Roadha Mihaaru
ސަދާގެ މަރުގެ މައްސަލަ ހެލްތުން ބަލަން ފަށައިފި

ސަދާގެ މަރުގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފި

05 އޮކްޓޯބަރ 2021

ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން އައި، އުމުރުން ފަސް އަހަރުގެ ސަދާ ސައުދުﷲ އަހުމަދު ނިޔާވީ އެ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް އާއިލާ އިން ތުހުމަތު ކުރާތީ އެ މައްސަލަ ބަލަން ހެލްތު މިނިސްޓްރީން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން އައި، އުމުރުން ފަސް އަހަރުގެ ސަދާ ސައުދުﷲ އަހުމަދު ނިޔާވީ އެ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް އާއިލާ އިން ތުހުމަތު ކުރާތީ އެ މައްސަލަ ބަލަން ހެލްތު މިނިސްޓްރީން ފަށައިފި އެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ހާދިސާ ހިނގި ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ހުރި ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އާއިލާ އިން ތުހުމަތުކުރާ ގޮތުގައި މިދިޔަ އާދިއްތަ ދުވަހު ސަދާ މަރުވީ ޖެހި އިންޖެކްޝަނެއްގެ ސަބަބުންނެވެ.

އެ ކުއްޖާގެ ބައްޕަ ސައުދުﷲ އަހުމަދު "މިހާރު" އަށް ވިދާޅުވީ، ސަދާ ހޮސްޕިޓަލަށް ގެންދިޔައީ ބަނޑުގައި ރިއްސައި ހޮޑުލައި އުޅޭތާ ދެތިން ދުވަސް ފަހުން ކަމަށެވެ. އެއީ، އޭގެ ކުރިން ޑޮކްޓަރަށް ދައްކައިގެން ދިން ބޭހުން ރަނގަޅުނުވުމުން ކަމަށާއި ހޮސްޕިޓަލަށް ދިޔަތަނާ ޖެހި އިންޖެކްޝަނެއްގެ ސަބަބުން ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި ޚަބަރު ހުސްވި ކަމަށް އޭނާ ބުންޏެވެ.

"އިންޖެކްޝަން ޖެހީ، އެ މަންޖެގެ ދުވަސް ދިޔައީ،" ގެސްޓް ހައުސް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާ ސައުދުﷲ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ސަދާގެ ގަޔަށް ޖެހީ ކޮން ކަހަލަ އިންޖެކްޝަނެއް ކަމެއް ފުވައްމުލަކު ހޮސްޕިޓަލުން ސާފުކޮށެއް ނުދެ އެވެ. ބޭސް ސިޓީ ވެސް އަތަށް ނުލިބޭ ކަމަށާއި ލިބުނު ހޮސްޕިޓަލްގެ ލިޔުންތަކުގައި ވެސް އިންޖެކްޝަންގެ މައުލޫމާތެއް އެނގެން ނެތް ކަމަށް ސައުދުﷲ ވިދާޅުވެ އެވެ.

އެހެންވެ، އެކަމުގައި ބޮޑެތި އިހުމާލުތަކެއް ހުރިކަމަށް ތުހުމަތު ކުރެވޭތީ އެ އާއިލާ އިން ވަނީ އިއްޔެ ހޮސްޕިޓަލް ކައިރީގައި މުޒާހަރާކޮށްފަ އެވެ.

"ހޮސްޕިޓަލުގެ އިހުމާލު އިންތިހާ އަށް ބޮޑު. އެހެންވެ އަޅުގަނޑުމެން މި ނުކުތީ އަޅުގަނޑުގެ ދަރިފުޅަށް ހޯދައިދެވޭނެ އިންސާފަކީ މި ރަށުގެ ރައްޔިތުންނަށް ވެސް ހޯދައިދެވޭނެ އިންސާފެއް ކަމަށް ދެކޭތީ،" ސައުދުﷲ ވިދާޅުވި އެވެ..

ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދިރާރު "މިހާރު" އަށް ކުރިން ވިދާޅުވި ގޮތުގައި ސަދާ މަރުވާން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ. އޭނާ ވިދާޅުވީ ހޮސްޕިޓަލުގެ އެއްވެސް ކަމެއް އުޅޭ ނަމަ އެކަން ބަލާނެ ކަމަށާއި ހެލްތު މިނިސްޓްރީ އާއި ކަމާބެހޭ ފަރާތްތަކުން ވެސް އެކަމާ ގުޅޭ ގޮތުން ކުރާ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.