Roadha Mihaaru
ބުޅާ މަހުގެ މައްސަލާގައި ނެގި ސާމްޕަލްގެ ނަތީޖާ ނުލިބޭ

ބުޅާ މަހުގެ ކާނާ ވިއްކިތޯ ބަލަން ނެގި ސާމްޕަލްގެ ނަތީޖާ އަދިވެސް ނުލިބޭ

18 ސެޕްޓެމްބަރ 2024

ބިދޭސީއަކު ބުޅާ މަހުން ކާބޯތަކެތި ހަދައިގެން ވިއްކި ކަމަށް ތުހުމަތު ކުރެވޭ ބިދޭސީ މީހާ އުޅުނު ތަނުގައި ހުރި މަސްތަކުން ނެގި ސާމްޕަލް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށާއި އޭގެ ނަތީޖާ އަދިވެސް ނުލިބޭ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ބިދޭސީއަކު ބުޅާ މަހުން ކާބޯތަކެތި ހަދައިގެން ވިއްކި ކަމަށް ތުހުމަތު ކުރެވޭ ބިދޭސީ މީހާ އުޅުނު ތަނުގައި ހުރި މަސްތަކުން ނެގި ސާމްޕަލް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށާއި އޭގެ ނަތީޖާ އަދިވެސް ނުލިބޭ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

އެކަމާ ގުޅިގެން ސުވާލުކުރުމުން އެމްއެފްޑީއޭގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ރާއްޖެއިން ބޭރަށް ފޮނުވި ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ. ނަތީޖާ ލިބޭނެ ވަކި އިރެއް ވެސް ނޭނގޭ ކަމަށް ވިދާޅުވި އެވެ.

ބަންގްލަދޭޝަށް ނިސްބަތްވާ އެ މީހާ ދިރިއުޅޭ ގޭގެ ފްރިޖުން ނަގާފައިވާ އެ ސާމްޕަލް ތަހުލީލް ކުރަން ފޮނުވީ ކޮން ގައުމަކަށް ކަމެއް ވެސް ސާފެއް ނުވެ އެވެ.

ބިދޭސީއަކު ބުޅާ މަހުން ކާބޯތަކެތި ހަދައިގެން ވިއްކި ކަމަށް ތުހުމަތު ކުރެވުނަސް، އެކަން ޔަގީންނުވާ ކަމަށް މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވެސް ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި ބުޅާ މަހުން ކާބޯތަކެތި ހެދިކަން އެނގޭނީ އެ ތަހުލީލުތަކަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

"އެގޮތަށް ބުޅާމަސް ބޭނުންކުރި ކަމެއް އަދި އެނގިފައެއް ނެތް. އަދި ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކައެއް ހުރީ. އެހެންވީމާ އަދި އަޅުގަނޑުމެންނަކަށް ކަށަވަރެއް ނުވޭ. އެކަމަކު އެކަމާ ގުޅޭ ތަހުލީލުތައް އެބަ ކުރަން. އެ ތަހުގީގުގެ އަލީގައި އެނގޭނެ މިއީ ކިހާ ފުންމިނަކަށް ގޮސްފައި އޮތް ކަމެއްކަން." މިިދިޔަ މަހުގެ 22 ގައި ހެލްތު މިނިސްޓްރީގައި ބޭއްވި ޕްރެސްގައި ހަލީލް ވިދާޅުވި އެވެ.

ބުޅާ މަހުން ކާއެއްޗެހި ހެދިކަމުގެ ތުހުމަތުކޮށް އާންމު މީހަކު ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯތަކަށް ފަހު ހައްޔަރުކުރީ އަރަފާތު ހޮސެއިން އެވެ. އެ ފެންމަތިވުމާ އެކު އޭނާ ފިލާފައި ވަނިކޮށް އިމިގްރޭޝަނާއި ފުލުހުން ގޮސް އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ ފަހުކޮޅު ސިފަ ބަދަލުކުރަން ސެލޫނަކަށް ވަދެ ހުއްޓަ އެވެ.

އޭނާ ފުރަތަމަ ގެންދިޔައީ ފުލުހުންގެ ބެލުމުގެ ދަށަށް ނަމަވެސް ފަހުން އިމިގްރޭޝަނާ ހަވާލުކުރި އެވެ. އަދިވެސް އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި އޭނާ ހުރިއިރު އެ އިދާރާ އިން ބުނި ގޮތުގައި އޭނާ ޑީޕޯޓްކުރާނީ އޭނާގެ މައްޗަަށް ޖިނާއީ ކުށެއްގެ ހެކި ހުރިތޯ ބެލުމަށް ފުލުހުން ކުރިއަށް ގެންދާ ތަހުގީގު ނިމުމުންނެވެ.

ރާއްޖޭގައި ގާނޫނާ ހިލާފަށް އުޅެމުންދިޔަ އަރަފާތުގެ މައްސަލަ ފެންމަތިވުމާ އެކު ގިނަ ބަޔަކު ވަނީ އޭނާ ދިރިއުޅެމުންދިޔަ ތަނަށް ވަދެ ފޮޓޯ ނަގައި އާންމުކޮށްފަ އެވެ. ފޮޓޯތަކުން އެތަނުގައި ބުޅާ މަސް ހުރިކަން ޔަގީން ނުވިޔަސް ފްރިޖު ތެރޭގައި ކުކުޅު މަހާއި ކަނޑުގެ މަހުގެ ބާވަތްތައް ވެސް ހުއްޓެވެ.

އޭނާގެ މައްސަލަ ފެންމަތިވީ ދިވެއްސަކު ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯއިން ފެންނަނީ ގިނަ އަދަދެއްގެ ބުޅާ އުޅޭ ޕާކިން ޒޯނެއްގެ ކައިރީ އޭނާ ހުއްޓަ އެވެ. ޕްލާސްޓިކް ކޮތަޅެއް ހިފައިގެން އޭނާ އެ ސަރަހައްދުގައި އުޅޭ ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެ ވީޑިއޯގައި އޭނާ ބުނަނީ އެއީ ބުޅާތައް ގެއަށް ގެންދަން ބޭނުންކުރާ އެއްޗެއް ކަމަށެވެ. އެކަމަކު އޭނާ ބުޅާ މަހުން ކާތަކެތި ހަދައިގެން ވިއްކި ކަމަށް ވާހަކަ ދެކެވުނަސް އެކަން ޔަގީން ނުކުރެވެ އެވެ.