އުމުރުން ދުވަސްވަމުން ދިއުމާ އެކު އެ ދެމަފިރިން ތިބީ އިތުރު ކުއްޖެއް ލިބޭނެ ކަމަށް އުއްމީދު ކޮށްގެން ނޫނެވެ. އެކަމަކު އަންހެން ދެ ދަރިން ތިބި އާއިލާގެ ހަގަށް ފިރިހެން ކުއްޖަކު ލިބޭތީ ކޮއްކޮމެން ވެސް ތިބީ އުފަލުންނެވެ.
29 ޖޫން 2025
އުމުރުން ދުވަސްވަމުން ދިއުމާ އެކު އެ ދެމަފިރިން ތިބީ އިތުރު ކުއްޖެއް ލިބޭނެ ކަމަށް އުއްމީދު ކޮށްގެން ނޫނެވެ. އެކަމަކު އަންހެން ދެ ދަރިން ތިބި އާއިލާގެ ހަގަށް ފިރިހެން ކުއްޖަކު ލިބޭތީ ކޮއްކޮމެން ވެސް ތިބީ އުފަލުންނެވެ.
އެކަމަކު، ގދ. ތިނަދު އަށް ނިސްބަތްވާ އެ އާއިލާގެ ހިތްހަމަޖެހުން ދިގުދެމިގެން ނުދިޔަ އެވެ.
އުމުރުން އެންމެ އަށް މަހުގައި ޔޫނުސް ހުސެއިން އަބްދުﷲ މިދިޔަ ހުކުރު ދުވަހު ނިޔާވީ، އާއިލާ އިން ގަބޫލުކުރާ ގޮތުގައި އައިޖީއެމްއެޗުގެ އިހުމާލުންނެވެ. މި ތުހުމަތާ ގުޅިގެން އައިޖީއެމްއެޗުން އަންނަނީ އެ ކޭސް ބަލަމުންނެވެ.
އެ އާއިލާއިން ވާހަކަ ދެއްކި، ޔޫނުސްގެ އެއްބަނޑުއެއްބަފާ ދައްތަ، ޔުނާލް ހުސެއިން ބުނީ ފުރަތަމަ ހޮސްޕިޓަލަށް ދިޔައީ ކެއްސުމާ އެކު ހޮޑުލައި މާގަދައަށް ރޯތީ ކަމަށެވެ. ފުރަތަމަ ދެ ފަހަރަށް ވެސް ބޭސް ދިނުމަށް ފަހު ހޮސްޕިޓަލުން ފޮނުވާލީ އެވެ.
އެ ބޭސްތަކުން ކުރިއެރުމެއް ނުލިބޭތީ މި މަހުގެ 20 ވަނަ ދުވަހު އެޑްމިޓުކުރަން ނިންމީ، ޔުނާލް ބުނިގޮތުގައި، ކޮއްކޮ ގޮވައިގެން ތިން ވަނަ ފަހަރަށް އައިޖީއެމްއެޗަށް ދިއުމުންނެވެ. އެ ފަހަރު ލޭގެ ޓެސްޓެއް ހަދައި ނަތީޖާ ލިބެންދެން އީއާރުގައި ބޭތިއްބުމަށް ފަހު ކުޑަކުދިންގެ ވޯޑަށް ބަދަލުކުރީ އެވެ.
ނަމަވެސް، އައިވީ ގުޅައި އެޑްމިޓްކުރި ފަހުން ޔޫނުސްގެ ސިފަ ގެއްލޭ ވަރަށް ފުފެން ފެށި އެވެ. އެ ހާލަތު ރަނގަޅުވާން ފެށީ އިންޖެކްޝަނެއް ޖެހުމުންނެވެ. އެކަމަކު، އޭރު ވެސް ކޮއްކޮގެ ބަނޑު އޮތީ ފުއްޕާފައި ކަމަށް އާއިލާއިން ބުންޏެވެ.
