Roadha Mihaaru
ކާބޯތަކެތި އެތެރެކުރެވޭނީ ޓެސްޓުކުރުމަށްފަހު

އާ ގާނޫނާ އެކު ކާބޯތަކެތި އެތެރެކުރެވޭނީ ޓެސްޓުކޮށް، ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު

17 މެއި 2024

ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ބިލަށް އަމަލުކުރަން ފެށުމުން ރާއްޖެއަށް ކާބޯތަކެތި އެތެރެކުރެވޭނީ ޓެސްޓުކޮށް، ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ބިލަށް އަމަލުކުރަން ފެށުމުން ރާއްޖެއަށް ކާބޯތަކެތި އެތެރެކުރެވޭނީ ޓެސްޓުކޮށް، ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މިދިޔަ ހޯމަ ދުވަހު ފާސްކުރި ބިލް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވުމުން އެމްއެފްޑީއޭއަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެ ކަމަށެވެ.

އޭގެ ތެރޭގައި، ކާބޯތަކެތި ރާއްޖެ އެތެރެކުރުމުގެ ކުރިން ޓެސްޓު ކުރުމާއި ރައްކާތެރި ނޫން ގޮތުގައި ކާބޯތަކެތި ފޯރުކޮށްދޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުން ހިމެނެ އެވެ.

ރާއްޖެއަށް މިހާރު ގެންނަ ކާބޯތަކެތި ޓެސްޓުކުރަނީ ރެންޑަމްކޮށެވެ. ނަމަވެސް، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނަށް އަމަލުކުރަން ފެށުމުން، ކެއުމާއި ބުއިމުގައި ބޭނުންކުރާ ހުރިހާ ބާވަތެއް ދެން ރާއްޖެ އެތެރެކުރެވޭނީ ޓެސްޓުކުރުމަށްފަހު އެވެ.

"ރާއްޖެ އެތެރެކުރާ ކާބޯތަކެތި، ރާއްޖެ އެތެރެވާ ގޭޓާ ހިސާބުން އެމްއެފްޑީއޭއަށް ސާމްޕަލް ކަލެކްޓު ކުރަން ބާރު ލިބޭ. އެ ގާނޫނު އަންނަ ހިސާބުން [ކާބޯތަކެތި] އެތެރެކުރާ ފަރާތަށް އެންގޭ ސާމްޕަލް އެމްއެފްޑީއޭއަށް ފޮނުވަން. އޭގެ ތެރޭގައި ހަރަދުތައް ސަލާމަތްވުން އަދި ކަސްޓަމްސްގެ ތެރޭގައި ގިނަ ދުވަސްވުމުން އެ އަރާ ޖޫރިމަނާ ކުޑަކުރުން ހިމެނޭ،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސާމްޕަލް ޓެސްޓުކޮށް، ރަނގަޅު އެއްޗެއްކަން ޔަގީންވެއްޖެނަމަ ރާއްޖެ އެތެރެކުރުމުގެ ހުއްދަ އެމްއެފްޑީއޭއިން ލިބޭނެ ކަމަށެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. ހަލީލް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހެލްތު މިނިސްޓްރީން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. ހަލީލް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި ދަނޑުވެރިކަން ކުރާއިރު ތަފާތު ކެމިކަލްތައް ބޭނުންކުރިއަސް މިނިސްޓަރު ވިދާޅުވީ، އޭގައި ހުރި ކެމިކަލް ދެނެގަތުމަށް ރާއްޖޭން ހެދެނީ މަދު ޓެސްޓުތަކެއް ކަމަށެވެ. އެހެންވެ، ރާއްޖޭގެ ދަނޑުވެރިން ހައްދާ ތަކެތީގެ ސާމްޕަލް ޓެސްޓުކުރުމަށް ބޭރަށް ފޮނުވުމާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ހިސާބުން އަޅުގަނޑުމެންނަށް ކެވޭ ކާބޯތަކެތީގައި ނުރައްކާތެރި މާއްދާތައް ހުރީ ކިހާ މިންވަރަކަށްކަން އަޅުގަނޑުމެންނަށް އެނގި، އަޅުގަނޑުމެންނަށް ރާއްޖެ އެތެރެކުރާ ބާވަތްތައް ރައްކާތެރިކުރުމަށް، އެ އެތެރެކުރާ ފަރާތްތަކަށް ބާރު އެޅިގެންދާނެ. އޭގެ އިތުރުން ރާއްޖޭގައި އުފައްދާ ތަކެތި، އުފައްދާ ފަރާތްތަކުން، ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އަޅުގަނޑުމެންނަށް ދެންނެވޭނެ އޮންނަ އުސޫލުތަކުގެ ތެރެއިން ބޭނުންކުރާ މިންވަރަށް ކެމިކަލް ބޭނުންކުރުމަށް، އިތުރު ނުކުރުމަށް،" އޭނާ ވިދާޅުވި އެވެ.

"އެއީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން އަޅުގަނޑުމެން މަސައްކަތް ކުރާއިރު ހާއްސަކޮށް ރައީސް އިސްނަންގަވައިގެން މި ކުރައްވާ މަސައްކަތްޕުޅަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ."

ކާބޯތަކެތީގެ ރައްކާތެރިކުރުމާ ބެހޭ ބިލުގައި، ކާބޯތަކެތި ގިންތިކޮށްފައިވަނީ 10 ބަޔަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި؛

- ގަހުގައި އަޅާ ތަކެތި

- ޖަނަވާރާއި ޖަނަވާރުގެ ބައިތައް

- ޕްރޮސެސްކޮށްފައިވާ ކާބޯތަކެތި

- ހާއްސަ ޑައިޓްރީ ބޭނުންތަކަށް ހަދާފައިވާ ކާބޯތަކެއްޗާއި ފުޑް ސަޕްލިމެންޓު

- ޗުއިންގަމާއި ދުފުމަށް ބޭނުންކުރާ ތަކެތި ހިމެނެ އެވެ.

އެ ބިލް ތަސްދީގުކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި އެއަށް އަމަލުކުރަން ޖެހެ އެވެ.

ހުރިހާ ކާބޯތަކެއްޗެއް ޓެސްޓުކުރަން ނިންމިއިރު، ރާއްޖޭގައި ކެންސަރު އާއްމުވެފައިވާ އެއް ސަބަބަކީ، ކެމިކަލުން ތަޣައްޔަރުވެފައިވާ މޭވާ އާއި ތަރުކާރި ބޭނުންކުރުން ކަމަށް އެއް ބަޔަކު ގަބޫލުކުރެ އެވެ. ނަމަވެސް، އެކަމާ ގުޅޭ ދިރާސާއެއް ހެދިފައެއް ނެތެވެ.