Roadha Mihaaru

މިޝްކާގެ މަރު: ފަރުވާ ލަސްވި މައްސަލަ ބަލަން މަޖިލީހަށް

ކޮވިޑް-19 ގައި ރޭ ނިޔާވި ފާތިމަތު މިޝްކާ މުހައްމަދަށް ފަރުވާ ދިނުން ލަސްވި މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިޝްކާގެ މަރު:ފަރުވާ ލަސްވި މައްސަލަ ބަލަން މަޖިލީހަށް
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

02 ޖޫން 2021

ކޮވިޑް-19 ގައި ރޭ ނިޔާވި ފާތިމަތު މިޝްކާ މުހައްމަދަށް ފަރުވާ ދިނުން ލަސްވި މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ހދ. ކުޅުދުއްފުށި، ލާޖަހާގޭ މިޝްކާއަކީ އެ ބަލީގައި ރާއްޖެ އިން ނިޔާވި ފުރަތަމަ ކުޑަކުއްޖާ އެވެ. މިޝްކާ، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނިކޮށް، ރޭ އޭނާގެ ހާލު ގޯސްވާން ފެށުމުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ގުޅިޔަސް، އެމްބިއުލާންސް އައީ ދެ ގަޑިިއިރަށް ވުރެ ގިނައިރު ވީ ފަހުންނެވެ.

އެ މައްސަލަ ބަލަން މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅީ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އޭނާ ފޮނުއްވި ސިޓީގައި ވަނީ ކުއްލި ހާލަތްތަކުގައި ފަރުވާ ލަސްވުމުގެ ޝަކުވާ މީގެ ކުރިން ވެސް ލިބޭ ކަމަށާއި މިކަން ތަކުރާރުވާ ސަބަބު ދެނެގަތުމަށާއި ޒިންމާ ނަގަންޖެހޭ ފަރާތްތަކާ ސުވާލު ކުރުވެން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ވީހާ ވެސް އަވަހަކަށް މަޖިލީހުން ބަލައި، ޒިންމާ ނަގަންޖެހޭ ފަރާތްތައް ކޮމިޓީ އަށް ހާޒިރުކުރަން އެދޭ ކަމަށް އެ ސިޓީގައިވެ އެވެ.

އެމްބިއުލާންސް ފޮނުވުން ލަސްވި މައްސަލާގައި އެޗްޕީއޭ އާއި ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. ހެލްތް މިނިސްޓްރީން ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށާއި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ކޮވިޑް-19 ގައި މިދިޔަ އަހަރު އުމުރުން ދުވަސްވީ ދެމަފިރިއަކު މަރުވީ ވެސް އެޗްޕީއޭގެ ފަރުވާ ލަސްވުމުންނެވެ. އެ މައްސަލައިގައި ވެސް ގިނަ ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވި އެވެ.