ޔުނާލް ބުނިގޮތުގައި ހޮސްޕިޓަލުގައި އެޑްމިޓުކޮށް ތިން ދުވަސްވި އިރު ވެސް ކޮއްކޮއަށް ވާގޮތެއް ނޭނގުނެވެ. ކިރިޔާ ވެސް މައުލޫމާތެއް ލިބުނީ މިދިޔަ އަންގާރަ ދުވަހު، މެޑިކަލް އޮފިސަރަކު ކިޔައިދިނުމުންނެވެ.
އެ ޑޮކްޓަރާ ހަވާލާދީ އާއިލާއިން ބުނީ ޔޫނުސް ފުފިފައި ހުރީ ލިވާގައި ހުރި އެންޒައިމް، ހުންނަން ޖެހޭ ވަރަށް ވުރެ މަތި ވުމުންނެވެ. ލިވާގައި 0.5-55 އާ ދޭތެރޭގައި ހުންނަން ޖެހޭ އެންޒައިމް، އެ ކުއްޖާގެ ގުނަވަނުގައި ހުރީ 1،000 އިން މަތީގަ އެވެ.
"އެންޒައިމް މައްޗަށް ދިޔައީ ކީއްވެގެން ކަމެއް ވެސް، ކޮން ކަމަކާ ގުޅިގެން ކަމެއް އަދި އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނެތް ޝެއާ ކޮށްފައި. ހަމައެކަނި އެހެން ބުނީ، އެންޒައިމް މައްޗަށް ދާތީއޭ ފުފެނީ،" އާއިލާގައި ދޮއްޓަށް ހުރި ޒުވާނާ ބުންޏެވެ.
އިންޖެކްޝަނަށް ފަހު ވެސް ބަނޑުގެ ފުފުން ރަނގަޅު ނުވާތީ، ޔުނާލްގެ މަންމަ ވަނީ އެއީ ގޭހުގެ މައްސަލައެއްތޯ ބަލައި ދިނުމަށް ޑޮކްޓަރު ކައިރީގައި އެދިފަ އެވެ. އެކަމަކު، އިތުރަށް އެއްވެސް ކަމެއް ޔަގީން ނުކޮށް އިންޖެކްޝަން ޖެހި ކަމަށް އޭނާ ބުންޏެވެ.
"އިތުރަށް ޗެކް ނުކޮށް ކުށްހީއަކަށް ކޮއްކޮ ގަޔަށް ދެ އިންޖެކްޝަން ޖެހީ ދެ ފަހަރަކު މަތިން ދެ އިންޖެކްޝަން ޖެހި ގޭސް އިންޖެކްޝަން. އެއީ އަދި ކުޑަކުޑަ ކުއްޖެއް. އެ މީހުން ޓެސްޓެއް ވެސް ނުކުރޭ، ސްކޭނެއް ވެސް ނުހަދާ، ގޭސް ތޯ ބަލަން ޔަގީނެއް ވެސް ނުކުރޭ، އެކްސްރޭ އެއްވެސް ނުހަދާ. އިތުރު އެއްވެސް ކަމެއް ނުކުރޭ. ހަމައެކަނި، މަންމަ އެހެން ބުނި ބުނުމަށް އެ ދެ އިންޖެކްޝަން ޖެހީ،" ޔުނާލް ބުންޏެވެ.
އެ ހުރިހާ ކަމެއް ވެގެން ދިޔައިރު ވެސް، އާއިލާގެ ހިތްހަމަނުޖެހުންތައް ބޮޑުވެގެން ދިޔައީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކު، ޔޫނުސްގެ ހާލަތު ބެލުމަށް ނުދިއުމުންނެވެ.
އާއިލާ އިން ބުނި ގޮތުގައި އެހާ ހަމައަށް ވެސް ޓެސްޓުތައް ހަދައި ފަރުވާ ދެމުން ދިޔައީ މެޑިކަލް އޮފިސަރުންނެވެ.
އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމަށް ގޮސް ތިބި ބައެއް-- ފައިލް ފޮޓޯ: މިހާރު
"ސްޕެޝަލިސްޓެއް ދިޔައީ ވެސް، ބުރާސްފަތި ދުވަހުގެ ރޭ ރޭގަނޑު އެއްވެސް ކުރިއެރުމެއް ނުލިބޭތީ ބައްޕަ އަޑުގަދަކުރަން ފެށީމަ. ޑރ. އޭރު ހަދާފައި ހުރި ޓެސްޓުތައް ބަލާފައި ބުނީ ކޮއްކޮގެ ލިވާ ހަލާކުވަނީއޭ،"
"ލިވާ ފެއިލްވަނީ އެކޭ ނުބުނޭ. ލިވާ ހަލާކުވަނީއޭ، ބޭރަށް ދާން ރެޑީވާށޭ. އޭގެ ކުރިން ބުދަ ދުވަހު މެޑިކަލް އޮފިސަރުން އައިސްފައި ސްކޭނެއް ހަދަން ޕްރެސްކްރައިބް ކޮށްފައި، ސްކޭނެއް ހަދަން ވެގެން ނަރުހުން ކައިރި އެހީމަ ބުނީ ސްކޭނެއް ނެތޭ ހެދޭކަށް، ބުރާސްފަތި، ހުކުރު، ހޮނިހިރު ދުވަސް ބަންދުވީމަ ދެން އެންމެ އަވަހަށް ވެސް [ސްކޭން] ހެދޭނީ އާދިއްތަ ދުވަހޭ،" ޔުނާލް ބުންޏެވެ.
"އެކަމަކު، މިއީ، ކްރިޓިކަލް ޕޭޝަންޓެއް ގޮތުގައި އޮތް ޕޭޝަންޓެއް."
ކުރިން ދުވަހު ހަދަން ދިން ސްކޭން ނުހެދި އުޅެނިކޮށް ޑޮކްޓަރު ވަނީ ހަމަ އެ ސްކޭން ހެދުމަށް ރިކުއެސްޓުކޮށްފަ އެވެ. އެ ޓެސްޓު ނުހެދުނަސް އާއިލާއިން ދިޔައީ ޔޫނުސްގެ ފަރުވާއަށް ބޭރަށް ގެންދިއުމަށް ތައްޔާރު ވަމުންނެވެ.
ޔުނާލް ބުނީ ބޯޓަށް ކޮއްކޮގެ އޮކްސިޖަން ޓޭންކު ނޭރުވިގެން ވެސް ވަގުތު ނެގި ކަމަށެވެ. ޔޫނުސް ނިޔާވިއިރު ވެސް އެ ފޯމު އެޕްރޫމް ނުކުރެވެ އެވެ.
"ކޮއްކޮ ނިޔާވިތާ 10 މިނެޓު ފަހުން އާސަންދައިން ގުޅާފައި ބުނީ އޮކްސިޖަން ޓޭންކު އަރުވަން މިހާރު އެޕްރޫވަލް ލިބިއްޖެއޭ. އޭގެ ކުރިން ވެސް އަޅުގަނޑުމެން ދިޔައީ ގުޅަމުން އޮކްސިޖަން ޓޭންކު އަރުވަން، ރިފަރަލް ލެޓާގައި ވެސް އެބަ އިނދޭ އޮކްސިޖަން ޓޭންކާ އެކީގައޭ ފޮނުވޭނީ، އެ ނޫން ގޮތަކަށް ފޮނުވައިފިއްޔާ ޕޭޝަންޓު ނިޔާވާނެއޭ ފްލައިޓް މަތީގައި."
ބޭރަށް ފޮނުވުމުގެ ހުރިހާ ކަމެއް ހަމަޖެހެންދެން އާއިލާއިން ވަނީ ޔޫނުސަށް އައިސީޔޫގައި ފަރުވާ ދިނުމަށް އެދިފަ އެވެ. އެކަމަކު، އެ ތަނުގެ ޖާގަ ފުލްވެފައި ހުރުމުން އެ ފުރުސަތެއް ވެސް ނުލިބުނެވެ.
"އައިސީޔޫ މި ވަގުތު އޮތީ ފުލްވެފައޭ [އެއީ ދިން ޖަވާބަކީ]، ވެންޓިލޭޓަރުގައި އޮތް ޕޭޝަންޓުން އައިސީޔޫގައި އޮތީމަ،" ޔުނާލް ބުންޏެވެ.
