Roadha Mihaaru
ކުއްޖާ ނިޔާވީ އިހުމާލަކުންތޯ ބަލަން ފަށައިފި

ކުއްޖާ ނިޔާވީ އިހުމާލަކުންތޯ ބަލަން ފަށައިފި

21 ޖެނުއަރީ 2024

ގއ. ވިލިނގިލީގައި ހާލު ދެރަވެ، އިތުރު ފަރުވާ އަށް މާލެ ގެނައުމަށް ގިނަ ވަގުތު ނެގި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ ނިޔާވީ ފަރުވާގެ އިހުމާލަކުންތޯ ބަލަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގއ. ވިލިނގިލީގައި ހާލު ދެރަވެ، އިތުރު ފަރުވާ އަށް މާލެ ގެނައުމަށް ގިނަ ވަގުތު ނެގި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ ނިޔާވީ ފަރުވާގެ އިހުމާލަކުންތޯ ބަލަން ފަށައިފި އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ވިލިނގިލި ހޮސްޕިޓަލުން ވެންޓިލޭޓަރަށް ލީ ކުއްޖާ މާލެ ގެނެވޭ ވަރުވީ ޖެހިގެން އައި ބުރާސްފަތި ދުވަހު އިރުއޮއްސެން އުޅެނިކޮށެވެ. ނަމަވެސް، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ ހެނދުނު 11:00 ހާއިރު ވަނީ ނިޔާވެފަ އެވެ.

އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް "މިހާރު" އަށް މިއަދު ވިދާޅުވީ އެ ކުއްޖާ ނިޔާވުމުގައި ފަރުވާގެ އިހުމާލެއް ނުވަތަ އެހެން ކަމެއް އުޅެނީތޯ ބަލާނެ ކަމަށެވެ. އެކަން ބެލުމަށް ފަހު، ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަލީލް ވިދާޅުވި ގޮތުގައި ސީރިއަސް ހާލަތުގައި ތިބި ބަލި މީހުން ފޮނުވުމަކީ އަބަދު ވެސް ދިމާވާ ކަމެކެވެ. އެކަމުގެ ޝަކުވާތައް އަންނަ ކަމަށާއި އެކަމަށް ހާއްސަ އުޅަނދުތައް، ހާއްސަކޮށް ކައިރީގައި ހުންނަ ރަށްރަށަށް ސީ އެމްބިއުލާންސް ބޭނުންކުރާއިރު، އެމްއެންޑީއެފުން ވަރަށް އަވަހަށް އިޖާބަދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަލި މީހުން އުފުލަށް ސަރުކާރުގެ ހާއްސަ އެއާކްރާފްޓެއް ނެތުމުން މިހާރު ޖެހެނީ، ފްލައިޓުގެ ސީޓް މަދުކުރުމަށްފަހު ސްޓްރެޗާ ޖަހަން ކަމަށް ވިދާޅުވި އެވެ. ނަމަވެސް، މެޑިކަލް ހިދުމަތްތަކާ އެކު، އެކަމަށް ތައްޔާރުވެ، އަންނަ މާޗު 1 ގައި އެއާ އެމްބިއުލާންސް ފެށުމުން، އެ މައްސަލަތަކަށް ހައްލެއް ލިބޭނެކަން ފާހަގަކުރެއްވި އެވެ.

"މާތްﷲގެ އިރާދަފުޅާއެކު ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް އެއަ އެންބިއުލާންސްގެ ހިދުމަށް 1 މާޗްގައި ތައާރަފް ކުރެވި ބަލި މީހުން އުފުލުމުގައި ލަސްވާ މައްސަލަ ނިމުމަކަށް އަންނާނެ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ވިސްނުމަކީ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލް ތަރައްގީކުރުމެވެ. އޭރުން، ފަރުވާއަށް މާލެ ސަރަހައްދަށް އޮންނަ ޑިމާންޑު ލުއިކުރެވިގެންދާނެކަން، ހަލީލް މީގެ ކުރިން ވިދާޅުވި އެވެ.

ވިލިނގިލީގެ ކުއްޖާ ނިޔާވުމާ އެކު، ސަރުކާރުން ވަނީ ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމުގައި ޝެޑިއުލް ފްލައިޓުތަކަށް ވުރެ އިސްކަން ދީގެން، ބަލި މީހުން އުފުލުމުގެ ދަތުރުތަކަށް އިސްކަންދޭ ގޮތަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ އުސޫލު ރެއިން ފެށިގެން ބަދަލުކޮށްފަ އެވެ.