Roadha Mihaaru
"މިޝްކާގެ މަރުގެ ތަހުގީގު ނިމިއްޖެ، ރިޕޯޓު ހާމަކުރާނަން"

މިޝްކާގެ މަރުގެ ތަހުގީގު ނިމިއްޖެ، ރިޕޯޓު މިއަދު ހާމަކުރާނަން: މިނިސްޓަރު

03 ޖޫން 2021

ކޮވިޑް-19 ގައި ރާއްޖެ އިން ނިޔާވި އެންމެ ހަގު ކުއްޖާ، ފާތިމަތު މިޝްކާ މުހައްމަދަށް ފަރުވާ ދިނުމުގައި ލަސްވި މައްސަލައިގެ ތަހުގީގު ރޭ ދަންވަރު ނިންމާފައިވާ ކަމަށާއި އެ ރިޕޯޓު މިއަދު އާންމު ކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 ގައި ރާއްޖެ އިން ނިޔާވި އެންމެ ހަގު ކުއްޖާ، ފާތިމަތު މިޝްކާ މުހައްމަދަށް ފަރުވާ ދިނުމުގައި ލަސްވި މައްސަލައިގެ ތަހުގީގު ރޭ ދަންވަރު ނިންމާފައިވާ ކަމަށާއި އެ ރިޕޯޓު މިއަދު އާންމު ކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ މިޝްކާގެ މަރުގެ ތަހުގީގު ރޭ ނިމޭނެ ކަމަށެވެ. އޭރުން އެކަން ހިނގައިދިޔަ ގޮތް ސާފުވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މިޝްކާގެ ފަރުވާ ލަސްވުމުގައި އިހުމާލު އެބައޮތެވެ. އެއީ ކޮން ބައެއްގެ އިހުމާލެއްކަން ސާފުވާނީ ތަހުގީގަށް ފަހު ކަމަށް ވިދާޅުވި އެވެެ.

އެކަމާ ގުޅިގެން ނަސީމް "މިހާރު" އަށް މިއަދު ވިދާޅުވީ އެ ރިޕޯޓު ބެއްލެވުމަށް ފަހު މިއަދު ހަވީރު ނިއުސް ކޮންފަރެންސެއް ބާއްވާނެ ކަމަށެވެ. އެ އަށް ފަހު އެ މައުލޫމާތުތައް ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑާ ހަމައަށް އަދި ނުއެއް ގެނޭ [ރިޕޯޓެއް]. ރޭގައި [ތަހުގީގު] ނިންމީ،" ނަސީމް ވިދާޅުވި އެވެ.

މީގެ ހަފުތާއެއް ކުރިން ކޮވިޑަށް ޕޮޒިޓިވްވި 10 އަހަރުގެ މިޝްކާގެ ހާލު ސީރިއަސްވީ މިދިޔަ އަންގާރަ ދުވަހުގެ ރެ އެވެ. އެހެންވެ، އެ ރޭ 9:00 ހާއިރު އެމްބިއުލާންސަށް ގުޅައިގެން އޭގެ އިންތިޒާރުގައި ތިން ގަޑިއިރު ހުންނަންޖެހުނެވެ.

އެ ކުއްޖާގެ އާއިލާއިން ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހޮޓްލައިން 1676 އަށް ތަކުރާރުކޮށް ގުޅުމުން ވެސް، "އެމްބިއުލާންސް މިހާރު ހިނގައްޖެ" ކަމަށް ބުނި ކަމަށާއި އަދި ދިއުން ލަސްވާތީ އައިޖީއެމްއެޗްގެ އެމްބިއުލާންސަށް ވެސް ގުޅި ކަމަށެވެ.

މިޝްކާ ބަލާ އެމްބިއުލާންސް ދިޔައިރު ކުއްޖާ އޮތީ ހޭނެތި، ވަރަށް ބޮޑަށް ހާލު ސީރިއަސްވެފަ އެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެންދިޔަ ފަހުންނެވެ.

އެ މައްސަލައިގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި އެވެ. އެއާއެކު ނަސީމް އިސްތިއުފާ ދެއްވުމަށް ގޮވާލާ އަޑުތައް ގަދަވެފައި ވެ އެވެ.

އެކަމަށް ރައްދުދެއްވައި މިނިސްޓަރު ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވާނީ އެ ކަން ބެއްލެވުމަށް ފަހު ކަމަށެވެ.

"އަޅުގަނޑު މި ކަންތައްތައް ބަލަމުން މި ދަނީ. ރިޕޯޓުތަކަށް ބަލާފައި ސީދާ އަޅުގަނޑުގެ އިހުމާލެއް އުޅޭތޯ ވެސް ބަލާނަން. އެ ކަންކަމަށް ބަލާފައި ތި ސުވާލަށް އަޅުގަނޑު ޖަވާބު ދޭނަން،" މިޝްކާ މަރުވުމުގައި އިހުމާލު އޮތް ކަމަށް ދެކެވަޑައިގެން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ގަބޫލު ކުރައްވަންތޯ ސުވާލު ކުރުމުން މިނިސްޓަރު ނަސީމް ރޭ ވިދާޅުވި އެވެ.