Roadha Mihaaru
ވިލިނގިލިން މާލެ ނުގެނެވި ލަސްވި ކުއްޖާ ނިޔާވެއްޖެ

ގއ. ވިލިނގިލިން މާލެ ނުގެނެވި ލަސްވި ކުއްޖާ ނިޔާވެއްޖެ

20 ޖެނުއަރީ 2024

ހާލު ދެރަވެގެން ގއ. ވިލިނގިލިން މާލެ ނުގެނެވި ލަސްވި ކުޑަ ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހާލު ދެރަވެގެން ގއ. ވިލިނގިލިން މާލެ ނުގެނެވި ލަސްވި ކުޑަ ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެ އެވެ.

އެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި އިތުރު ފަރުވާ އަށް މާލެ ފޮނުވުމަށް އެ ރަށު ހޮސްޕިޓަލުން ނިންމި އުމުރުން 13 އަހަރުގެ އެ ފިރިހެން ކުއްޖާ ނިޔާވީ މާލެ ގެނައުން ލަސްވުމުންނެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ވިލިނގިލި ހޮސްޕިޓަލުން ވެންޓިލޭޓަރަށް ލީ ކުއްޖާ މާލެ ގެނައީ ޖެހިގެން އައި ބުރާސްފަތި ދުވަހު އިރުއޮއްސެން އުޅެނިކޮށެވެ. އެ ދުވަހުން ފެށިގެން އެ ކުއްޖާއަށް ފަރުވާ ދިނީ އައިޖީއެމްއެޗްގައި އައިސީޔޫގަ އެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ މާލެ ފުރުވާ ނުލެވި ލަސްވީ، އާސަންދައިގެ އެހީގައި ޗާޓަރު ފްލައިޓެއް ހަމަނުޖެހި ލަސްވުމުންނެވެ. ވިލިނގިލި ހޮސްޕިޓަލުން ކުރަންޖެހޭ ކަންކަން ނިންމިއަސް، މޯލްޑިވިއަން އެއާލައިންގެ ފްލައިޓު ކޫއްޑު އަށް ދިއުން ލަސްވެ، އިތުރު ފަރުވާ އަށް ކުއްޖާ ފޮނުވާލުން ލަސްވީ ކަމަށް އެނގިފައި ވެ އެވެ.

ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުން ދޭ ހިދުމަތް ދިނުން ލަސްކަމަށް ބުނެ، އެ ރަށުގެ މީހުން ނުކުމެ މިދިޔަ ބުރާސްފަތި ދުވަހު މުޒާހަރާ ވެސް ކުރި އެވެ. އެ ކަންބޮޑުވުންތަކުގެ ތެރޭގައި، އާއްމުން ވަނީ ހޮސްޕިޓަލްގެ ނަން ބޯޑު މަތީގައި، ކަރުދާސް ގަނޑެއް ތައްކޮށް، ވިލިނގިލީ ހެލްތު ޕޯސްޓު ނަމަށް ވެސް ބަދަލުކޮށްފަ އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ހޮޑުލާތީ ކަމަށެވެ. ނަމަވެސް، އޭރު ހެދި ޓެސްޓުތަކުން ކުއްޖާގެ ބޮލުގައި ޓިއުމަރެއް އިންކަން އެނގުމުން، ފަރުވާ އަށް މާލެ ފޮނުވާލަން ނިންމީ އެވެ.