08 ޖެނުއަރީ 2025
ފަތިހު ހޭލައިގެން ބަދިގެ އިން ފަށަމާ ހިނގާށެވެ. ވަރަށް ގިނަ ބަޔަކު އަވަސް ވެގެންނާނީ ދަރިންގެ އިންޓަވަލް ތައްޔާރުކުރާށެވެ. ސޭންޗްވިޗެއް، ހޮޓްޑޯގެއް، މަސްބަނަހެއް ކަހަލަ އެއްޗެއް ތައްޔާރުކުރަން ފިޔާ ކޮށަން ނަގާ ހުދު ކަޓިން ބޯޑުގައި އެއްކޮޅުން އަނެއްކޮޅަށް އޮތީ ކުލަ ކެހި މުށި ކުލައިގެ ޅިޔަ އެޅިފަ އެވެ. އަވަސް އަރުވާލަން ޖެހޭ ވަރުން އަންގި ނުލައްވައި ހުރެ މަސްގަނޑު މޮޑެން ފަށަނީ އަތުގައި ހުރި އަނގޮޓިތައް ވެސް ނުނަގަ އެވެ. ފެންފޮދަކުން އަތް ދޮވުނަސް، އަނގޮޓީގައި ހަރުލާފައި ހުރި ނަޖިހެއްވިއްޔާ ހުރީ އެވެ. ވަކި ހިސާބަކުން، މޮޑެން ހުރި އަތުން އަނެއްކާވެސް މެޔޮނައިޒް ފުޅީގެ މަތި ނަގަން ޖެހޭ ފަހަރު އާދެ އެވެ. ފިހާރައިން ގެނައި ގޮތަށް ނުދޮވެ ހުރި ކަން ވެސް ހަނދާން ވަނީ މާ ފަހުންނެވެ.
ފަތިހު ހޭލައިގެން ބަދިގެ އިން ފަށަމާ ހިނގާށެވެ. ވަރަށް ގިނަ ބަޔަކު އަވަސް ވެގެންނާނީ ދަރިންގެ އިންޓަވަލް ތައްޔާރުކުރާށެވެ. ސޭންޗްވިޗެއް، ހޮޓްޑޯގެއް، މަސްބަނަހެއް ކަހަލަ އެއްޗެއް ތައްޔާރުކުރަން ފިޔާ ކޮށަން ނަގާ ހުދު ކަޓިން ބޯޑުގައި އެއްކޮޅުން އަނެއްކޮޅަށް އޮތީ ކުލަ ކެހި މުށި ކުލައިގެ ޅިޔަ އެޅިފަ އެވެ. އަވަސް އަރުވާލަން ޖެހޭ ވަރުން އަންގި ނުލައްވައި ހުރެ މަސްގަނޑު މޮޑެން ފަށަނީ އަތުގައި ހުރި އަނގޮޓިތައް ވެސް ނުނަގަ އެވެ. ފެންފޮދަކުން އަތް ދޮވުނަސް، އަނގޮޓީގައި ހަރުލާފައި ހުރި ނަޖިހެއްވިއްޔާ ހުރީ އެވެ. ވަކި ހިސާބަކުން، މޮޑެން ހުރި އަތުން އަނެއްކާވެސް މެޔޮނައިޒް ފުޅީގެ މަތި ނަގަން ޖެހޭ ފަހަރު އާދެ އެވެ. ފިހާރައިން ގެނައި ގޮތަށް ނުދޮވެ ހުރި ކަން ވެސް ހަނދާން ވަނީ މާ ފަހުންނެވެ.
މަސްގަނޑު ނިމި، ޕާންފޮތިތަކުގެ ކައިރި ކޮށާލަން ވެސް ބޭނުންކުރަނީ، ޕްލާސްޓިކް ކޮޅާ އެކު ކެފިގެން ސޭންޑްވިޗާ އެކު އެއްވާ ހަމަ އެއްކަލަ ކަޓިން ބޯޑެވެ. މާބޮޑު ކަމަކަށް ނުހެދެނީ އެވެ!