އޭނާ ބުނީ އައިޖީއެމްއެޗްގެ އައިސީޔޫއިން ޖާގަ ނުލިބުމުން، އެހެން ހޮސްޕިޓަލެއްގެ އައިސީޔޫއަށް ބަދަލުކުރެވިދާނެތޯ ވެސް ޑޮކްޓަރެއް ކައިރީގައި މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެހުމުން އައިސީޔޫއަށް ބަދަލުކުރަން ޖެހުމުން ބަދަލުކުރާނެ ކަމަށް ބުނި ކަމަށެވެ. އެއާ އެކު، ދެން އޮތް ހާލަތަކަށް ނަފްސާނީ ގޮތުން ތައްޔާރުވެ ތިބުމަށް އެދުނަސް އިތުރު މައުލޫމާތެއް ނުދޭ ކަމަށެވެ.
ޔޫނުސް ނިޔާވީ، އޭގެ ފަހުން، މިދިޔަ ހުކުރު ދުވަހުގެ ރޭ ކުއްލިއަކަށް އޮކްސިޖަން ދަށްވެގެންނެވެ. އެ ވަގުތު މެޑިކަލް އޮފިސަރުންގެ ޓީމެއް އެ ތަނަށް ގޮސް އެ ކުއްޖާއަށް ސީޕީއާރު ދޭން ފެށި އެވެ. ނިޔާވި ފަހުން ވެސް ސީޕީއާރު ދޭން ފެށުމުން ހުއްޓާލަން މަންމަ އެދުނެވެ. އެކަމަކު، ސީޕީއާރު ދިނުން ހުއްޓާލީ ނޭފަތާއި އަނގައިން ލޭ އަންނަން ފެށި ފަހުން ކަމަށް އާއިލާ އިން "މިހާރު" އަށް ކިޔައިދިނެވެ.
އޭނާ ބުނީ މަރު ސެޓްފިކެޓުގައި ޖަހާފައިވަނީ ލިވާ ފެއިލްވުން ކަމަށެވެ. އަދި ބަލި ދެނެގަނެވުމާއި މަރުވުމާ ދޭތެރޭގައި ހޭދަވީ ހަތް ދުވަސް ކަމަށް ބުންޏަސް، ލިވާގައި މައްސަލަ އުޅޭ ކަން އެންގީ ފަހުން ކަމަށް އާއިލާ އިން ބުންޏެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ އިހުމާލުން ކަމަށް[ކޮއްކޮ ނިޔާވީ]" އޭނާ ބުންޏެވެ.
"ނިޔާވުމާ ހަމައަށް ވެސް ވަރަށް އުފަލުގައި އުޅުނީ."
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިހުމާލުން އަށް މަހުގެ ކުއްޖަކު ނިޔާވިކަމުގެ ކަންބޮޑުވުންތައް ފާޅުކުރުމުން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެހެންވެ، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.
ވިލިނގިލިން މާލެ ނުގެނެވި ލަސްވި ކުއްޖާ ނިޔާވެއްޖެ
މުއްދަތު ހަމަވި ވެކްސިން ޖެހި މުވައްޒަފުން ސަސްޕެންޑް
ސަދާގެ މަރުގެ މައްސަލަ ހެލްތުން ބަލަން ފަށައިފި
މިޝްކާގެ މަރުގެ މައްސަލައިގެ މައުލޫމާތު ފުލުހުންނަށް
މިޝްކާގެ މަރުގެ ތަހުގީގީ ރިޕޯޓު ނުނެރުވުނު!
މިޝްކާގެ މަރުގެ މައްސަލައިގެ ތަހުގީގު މިރޭ ނިމޭނެ
މިޝްކާގެ ވަކިވުން: ގެއްލުނީ ޖަވާހިރެއް!
އެމްބިއުލާންސްގެ އިންތިޒާރުގައި ތިއްބާ ހޭނެތި، މަރު!
ސަލްމާގެ ގަޔަށް ހުއްޓުމެއް ނެތި ލޭ އެޅިން: އޭޑީކޭ
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި