Roadha Mihaaru
އާންމުން ކާބޯތަކެތި ވިއްކުމުގެ އުސޫލު އާންމުކޮށްފި

ގޭގައި ކާބޯތަކެތި އުފައްދައި ވިއްކާނަމަ ކޯހެއް ހަދަން ލާޒިމްކޮށް އުސޫލު އާންމުކޮށްފި

03 ސެޕްޓެމްބަރ 2024

ގޭގައި އުފައްދާ ކާބޯތަކެތި ވިޔަފާރީގެ އުސޫލުން ވިއްކާ ނަމަ، ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ތަމްރީނެއް ފުރިހަމަކޮށް، ރަޖިސްޓްރީކުރަން ލާޒިމްވާ ގޮތަށް ކާބޯތަކެތި އުފައްދައި، ވިއްކުމުގެ އުސޫލު މިއަދު އާންމުކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ގޭގައި އުފައްދާ ކާބޯތަކެތި ވިޔަފާރީގެ އުސޫލުން ވިއްކާ ނަމަ، ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ތަމްރީނެއް ފުރިހަމަކޮށް، ރަޖިސްޓްރީކުރަން ލާޒިމްވާ ގޮތަށް ކާބޯތަކެތި އުފައްދައި، ވިއްކުމުގެ އުސޫލު މިއަދު އާންމުކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ "އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑު" އަދި "އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތް ކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުސޫލު" އެ އޮތޯރިޓީގެ ޕޯޓަލް އާއި ހެލްތު މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު އާންމު ކޮށްފައިވާ ކަމަށެވެ. މި އުސޫލުތަކުގެ ދަށުން، އެ ހުއްދަ ދެން ލިބޭނީ އެ މިންގަނޑަށް ފެތޭ ފަރާތްތަކަށެވެ.

ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކުން ދަފްތަރު ކުރުމަށް އީފާސް މެދުވެރިކޮށް ކާބޯތަކެތި އުފައްދާ ތަނާއި އުފައްދާ ތަކެއްޗާ ބެހޭ މައުލޫމާތު އެމްއެފްޑީއޭގެ "ދިރިތި" ޕޯޓަލް އަށް ހުށަހަޅަން ޖެހޭ ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އެ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް އަމަލު ކުރޭތޯ ބަލަން ތަންތަން ފާސް ކުރެވިދާނެ ކަމަށާއި އަދި ހުށަހަޅަން ޖެހޭ ޗެކްލިސްޓާއި އިގުރާރުތައް އަހަރަކު އެއް ފަހަރު އެމްއެފްޑީއޭ އަށް ފޮނުވަން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައިވެ އެވެ.

ކާބޯތަކެތި އުފެއްދުމުގައި އަމަލު ކުރަން ޖެހޭ މިންގަނޑުތައް

ކާބޯތަކެތި އުފައްދާއިރު، އުފެދޭ ވަހާއި ދުމާއި ކުނި އަދި ގަދަ އަޑުގެ ސަބަބުން އާންމުންގެ ސިއްހަތަށް ނުރައްކާ ވެގެން ނުވާނެ ކަމަށް އެ އުސޫލުގައިވެ އެވެ. އަދި ގޭގައި ދިރިއުޅޭ މީހުން ފިޔަވައި އިތުރު ބަޔަކު އެކަމުގައި ބޭނުން ބޭނުން ކޮށްގެން ނުވާނެ ކަމަށާއި ކާބޯތަކެތި ތައްޔާރު ކުރެވޭނީ "ބޭސިކް ފުޑް ސޭފްޓީ ކޯސް" ނުވަތަ އެމްއެފްޑީއޭ އިން ހިންގާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ކަމަށް ވެސް އެ އުސޫލުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ކާބޯތަކެތި ތައްޔާރު ކުރާ ވަގުތު ކަމާ ނުގުޅޭ މީހުން ބަދިގެއަށް ނުވެއްދުމާއި އިންޑަސްޓްރިއަލް އަވަން ފަދަ ފުޅާ ދާއިރާއެއްގައި ކާބޯތަކެތި އުފައްދަން ގެންގުޅޭ އާލާތްތައް ބޭނުން ނުކުރުމާއި ކާބޯތަކެތި ލޭބަލް ކުރުމުގެ ގައުމީ މިންގަނޑާ އެއްގޮތަށް ލޭބަލް ކުރަން ޖެހޭ ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ބަދިގެ އާއި ހިފާ ގެންގުޅޭ ސާމާނާތް އާލާތްތަކުގައި ހުންނަން ޖެހޭ ސާފު ތާހިރުކަމުގެ މިންގަނޑުތަކާއި ކާބޯތަކެތި ތައްޔާރު ކުރާ މީހާ ވެސް އަމަލު ކުރަން ޖެހޭ މިންގަނޑުތަކެއް އެ އުސޫލުގައި ވަނީ ބަޔާން ކޮށްފަ އެވެ.

އޭގެ އިތުރުން ޖަނަވާރާއި ދޫނި ފަދަ ތަކެތި ކާތަކެތި ތައްޔާރު ކުރާ ސަރަހައްދުގައި ނުގެންގުޅުމާއި ޖާބޯތަކެތި ރައްކާތެރި ކުރުމާއި ކުނި ނައްތާލުމުގެ މިންގަނޑުތަކެއް އެ އުސޫލުގައި ބުނެފައިވެ އެވެ.

އެމްއެފްޑީއޭއިން އެފަދަ އުސޫލެއް ނެރުނީ މާލޭގައި ބިދޭސީން ސާފުތާހިރުކަން ކުޑަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކުރާ މައްސަލަތަކެއް ދާދިފަހުން ފެންމަތިވެފައިވެ އެވެ. އެގޮތުން އިމިގްރޭޝަނުން ހިންގި ބައެއް އޮޕަރޭޝަންތަކުގައި ފެނުނު އެފަދަ ގިނަ ތަންތަނުގައި، އާންމުކޮށް ދިވެހިން ކެއުމަށް ބޭނުންކުރާ ބާވަތްތައް އެއްވެސް ސާފުތާހިރު ކަމެއް ނެތް ގޮތަށް ތައްޔާރު ކުރަމުން ގޮސްފައިވެ އެވެ. އެކަމާ ގުޅިގެން ބައެއް ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.