Roadha Mihaaru
ހޭނައްތާ ޑޮކްޓަރުން ނުލިބޭތީ މުސާރަ ބޮޑުކޮށްފި

ހޭނައްތާ ޑޮކްޓަރުން ނުލިބޭތީ މުސާރަ ބޮޑުކޮށްފި

17 ނޮވެމްބަރ 2021

ހޮސްޕިޓަލްތަކަށް ހޭނައްތާ ޑޮކްޓަރުން ލިބުމުގެ ދަތިކަން ހައްލުކުރުމަށް، އެ ޑޮކްޓަރުންގެ މުސާރަ ވަގުތީ ގޮތުން ބޮޑުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހޮސްޕިޓަލްތަކަށް ހޭނައްތާ ޑޮކްޓަރުން ލިބުމުގެ ދަތިކަން ހައްލުކުރުމަށް، އެ ޑޮކްޓަރުންގެ މުސާރަ ވަގުތީ ގޮތުން ބޮޑުކޮށްފި އެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް "މިހާރު" އަށް އިއްޔެ ވިދާޅުވީ އަތޮޅާއި ރީޖަނަލް ހޮސްޕިޓަލްތަކަށް ހޭނައްތާ 10 ޑޮކްޓަރު މި ވަގުތަށް ބޭނުންވާ ކަމަށެވެ. އޭގެ ތެރެއިން އަށް ޑޮކްޓަރުންނާ އިންޓަވިއު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް ހޮސްޕިޓަލުތަކުގައި ހޭނައްތާ ޑޮކްޓަރުން ނެތުމުގެ ސަބަބުން އޮޕަރޭޝަންތައް މިހާރު ވެސް ވަނީ މަޑުޖެހިފަ އެވެ. އޭގެ ތެރޭގައި ރ، ގއ، ގދ، މ. އަދި ލ. އަތޮޅުގެ ހޮސްޕިޓަލުތައް ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް ތަންތަނުގައި ހޭނައްތާ ޑޮކްޓަރެއް ނެތްތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ހެލްތު މިނިސްޓްރީއާ ހަވާލާދީ، އެ ހޮސްޕިޓަލުތަކުން ބުނެފައިވާ ގޮތުގައި ހޭނައްތާ ޑޮކްޓަރުން ހޯދަން މިހާރު ގޮންޖެހުންތަކާ ދިމާވެ އެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ ލަސްތަކެއް ނުވެ އެ ހޮސްޕިޓަލުތަކަށް ހޭނައްތާ ޑޮކްޓަރުން ފޮނުވާނެ ކަމަށެވެ.

"ފިނޭންސް މިނިސްޓްރީއާ ވާހަކަ ދައްކައިގެން އެ ޑޮކްޓަރުންގެ މުސާރަ އަށް މި ބަދަލެއް ގެނައީ. ވަގުތީ ގޮތުން މި ނިންމީ ހޭނައްތާ ޑޮކްޓަރުންގެ މުސާރަ ބޮޑުކުރަން. ނަމަވެސް އެއީ ދާއިމީ ކަމެއް ނޫން. ދާއިމީ ހައްލަކާ ދިމާ އަށް މިދަނީ،" ނަސީމް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އަލަށް ނަގާ ހޭނައްތާ ޑޮކްޓަރުންގެ މުސާރަ ބޮޑުކުރީ ކުރިއަށް އޮތް ހަތަރު މަހަށް ކަމަށެވެ. ނަމަވެސް މުސާރައިގެ ބަދަލުތަކެއް ހާމައެއް ނުކުރެ އެވެ.

ހޭނައްތާ ޑޮކްޓަރަކަށް މުސާރައިގެ ގޮތުގައި މަހަކު 30،990ރ. އަދި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު 425ރ. ގެ އެލަވަންސަކާއެކު ކޮންމެ މަހަކު 39،000ރ. އަށް ވުރެ ގިނައިން ލިބެ އެވެ.

ހޭނައްތާ ޑޮކްޓަރަކު "މިހާރު" އަށް ވިދާޅުވީ އެ ދާއިރާ އަށް ހާއްސަ ޑޮކްޓަރުން ހޯދަން ދަތިވާ އެންމެ ބޮޑު މައްސަލައަކީ މުސާރަ ކުޑަވުމެވެ. އެކަން ހައްލުކޮށްގެން ނޫނީ ހޭނައްތާ ޑޮކްޓަރުން ނުލިބޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އެމްބީބީއެސް ހަދައިގެން އަލަށް ނުކުންނަ ޒުވާނުންގެ ތެރޭގައި ވެސް އެނެސްތީސިއާ އަށް ޝައުގުވެރިކަން ހުރި ޑޮކްޓަރުން ވަރަށް މަދު ނަމަވެސް އެކަމަށް ޕޮލިސީ ލެވެލެއްގައި އެއްވެސް އިސްކަމެއް ނުދޭ ކަމަށް، ނަން ނުޖެހުމަށް އެދި ވާހަކަދެއްކެވި ޑޮކްޓަރު ވިދާޅުވި އެވެ.

ހޭނައްތާ ޑޮކްޓަރުން ނުލިބުމުގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އެ މީހުންނަށް ހާއްސަ އެލަވަންސެއް ދޭން ފެށި އެވެ. އެކަމަކު، އެހެން ދާއިރާތަކުގެ ޑޮކްޓަރުންގެ ޝަކުވާއާ އެކު އެކަން ވެސް ވަކި ހިސާބަކުން ހުއްޓުނީ އެވެ.