Roadha Mihaaru

މީދާ ފެނުނު ކެފޭ ހިންގަން އަލުން ހުއްދަ ދީފި

ގިނަ އަދަދެއްގެ މީދާ އުޅެނިކޮށް ފެނުނު ކެފޭގައި މިހާރު މީދާ ނޫޅޭކަން ކަށަވަރު ކުރުމަށްފަހު އެ ކެފޭ ހިންގަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަލުން ހުއްދަ ދީފި އެވެ.

މީދާ ފެނުނު ކެފޭ ހިންގަން އަލުން ހުއްދަ ދީފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

30 ޖެނުއަރީ 2025

ގިނަ އަދަދެއްގެ މީދާ އުޅެނިކޮށް ފެނުނު ކެފޭގައި މިހާރު މީދާ ނޫޅޭކަން ކަށަވަރު ކުރުމަށްފަހު އެ ކެފޭ ހިންގަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަލުން ހުއްދަ ދީފި އެވެ.

އަހުމަދު ނާހިލް ނަމަކަށް ކިޔާ ޒުވާނަކު ދާދިފަހުން ފޭސްބުކްގައި އާއްމުކުރި ވީޑިއޯގައި "ސްޓާ ލައިޓް ކެފޭ"ގައި ކާބޯތަކެތި ބަހައްޓާ ރެކު ތެރޭގައި މީދާތަކެއް އުޅޭ މަންޒަރު ފެނެ އެވެ. އަދި އެތަނުގައި ތަށްޓަކަށް އަޅާފައި ހުރި ބިސްތަކެއްގައި މީދާތައް ދޫލާ ތަން ވެސް ވީޑިއޯއިން ފެނެ އެވެ.

އެމްއެފްޑީއޭގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ ސޯޝަލް މީޑިއާގައި މިދިޔަ ހޯމަ ދުވަހު އެ ވީޑިއޯ ދައުރުވާން ފެށުމުން އެ ކެފޭގެ އިންސްޕެކްޝަނަށް ދިޔައިރު، އެ ދުވަހު ކެފޭ ބަންދު ކޮށްގެން މުޅި ތަން ސާފުކުރާތީ އިންސްޕެކްޝަން ކުރިއަށް ނުގެންދެވުނަސް، އާއްމުންނަށް ހިދުމަތް ދިނުން މަނާކުރި ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އޭގެފަހުން މިދިޔަ އަންގާރަ ދުވަހު އެ ކެފޭގެ އިންސްޕެކްޝަނެއް ހަދަން ދިޔައިރު މީދަލަށް ވަދެވޭ ގޮތަށް ހުރި ތަންތަން ވެސް ބައްދާފައިވާ ކަމަށެވެ.

"ތަން ބަންދުކުރަން ޖެހިދާނެ ކަމަށް ވެސް ތައްޔާރުވެގެން އިންސްޕެކްޝަނަށް ދިޔައީ. އެކަމަކު ޕެސްޓް ކޮންޓްރޯލް ހަދާފައި މީދަލުގެ އަސަރުކޮށްފައި ނެތީމަ އަލުން ހިދުމަތް ދޭން ހުއްދަ ދިނީ،" އޭނާ ވިދާޅުވި އެވެ.

މާލޭގައި ހިންގާ ކެފޭ/ރެސްޓޯރެންޓްތައް ސާފުތާހިރުކަމުގެ މިންގަނޑުތަކަށް ފެތޭތޯ އެމްއެފްޑީއޭއިން އިންސްޕެކްޓް ކުރެ އެވެ. އަދި އެ މިންގަނޑަށް ނުފެތިގެން ބައެއް ތަންތަން ބަންދު ވެސް ކުރެ އެވެ.