ދިރިއުޅުމުގައި ފަރުވާ ކުޑަކުރެވޭ މި ކަހަލަ އާދައިގެ ކަންކަމާ މެދު ވެސް ހާސްވެ ފިކުރުބޮޑުވެވެނީ، އާއިލާގެ ކޮންމެވެސް މީހެއްގެ ފުރާނައަށް ނުރައްކާވެ ބަލި އެނދުގައި އޮންނަން ޖެހުމުނެނެވެ. ގޯސްކޮށް ކުރެވުނީ ކޮން ކަމެއްތޯ ވިސްނައި ބައެއް މީހުން ބޯގޮވާ ހިސާބަށް ދެ އެވެ.
އެކަމަކު، ބިޒީ ދިރިއުޅުމުގައި ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ނެގޭ ގިނަ ކަންކަމަކީ އަހަރެމެންގެ ސިއްހަތަށް ވަރަށް ބޮޑު ނުރައްކަލެކެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރެމެންގެ އާދަތައް ހުރީ ވަރަށް ނުރައްކާތެރި ދަރަޖައެއްގަ އެވެ.
މިދިޔަ އޮކްޓޯބަރު މަހު އާއްމުކޮށްފައިވާ ރިޕޯޓްގައިވާ ގޮތުން، ސާފުތާހިރު ނޫން ކާނާ ކެއުމުގެ ސަބަބުން އަހަރެއްގެ މައްޗަށް 600 މިލިއަން މީހުން ބަލިވެ، 4 ލައްކައަށް ވުރެ ގިނަ މީހުން މަރުވެ އެވެ. ކެފޭ/ހޮޓާ އަދި އަމިއްލަ ވިޔަފާރިތަކުގެ ބޭނުމަށް ކާނާ ތައްޔާރުކުރުމުގައި ފަރުވާތެރިވާން ޖެހޭ ވަރަށް، އަމިއްލަ ގޭގައި ކާނާ ތައްޔާރުކޮށް ރައްކާކުރުމުގައި ވެސް ސަމާލުކަންދޭން ޖެހެ އެވެ.
ފިހާރައެއްގެ ފްރީޒާ --- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުން ފެށިގެން އަންނަނީ ކައްކަން ބޭނުންކުރާ ތަކެއްޗާއި ތަނާއި މީހާގެ ސާފުތާހިރުކަމުންނެވެ. ކޮވިޑް19ގެ ތެރޭގައި އަތް ދޮވުމުގެ އާދައަށް ހޭނުނަސް މިހާރު ފެންނަނީ އެ އާދަތަކާ ދުރުވި ތަނެވެ. މާރުކޭޓާއި ފިހާރަތަކުގައި ހުރި އަތްދޮންނަ ތަންތަނާއި ސެނިޓައިޒާ ފުޅިތައް މިހާރު ބޭނުން ކުރުން މަދުވެއްޖެ އެވެ. ގަނެގެން ގެންނަ މުދާތައް ދޮވެ ސާފުކުރުން ވެސް އެއީ މާޒީ އެވެ.
ގެއަށް ސާމާނު ގަންނަން ގޮސް، އެކި ބާވަތުގެ ތަކެތި ކޮތަޅު ކޮތަޅަށް މި އެޅެނީ ވެސް ގިނަ ފަހަރު މުޅިން ގޯސްކޮށެވެ. ސާފުކުރަން ގެންގުޅޭ ކެމިކަލްތަކާއި ބޯންލެސް ކުކުޅު ޓްރޭ އާއި އާފަލު ވެސް ގިނަ ފަހަރަށް ލަނީ އެއްކޮތަޅަކަށެވެ. މާގިނަ ކޮތަޅު އުފުއްލަން ބުރައަކަށް ހުރިހާ ސާމާނެއް އެއްކޮށް ހިފައިގެން ދަނީ އެވެ. އެކަމަކު މި ތިން ބާވަތަކީ ވެސް ތިން ކޮތަޅުގައި ހުންނަންޖެހޭ ތަކެއްޗެެވެ.
ކަޓިން ބޯޑަކީ ކާބޯތަކެތީގައި ވަރަށް ފަސޭހައިން ޖަރާސީމު އަށަގަންނަ އެއްޗެކެވެ. މިކަމުގައި އެންމެ ނުރައްކާ ބޮޑީ ހުރިހާ ބާވަތަކަށް އެއް ކަޓިން ބޯޑެއް ބޭނުންކުރުމެވެ.
