Roadha Mihaaru

ކަންބޮޑުވުންތައް ހުރުމުން ކާބޯތަކެތި އިސްތިހާރުކުރުމުގެ ގަވައިދު އިސްލާހުކުރަނީ

އެކި ފަރާތްތަކުގެ ކަންބޮޑުވުންތަކާ ހެދި ކާބޯތަކެތި އިސްތިހާރުކުރުމުގެ ގަވައިދު އިސްލާހުކުރަން ނިންމައިފި އެވެ.

ކާބޯތަކެތި އިސްތިހާރުކުރުމުގެ ގަވައިދު އިސްލާހުކުރަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

30 އެޕްރީލް 2025

އެކި ފަރާތްތަކުގެ ކަންބޮޑުވުންތަކާ ހެދި ކާބޯތަކެތި އިސްތިހާރުކުރުމުގެ ގަވައިދު އިސްލާހުކުރަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީގައި އެމްއެފްޑީއޭއާއެކު ބޭއްވި ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ގެ ސުވާލާ ގުޅިގެން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒާހިރު ވިދާޅުވީ ވިޔަފާރިތަކާއި ބައެއް އެމްބަސީތަކުން ވެސް އެ ގަވައިދު މިހާރު އޮތްގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

އެހެންވެ، އެ ހުރިހާ ކަމަކަށް ބަލައި ގަވައިދަށް އިސްލާހުކުރަން ނިންމީ ކަމަށް ޒާހިރު ވިދާޅުވި އެވެ.

"އެ ހުރިހާ ކަމަކަށް ރިއާޔަތްކޮށް ގަވައިދަށް ގެނެވެން ހުރި އެ ކަހަލަ ބަދަލުތައް ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ދާނެ،" ޒާހިރު ވިދާޅުވި އެވެ.

ކާބޯތަކެތި ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން އެމްއެފްޑީއޭއިން މިދިޔަ ފެބްރުއަރީ މަހު އަމަލުކުރަން ފެށި ކާބޯތަކެތި އިސްތިހާރުކުރުމާ ބެހޭ ގަވައިދުގައިވާ ގޮތުން، ކާބޯތަކެތި އިސްތިހާރު ކުރެވޭނީ އެ އިދާރާގެ ހުއްދަ ނަގައިގެންނެވެ. އެހެންވެ، އެކަން އޮތްގޮތުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. ހާއްސަކޮށް، ކުދި ވިޔަފާރިތަކާއި ގޭގައި ކާބޯތަކެތި ހަދައިގެން ވިއްކާ މީހުންގެ ޝަކުވާ މި މައްސަލައިގައި ބޮޑެވެ.

އެމްއެފްޑީއޭއާއެކު ގަވައިދު ކޮމެޓިން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.-- ފޮޓޯ: މަޖިލިސް

އެމްއެފްޑީއޭއާއެކު ގަވައިދު ކޮމެޓިން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.-- ފޮޓޯ: މަޖިލިސް

ޒާހިރު ވިދާޅުވީ ބޮޑެތި ކުންފުނިތަކުން ހުއްދަ ނަގައިގެން ކާބޯތަކެތި އިސްތިހާރުކުރާ ކަމަށެވެ. އޭރު އެކަން ކުރިއިރު އާއްމު މިންގަނޑާ ހިލާފަށް އެއްވެސް އިސްތިހާރެއް ދެއްކުމަށް ހުއްދަ ދީފައި ނޯންނާނެކަން ޒާހިރު ފާހަގަކުރެއްވި އެވެ.

އެމްއެފްޑީއޭގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ސަތިސް މޫސާ ވިދާޅުވީ ކާބޯތަކެތީގެ އިސްތިހާރަކާ ގުޅޭ ޝަކުވާއެއް ލިބިއްޖެ ނަމަ އެކަން ބަލާ ކަމަށެވެ. ނަމަވެސް، ގަވައިދު ކުރިން އޮތްގޮތުން ޖޫރިމަނާ ކުރެވޭނެ ގޮތެއް ނެތް އަދި ފިޔަވަޅު ނޭޅޭނެކަން އެނގޭތީ އިސްތިހާރު ފާސްކުރަން ހުށަނާޅާ ކަމަށް ސަތިސް ވިދާޅުވި އެވެ.

އެހެންވެ، އެ މައްސަލަ ހައްލު ކުރަން ބްރޯޑްކޮމް އަށް ސިޓީ ފޮނުވި އެވެ. ނަމަވެސް އެކަމަށް އެދެވޭ ޖަވާބެއް ނުލިބުމުން ވަކި ހިސާބަކުން އެކަން ތަންފީޒު ކުރުން ހުއްޓާލީ އެވެ.

ގަވައިދު މިހާރު އޮތީ ހުއްދަ ނުނަގާ ކާބޯތަކެތި އިސްތިހާރު ކުރާ ނަމަ ޖޫރިމަނާ ކުރެވޭ ގޮތަށެވެ. އެ އުސޫލުތަކާ ހިލާފަށް އިސްތިހާރު ކޮށްފި ނަމަ 10،000ރ. އިން، ދެ ވަނަ ފަހަރަށް ތަކުރާރުކޮށްފި ނަމަ 100،000ރ. އިން އަދި ތިން ވަނަ ފަހަރު ނަމަ 300،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ

ސަތިސް ވިދާޅުވީ މީގެ ކުރިން ހުއްދަ ދިން އިރު ބޭއަދަބީ ބަސްތަކާއި އޮރިޔާން މަންޒަރު ފެންނަ ފޮޓޯ/ވީޑިއޯ ފާސްކުރަން ފޮނުވާފައި ހުންނަ ކަމަށެވެ. އޭގެ ތެރޭގައި ބޭރުގެ އިސްތިހާރުތަކަށް ދިވެހިން އަޑުއަޅައިގެން ހަދާފައި ހުރި ވީޑިއޯތައް ހިމެނެ އެވެ. އެކަމަކު، ކާބޯތަކެތި އިސްތިހާރުކުރުމަށް ފާސްކުރަން ޖެހޭތީ އެ އިސްތިހާރުތައް ދެއްކޭ ގޮތެއް ނުވި އެވެ.