުރުން އައިޖީއެމްއެޗްގެ އެމްބިއުލެންސަށް ވެސް ގުޅި އެވެ.

ކުއްޖާ ބަލާ އެމްބިއުލެންސް ދިޔައިރު ކުއްޖާ އޮތީ ހޭނެތި، ވަރަށް ހާލު ސީރިއަސް ވެފައި ކަމަށްވެ އެވެ. އެޗްޕީއޭ އިން ޓްވީޓްކޮށްފައިވާ ގޮތުގައި މިޝްކާ ނިއާވީ ރޭ ދަންވަރު 12:10 ގައި، އައިޖީއެމްއެޗް އިމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށެވެ.