Roadha Mihaaru
ރަޖިސްޓްރީނުކޮށް ކާބޯތަކެތި ވިއްކާނަމަ ބޮޑު ޖޫރިމަނާއެއް

ރަޖިސްޓްރީ ނުކޮށް ކާބޯތަކެތި އުފައްދައި، ވިއްކާނަމަ ބައި މިލިއަނާ ހަމައަށް ޖޫރިމަނާ ކުރެވޭނެ

19 ސެޕްޓެމްބަރ 2024

ކާބޯތަކެތީގެ ހިދުމަތްދޭ ކެފޭ/ރެސްޓޯރެންޓުތަކާއި ގޭގައި އުފައްދާ ކާބޯތަކެތި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގައި ރަޖިސްޓްރީ ނުކޮށް ވިއްކާނަމަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކާބޯތަކެތީގެ ހިދުމަތްދޭ ކެފޭ/ރެސްޓޯރެންޓުތަކާއި ގޭގައި އުފައްދާ ކާބޯތަކެތި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގައި ރަޖިސްޓްރީ ނުކޮށް ވިއްކާނަމަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެމްއެފްޑީއޭއިން އިއްޔެ އާންމުކުރި "ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރީކޮށް ލައިސަންސް ދޫކުރުމުގައި އަމަލުކުރާނެ އިންތިގާލީ އުސޫލު ބަޔާންކުރާ ގަވާއިދު" ގައި ވާ ގޮތުން ކާބޯތަކެތީގެ ހިދުމަތްދޭ ހުރިހާ ތަންތަނާއި ފަރާތްތަކުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ކުރިން އެމްއެފްޑީއޭގައި ރަޖިސްޓްރީވާން ޖެހޭނެ އެވެ.

އުސޫލުގައިވާ ބުނެފައިވާ ގޮތުން ކުރިން އެމްއެފްޑީއޭގައި ނުވަތަ ދައުލަތުގެ އެހެން އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި މީހުން ވެސް ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި ލައިސަންސް ހޯދުމަށްޓަކައި އެ އޮތޯރިޓީއަށް ހުށަހަޅަން ޖެހޭނެ އެވެ.

ފިހާރައަކަށް ވިއްކަން ލާފައި ހުރި ހެދިކާގެ ބާވަތްތައް-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފިހާރައަކަށް ވިއްކަން ލާފައި ހުރި ހެދިކާގެ ބާވަތްތައް-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެ މުއްދަތުގައި ރަޖިސްޓަރީނުކޮށް ކާބޯތަކެތީގެ ހިދުމަތް ދިނުމަކީ ނުވަތަ ވިޔަފާރިކުރުމަކީ މަނާ ކަމެއް ކަމަށާއި އަދި ރަޖިސްޓްރީ ނުކޮށް ކާބޯތަކެތީގެ ހިދުމަތް ދޭނަމަ އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައިގެން 10،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.

އޭގެ ތެރޭގައި ކާބޯތަކެތި އުފެއްދުމާއި ތައްޔާރުކުރުމާއި ވިއްކުމާއި އިމްޕޯޓް ކުރުމާއި އެކްސްޕޯޓް ކުރުމާއި ރައްކާ ކުރުމާއި ފޯރުކޮށްދިނުމާއި ބަންދު ކުރުމާއި ހަދިޔާ ކުރުމާއި އޭގެ ވިޔަފާރި ކުރުން ހިމެނެ އެވެ.

އޮންލައިންކޮށް ރަޖިސްޓްރޭޝަނާއި ލައިސަންސަށް އެދެންޖެހޭނީ ސަރުކާރުގެ "ވަންގަވް" ޕޯޓަލް އާއި އެމްއެފްޑީއޭގެ "ދިރިތި" ޕޯޓަލް މެދުވެރިކޮށެވެ.

ހިޔާ ފްލެޓްތައް ކައިރީ މީހުންތަކެއް ހެދިކާ ވިއްކަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ހިޔާ ފްލެޓްތައް ކައިރީ މީހުންތަކެއް ހެދިކާ ވިއްކަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ދެ ތަނުގައި ރަޖިސްޓްރީ ވާން ޖެހޭ ތަންތަން ވަކިން ބަޔާން ކޮށްފައިވާއިރު ރަޖިސްޓްރީކުރުން ލާޒިމް ނުވާ ތަންތަނަކީ ވަގުތީ މާރުކޭޓުތަކާއި އުޅަނދުތަކާއި ސްޓޭންޑްތަކެވެ. ނަމަވެސް އެ ތަންތަނުން ވެސް އެމްއެފްޑީއޭގެ މިންގަނޑުތަކާ އެއްގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.

ގިނަ ތަންތަނަށް އެއް އަހަރުގެ ލައިސަންސް ދޫކުރާއިރު، ޔޫރަޕިއަން ޔޫނިއަންއަށް އެކްސްޕޯޓްކުރާ ކާރުހާނާތަކަށް ހަ މަސް ދުވަހުގެ ލައިސަންސެއް ދޫކުރާނެ އެވެ. ލައިސަންސް ދޫކުރުމަށް ވެސް ވަކި ފީއެއް ނަގާނެ އެވެ.

އެމްއެފްޑީއޭއިން އެފަދަ އުސޫލެއް ނެރުނީ މާލޭގައި ބިދޭސީން ސާފުތާހިރުކަން ކުޑަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކުރާ މައްސަލަތަކެއް ދާދިފަހުން ފެންމަތިވެފައިވެ އެވެ. އެގޮތުން އިމިގްރޭޝަނުން ހިންގި ބައެއް އޮޕަރޭޝަންތަކުގައި ފެނުނު އެފަދަ ގިނަ ތަންތަނުގައި، އާންމުކޮށް ދިވެހިން ކެއުމަށް ބޭނުންކުރާ ބާވަތްތައް އެއްވެސް ސާފުތާހިރު ކަމެއް ނެތް ގޮތަށް ތައްޔާރު ކުރަމުން ގޮސްފައިވެ އެވެ. އެކަމާ ގުޅިގެން ބައެއް ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.