Roadha Mihaaru
ދާއިމީ ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރަނީ

އަތުވެދާނެ ބަލިމަޑުކަމަކަށް ބަލައި، ދާއިމީ ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރަނީ

08 އެޕްރީލް 2021

މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ފަދަ ބަލިމަޑުކަމަކުން ސަލާމަތް ވުމަށް، ރާއްޖޭގައި ދާއިމީކޮށް ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ފަދަ ބަލިމަޑުކަމަކުން ސަލާމަތް ވުމަށް، ރާއްޖޭގައި ދާއިމީކޮށް ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ކޮވިޑްގެެ ބަލިމަޑުކަމުގައި ބަލި ޖެހޭ މީހުން އެކަހެރިކޮށް ބޭތިއްބުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ވެސް ގިނަ ކަރަންޓީނު ފެސިލިޓީތައް ގާއިމްކޮށްފައި ވެ އެވެ.

މިނިސްޓަރު ވިދާޅުވީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތެއް ނުވަތަ ކޮވިޑްގެ ބަލިމަޑުކަން ފަދަ އެހެން ކާރިސާއަކަށް ތައްޔާރުވާން ޖެހޭ ކަމަށެވެ. އެކަމަށް، ދާއިމީ ގޮތެއްގައި ކަރަންޓީނު ފެސިލިޓީތައް ބަހައްޓަވާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެެ ހުރިހާ އަތޮޅެއްގައި މިހާރު ވެސް، 600 އަށް ވުރެ ކަރަންޓީނު ފެސިލިޓީތައް ހަދާފައި ހުރެ އެވެ. އެހެން މީހުންނާ އެކަހެރިކޮށް ބޭތިއްބިި ނަމަވެސް، އެ ތަންތަނުގައި އަސާސީ ހިދުމަތްތައް ލިބެން ހުރެ އެވެ. އެކަމަކު ކުރިމަގުގައި ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރަނީ މި ތަންތަން ކަމެއް ނަސީމް ވިދާޅެއް ނުވެ އެވެ.

މާލޭގައި އާއްމުންގެ ތެރޭގައި ކޮވިޑް ފެތުރެން ފެށުމުން، ބަލި މީހުން ބައިތިއްބުމަށް ފެސިލިޓީއެއް ހެދީ ފަރުކޮޅުފުށީގަ އާއި ވިލިވަރުގަ އެވެ. އޭގެ ފަހުން އއ. ވެލިދޫ އައިލެންޑް ރިސޯޓް ވެސް ކަރަންޓީނު ފެސިލިޓީއަކަށް ބަދަލުކުރި އެވެ.

ހެލްތު މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް، މިހާރު ރާއްޖޭގައި ގާއިމްކޮށްފައި ހުރި ކޮވިޑް ފެސިލިޓީތައް ވެސް ކުރިމަގުގައި ބޭނުންކުރެވޭނެހެން ބައްޓަން ކުރާނެ އެވެ.

މާލެ ފިޔަވައި ރާއްޖޭގެ ހަ އަތޮޅެއްގައި ކޮވިޑް ފެސިލިޓީތައް ހަދާފައި ވެ އެވެ. އެއީ ށ. ފުނަދު އާއި ބ. އޭދަފުއްޓާއި ލ. ގަމާއި ގއ. ވިލިނގިލީގެ އިތުރުން ޏ. ފުވައްމުލަކާއި އައްޑޫގަ އެވެ.

ކޮވިޑް ޖެހިގެން ހާލު ސީރިއަސްވާ މީހުންނަށް އެ ފެސިލިޓީތަކުގައި ފަރުވާ ދިނުމަށް ގިނަ ވަސީލަތްތަކެއް ގާއިމްކޮށްފައި ވެ އެވެ.