Roadha Mihaaru
ދިވެހިންގެ އެވްރެޖް އުމުރު 80 އަށް މަތިކުރެވިއްޖެ

ދިވެހިންގެ އެވްރެޖް އުމުރު 80 އަށް މަތިކުރެވިއްޖެ: ނަސީމް

12 މެއި 2023

ދިވެހިންގެ އެވްރެޖް އުމުރު 80 އަށް މިހާރު މަތިވެފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ދިވެހިންގެ އެވްރެޖް އުމުރު 80 އަށް މިހާރު މަތިވެފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ސަރުކާރާއި ބައިނަލްއަގްވާމީ އިދާރާތަކާ ގުޅިގެން ސިއްހީ ހިދުމަތްތެރިންގެ ހިތްވަރާއެކު ކުރަމުން އައި، މަސައްކަތްތަކުގެ ނަތީޖާ ވަރަށް ފޮނި ކަމަށެވެ.

މީގެ 63 އަހަރު ކުރި އަށް ބަލާއިރު، ދިވެއްސަކު ދިރިހުންނާނެ ކަމުގެ އެވްރެޖް އުމުރު ކުރު ނަމަވެސް މިހާރު އެ އަދަދު މަތި ކުރެވިފައިވާ ކަމަށް ނަސީމް ވިދާޅުވި އެވެ.

"ފަސްދޮޅަހުގެ އަހަރުތަކުގައި ދިވެއްސެއް ދިރިހުންނަ އުމުރަކީ 39 އަހަރު. އެ އަދަދު މިހާރު ހުރީ 80 އަހަރަށް މަތި ކުރެވިފައި،" ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް މިދިޔަ 75 އަހަރުގެ ތެރޭގައި އައިސްފައިވާ ބަދަލުތައް ވިދާޅުވެ ދެއްވައިފަ އެވެ. އޭގެ ތެރޭގައި:

- ޅަފަތުގައި ކުދިން މަރުވާ ނިސްބަތް މަދުވުން.

- ވިހެއުމުގެ ތެރޭގައި މައިން މަރުވާ ނިސްބަތް ދަށްވުން.

- އެކަށީގެން ސިއްހީ ފަރުވާ އާއި ހިދުމަތްތައް ރާއްޖޭގެ ކަންކޮޅުތަކުގައި ގާއިމު ކުރުން.

- ސިއްހީ ހިދުމަތަށް އަމިއްލަ ޖީބުން ބޮޑެތި ހޭދަތަށް ނުކޮށް ސޯޝަލް ހެލްތު އިންޝުއަރެންސްގެ ނިޒާމުގެ ތެރެއިން، މި ހިދުމަތްތައް ލިބޭގޮތަށް ހަމަޖެއްސުން.

ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންނާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ބައިވެރިވެވަޑައިގަންވަނީ--- ފޮޓޯ/ ރައީސް އޮފީސް

ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންނާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ބައިވެރިވެވަޑައިގަންވަނީ--- ފޮޓޯ/ ރައީސް އޮފީސް

ދިރިއުޅުމުގެ އާދަތަކާ ގުޅިފައިވާ ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް އިތުރުވަމުން ދާތީ ވެސް މިނިސްޓަރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ނަމަވެސް ވެކްސިނުން ރައްކާތެރިކަން ލިބޭ ބަލިތައް ރާއްޖޭގައި ކޮންޓްރޯލްކޮށް، އަދި ބައެއް ބަލިތައް ނައްތާލެވިފައިވާ ކަން ނަސީމް ފާހަގަ ކުރެއްވި އެވެ.

"ބަނޑުގައިވާ ދަރިފުޅަށް، މައިމީހާގެ ފަރާތުން އެޗްއައިވީ އާއި ސިފިލިސް ޖެހުމުގެ ފުރުސަތު ނެތް ގައުމެއް ގޮތުގައި މިހާރު ވަނީ ރާއްޖެ ކަނޑައެޅިފައި،" އޭނާ ވިދާޅުވި އެވެ.

ނަސީމް ވަނީ ކޮވިޑްގެ ބަލިމަޑުކަމުގަ އާއި އެ ނޫން ވަގުތުތަކުގައި ވެސް ރާއްޖެއަށް ސިއްހީ ގޮތުން އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.