Roadha Mihaaru
ލުއި ނުދެވެނީ ވެކްސިން ފުރިހަމަ ނުވާތީ: ނަސީމް

ދެ ޑޯޒް ވެކްސިން ޖެހިއަސް ލުއި ނުދެވެނީ ބޭނުންވާ ވަރަށް ވެކްސިން ފުރިހަމަ ނުވާތީ: ނަސީމް

29 ޖޫން 2021

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިންގެ ދެ ޑޯޒް ޖަހާފައި ހުއްޓަސް ލުއި ދެވެން ނެތީ ބޭނުންވާ ވަރަށް އާބާދީގެ ބޮޑު ބަޔަކު ވެކްސިން ފުރިހަމަ ކޮށްފައި ނުވާތީ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިންގެ ދެ ޑޯޒް ޖަހާފައި ހުއްޓަސް ލުއި ދެވެން ނެތީ ބޭނުންވާ ވަރަށް އާބާދީގެ ބޮޑު ބަޔަކު ވެކްސިން ފުރިހަމަ ކޮށްފައި ނުވާތީ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، ކޮވިޑް ވެކްސިންގެ ދެ ޑޯޒަށް ފަހު ވަރަށް ގިނަ ގައުމުތަކުގައި ބޮޑެތި ލުއިތަކެއް ދޭ ކަމަށެވެ. ނަމަވެސް ދެ ޑޯޒް ވެކްސިން ދިނުމަށް ފަހު، ރާއްޖޭގައި ހަރުކަށި ފިޔަވަޅުތައް އަޅަނީ ބޭނުންވާ ވަރަށް ދެ ޑޯޒް ޖެހިފައި ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަސީމް ވިދާޅުވި ގޮތުގައި އާބާދީގެ 75 ޕަސެންޓް މީހުންނަށް ވެކްސިންގެ ދެ ޑޯޒް ޖެހިފައިވާ ނަމަ ލުއިދިނީހެވެ. އެކަމަކު، ރާއްޖޭގައި މިހާތަނަށް ވެކްސިން ފުރިހަމަކުރެވުނީ 38 ޕަސެންޓް މީހުންނަށެވެ.

ރައީސް ވިދާޅުވީ ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންނަށް ލުއި ދިނުމާ ގުޅޭގޮތުން ޕޮލިސީ ލެވެލްގައި ވެސް ރޭ މަޝްވަރާކުރި ކަމަށެވެ. އެކަމަކު ފަންނީ ބޭފުޅުނަށް އެއްބަސްވުމަކަށް ނާދެވިގެން އެކަން އިއުލާން ނުކުރީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންގެ އަދަދު މިދިޔަ އާދިއްތަ ދުވަހާ ހަމައަށް ހުރީ 188،788 ގަ އެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް 316،497 މީހުންނަށް ދީފައި ވެ އެވެ.

"އެ ހިސާބުން އަޅުގަނޑުމެންނަށް ޖުލައި މަހުގެ ތެރޭގައި ވެކްސިން ލިބިގެން ދެ ޑޯޒް ހަމަކުރެވުނީމަ އެ މިނިވަންކަން އަޅުގަނޑު ދެކޭގޮތުގައި ލިބިގެންދާނެ. މިއީ، މި އުޅޭ ހިލާފަތަކީ އަޅުގަނޑުމެން މެޑިކަލް ބޭފުޅުންގެ ތެރޭގައި. އެކަންކަން ހައްލުކުރެވޭނީ އަދި މިއަށްވުރެ ގިނައިން ވެކްސިން ޖެހިގެން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ބައިވެރިވެވަޑައިގެންނެވި ޕްރެސް ކޮންފަރެންސްގައި ނަސީމް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންނަށް ލުއި ދިނުމާ ގުޅޭގޮތުން ޕޮލިސީ ލެވެލްގައި ވެސް ރޭ މަޝްވަރާކުރި ކަމަށެވެ. އެކަމަކު، ކޮވިޑާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދެއްވާ ފަންނީ ބޭފުޅުންނަށް އެއްބަސްވުމަކަށް ނާދެވިގެން އެކަން އިއުލާން ނުކުރީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ވެކްސިން ފުރިހަމަކުރި މީހުންނަށް ކަރަންޓީން ވުމަކާ ނުލައި ދަތުރުކުރެވޭ ގޮތް މީގެ ކުރިން ވެސް ހެދި އެވެ. ނަމަވެސް ކޮވިޑުގެ ކޭސްތައް އިތުރުވާން ފެށުމުން އެ ލުއިތައް ދިނުން ވަގުތީގޮތުން މެދުކަނޑާލާފައި ވެ އެވެ.