Roadha Mihaaru
ވިޔަފާރިއަށް ކާބޯތަކެތި ހެދޭނީ ލައިސަންސް އޮވެގެން

ވިޔަފާރި ބޭނުމަށް ގޭގައި ކާތަކެތި ހެދޭނީ ލައިސެންސެއް އޮވެގެން

22 އޯގަސްޓް 2024

ވިޔަފާރީގެ ބޭނުމަށް ގޭގައި ކާބޯތަކެތި ހަދާ ނަމަ ލައިސެންސެއް އޮންނަންޖެހޭ ގޮތަށް ފާސްކުރި، ކާބޯތަކެތީގެ ސަލާމަތާ ބެހޭ ގާނޫނަށް މާދަމާ އަމަލުކުރަން ފަށާނެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ވިޔަފާރީގެ ބޭނުމަށް ގޭގައި ކާބޯތަކެތި ހަދާ ނަމަ ލައިސެންސެއް އޮންނަންޖެހޭ ގޮތަށް ފާސްކުރި، ކާބޯތަކެތީގެ ސަލާމަތާ ބެހޭ ގާނޫނަށް މާދަމާ އަމަލުކުރަން ފަށާނެ އެވެ.

އެ ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލް ވިދާޅުވީ އެ ގާނޫނުގެ ދަށުން ހަދާ ގަވައިދާ އެކު، ދިރިއުޅޭ ގޭގައި ކާބޯތަކެތި ހަދާ މީހުން ވެސް ލައިސެންސް ނަގަން ޖެހޭނެ ކަމަށެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދޫކުރާ އެ ލައިސެންސްގެ ނަމްބަރު، އުފައްދާ ޕެކޭޖުތަކުގައި އޮންނަން ޖެހޭނެ ކަމަށް ހަލީލް ވިދާޅުވި އެވެ. އެއާ އެކު މައްސަލައެއް ދިމާވެއްޖެ ނަމަ، ފިޔަވަޅު އަޅަން ޖެހޭ ފަރާތް އެނގޭނެ ކަމަށް ވިދާޅުވި އެވެ.

"ހޯމްބޭސްޑްކޮށް މި ހަދާ ތަކެއްޗަށް ލައިސަންސް ދޫކުރަން ފެށޭ ހިސާބުން އެ މިންގަނޑުތަކަށް އެކަން ކުރެވޭ ކަމަށްވަންޏާ އެއޮތީ ރަނގަޅަށް. އެކަމަކު ހިލާފުވެއްޖެ ނަމަ، އެ އުފައްދާ މީހާ އެބަ އެނގޭ. އެ ލޭބަލުން އެނގޭނެ އުފައްދަނީ ކޮންތާކުކަން. ކާކުގެ ބެލެނިވެރިކަމުގެ ދަށުންކަން،" މިނިސްޓަރު ވިދާޅުވި އެވެ.

ހަލީލް ވިދާޅުވި ގޮތުގައި މާލޭގެ ގޭގޭގައި ކުދި ދޮރުތައް ކަނޑައިގެން ކާތަކެތި ވިއްކަމުން ދާއިރު މިފަދަ ތަންތަނުން ވެސް އެ ލައިސެންސް ނަގަން ޖެހޭނެ އެވެ. މި ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ލައިސެންސް ދޫކުރަން ޖެހެ އެވެ.

"އެހާ ހިސާބުން، އެ އުފައްދާ ފަރާތްތަކަށް ވެސް ފިޔަވަޅު އެޅޭނެ. ގާނޫނުގައި މި ބުނާ ޖޫރިމަނާ އަޅުގަނޑުމެންނަށް ކުރެވިގެންދާނެ. ނޫނިއްޔާ އެކަމަކީ އާދަޔާ ހިލާފަށް އިންސާނީ ސިއްހަތަށް ގެއްލުންވާ ކަމެއް ނަމަ، ކްރިމިނަލް ދައުވާ ކުރުމުގެ ބާރު ވެސް ލިބޭނެ،"

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ގާނޫނު އޮތް ގޮތުން ވެސް ގޮންޖެހުންތަކެއް އެބަ ހުއްޓެވެ.

"މިއީ ގޭގޭގައި ކުރާ ކަމެއްވީމާ މި މަސައްކަތް ފަށާފާނެ އެމްއެފްޑީއޭއަށް ވެސް ނޭނގި. އެންމެ ބޮޑު ގޮންޖެހުމަކީ އެއީ. ގޭގޭގެ ކޮޓަރި ނޫނީ ބަދިގޭގައި ކުރާ ކަންކަން މި އެނގެނީ ރިޕޯޓުކުރާ ހިސާބުން. އެއީ ގެދޮރަށް ވަދެ، ބަލައިފާސްކުރުމަކީ ދަތިކަމެއް، އެހެން ގާނޫނުތަކާ އެއްޗެހި ހުރި ގޮތުން.

އެހެންވެ، ފަރުދީ ޒިންމާއެއްގެ ގޮތުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ވެސް މިނިސްޓަރު އެދިވަޑައިގަތެވެ.

ނުތާހިރުކޮށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަނުގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކުރުމުގެ ބަދަލުގައި މިނިސްޓްރީއަށް ރިޕޯޓުކޮށްފި ނަމަ، ފިޔަވަަޅު އަޅައި އެކަން ހުުއްޓުވޭނެ ކަމަށް މިނިސްޓަރު އެދިވަޑައިގަތެވެ. އެކަމަކު ސޯޝަލް މީޑިއާއަށް ލުމުން ކަމާ ގުޅޭ އިދާރާތައް އެތަނަށް ދިއުމުގެ ކުރިން، އެތަން ސާފުކުރުމުން ދެން އެޅޭނެ ފިޔަވަޅެއް ވެސް ނޯންނަ ކަމަށް ވިދާޅުވި އެވެ.