Roadha Mihaaru

ސިޒޭރިއަންގެ ފަހުން ދެމައިން ނިޔާވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރަނީ

ގއ. ވިލިނގިލީގައި ސިޒޭރިއަން ހެދުމަށްފަހު ދެމައިން ނިޔާވި މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ފަށައިފި އެވެ.

ދެމައިން ނިޔާވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

07 ފެބުރުއަރީ 2025

ގއ. ވިލިނގިލީގައި ސިޒޭރިއަން ހެދުމަށްފަހު ދެމައިން ނިޔާވި މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ފަށައިފި އެވެ.

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ދެމައިން ނިޔާވި ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

އަދި އެ ތަހުގީގުގައި އިހުމާލުވެފައިވާ ފަރާތެއް ހޯދައި ގާނޫނީ ފިޔަވަޅު އަޅަން ވެސް އެދިފައިވާ ކަމަށް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން ވެސް އަންނަނީ އެ މައްސަލައިގައި ފަރުވާ ދިނުމުގެ އިހުމާލެއް އޮތްތޯ ބެލުމަށް ރިވިއުއެއް ހަދަމުންނެވެ.

އާއިލާ އިން ތުހުމަތުކުރާ ގޮތުގައި ބަނޑަށް އަށް މަހުގައި ސިޒޭރިއަން ހެދި ޝިއުނާ ތައުފީގު އަދި އޭނާގެ ތުއްތު ދަރިފުޅު ނިޔާވީ ސިޒޭރިއަނަށް ފަހު ހާލު ގޯސްވެ، މާލެ ނުގެނެވި، ފަރުވާ ލިބުން ލަސްވެގެންނެވެ. އެ ތުހުމަތުތަކާ ގުޅިގެން ހޮސްޕިޓަލުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ޝިއުނާއަށް ކުއްލިއަކަށް ނޭވާލާން އުނދަގޫވެގެން ހޮސްޕިޓަލުގައި އެޑްމިޓުކުރީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު 2:00 ހާއިރެވެ. އޭގެ 24 ގަޑިއިރު ނުވަނީސް އޭނާ ވަނީ ނިޔާވެފަ އެވެ. ނަމަވެސް، އެހާ ހަމައަށް ވެސް އޭނާއަށް ރަނގަޅަށް ފަރުވާ ނުދޭ ކަމަށް އާއިލާއިން ތުހުމަތުކުރެ އެވެ.

"ތިމަންނަ މަރުވަނީއޭ، ތިމަންނައަށް ނޭވާލަން އުނދަގޫވަނީއޭ، ތިމަންނަ މޭގައި ރިއްސަނީއޭ، މަރުވަނީއޭ އުނދަގޫވަނީއޭ، އެހެން ކިޔައި އޭނާ އެނދު މައްޗަށް ވެއްޓުނީމާ ދެން ނަރުހުން މަސައްކަތް ފެއްޓީ. ދެން އެ މީހުން މަސައްކަތް ފެއްޓީ،" އެ ތަނުގައި ހުރި ޝިއުނާގެ އެންމެ ގާތް ރަހުމަތްތެރިޔާ "މިހާރު" އަށް ކިޔައިދިނެވެ.

އޭނާގެ ހާލު ސީރިއަސް ވަމުންދާތީ ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގަން، އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރު ފަހުން ނިންމި އެވެ. ރަށުގައި އެ ވަގުތު ކުޑަކުދިންގެ ޑޮކްޓަރެއް ނެތުމުން ސިޒޭރިއަން ހެދީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ކުޑަކުދިންގެ ޑޮކްޓަރެއް ގެންގޮސްގެންނެވެ.

"އެ ހުރިހާ އިރު އެ މީހުން ކީ ފްލައިޓު އެބަ އާދެ އޭ، އާސަންދަ ހަމަޖެހިއްޖެ އޭ، ފްލައިޓު އަންނަނީ އޭ، ފްލައިޓު އަންނަނީ އޭ. އޭނާ ހަމަ ވެއްދި ހިސާބުން (އިއްޔެ ހަވީރު) 4:00 ޖެހިއިރުން ފެށިގެން މުޅިން އެހެން ކީ،" ރަހުމަތްތެރިޔާ ބުންޏެވެ.

އެނގިފައިވާ ގޮތުގައި، އެއާ އެމްބިއުލާންސް ގެންދަން ފުރަތަމަ ހަމަޖެއްސީ ރޭ 7:00 ހާއިރެވެ. ނަމަވެސް، ބަލި މީހާގެ ހާލު ސްޓޭބަލް ކަމަށް މައުލޫމާތު ދިނުމުން އެ ދަތުރު ފަހުން ކެންސަލްކުރީ އެވެ. އެކަމަކު، ހާލަތު ގޯސްވާން ފެށުމުން ފަހުން އެމްބިއުލާންސް ގެންދިޔަ އެވެ.