"ގޭގައި ރޯ މަސް ކޮށަން ވެސް، ތަރުކާރީ ކޮށަން ވެސް މި ބޭނުންކުރަނީ އެއް ކަޓިން ބޯޑެއް. އެއީ ބެސްޓް ޕްރެކްޓިސް އެއް ނޫން. ރޯ މަސް ކޮށާފައި ސާފުކުރިއަސް، އެބަޖެހޭ ޑިސްއިންފެކްޓް ކުރަން. އެއަށްވުރެ މާ ފަސޭހަ މި ބާވަތްތަކަށް ވަކިވަކި ކަޓިން ބޯޑާއި، ތަށި ބޭނުންކުރުން،" މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ފުޑް ކޮލިޓީ އެޝުއަރެންސް އޮފިސަރު ޚާލިސާ މުހައްމަދު ވިދާޅުވި އެވެ.
ހަމަައެއާ އެކު ޕްލާސްޓިކް ކަޓިން ބޯޑު ބޭނުންކުރާ އިރު، ގިނަ ދުވަސްވުމުން މިފަދަ ކަޓިން ބޯޑުތަކުގައި ހުންނަ މައިކްރޯ ޕްލާސްޓިކް ކާބޯތަކެއްޗާ އެއްވެ މިސްރާބު ޖަހަނީ އަހަރެމެންގެ ހަށިގަނޑަށެވެ.
ތަރުކާރީ ކޮށަނީ، ކައްކައިގެން ބޭނުންކުރާ ކާބޯތަކެއްޗާއި އެ ނޫން ތަކެއްޗަށް ވަކި ވަކި ކަޓިން ބޯޑު ބޭނުންކުރަން ޖެހޭ--
ފްރިޖުން ބޮޑު މަސްގަނޑު ނަގައި އެތައް ގަޑިއިރަކު ގަނޑުފިލުވަން ބޭރުގައި ބޭއްވުމަށް ފަހު ކޮށާލުމަށް ފަހު، ގިނަވާ ބައި އަނެއްކާ ފްރިޖަށް ލުމަކީ ވަރަށް ގޯސް އާދައެކެވެ.
ޚާލިސާ ވިދާޅުވި ގޮތުގައި އެންމެ ރަނގަޅުގޮތަކީ މި ބާވަތްތައް ގަނެ ގަނޑުކުރަން އައިސް އަލަމާރީގައި ބެހެއްޓުމުގެ ކުރިއަށް ޕޯޝަން ކުރުމެވެ. އޭރުން ކޮންމެ ދުވަހަަކު މަސްގަނޑު ނަގަން ޖެހުމުގެ ބަދަލުގައި ކައްކަން ބޭނުންވާ މިންވަރަށް ކޮންމެ ދުވަހަކު ވެސް ގަނޑުފިލުވޭނެ އެވެ. ނޫން ނަމަ ރޯ ފިލުވުމަށް ފަހު ކުރިއަށް އޮތް ތިން ދުވަހު ކާނީ އެވެ.
ގަނޑުފިލުވަން އެންމެ ރައްކާތެރި ގޮތަކީ އައިސް އަލަމާރީގެ ފިނިކުރާ ބައި (ޗިލާ)ގައި ބަހައްޓައިގެން ގަނޑު ފިލުވުމުވެ. ނޫން ނަމަ މައިކްރޯވޭވް ތަކުގައި ހުންނަ ޑީފްރޮސްޓިން މޯޑް ބޭނުންކުރުމެވެ.
"ފެނަށް ލައިގެން ގަނޑު ފިލުވުމަކީ އެންމެ ނުރައްކާތެރިކަން ބޮޑު ގޮތް. އޭރަށް ޖަރާސީމުތައް ގިނަވެ ކުކުޅުގެތެރެއަށް ވެސް ފެތުރުމުގެ ފުރުސަތު އެބައޮތް. ފެން ބޭނުންކޮށްގެން ޑީފްރޮސްޓް ކުރާ ނަމަ މަސްގަނޑު އޮތް ގޮތަށް ނުލައި، ކޮތަޅެއްގައި ބަންދުކޮށްގެން، އަދި ފެންގަނޑު ބަދަލުކުރާ ގޮތަށް ނޫނީ ފެނަށްލުން އެދެވިގެންނުވޭ،" ޚާލިސާ ވިދާޅުވި އެވެ.
ޚާލިސާ މުހައްމަދު "މިހާރު"އަށް ވާހަކަ ދައްކަވަނީ. -- ފޮޓޯ:ނިޝާން އަލީ | މިހާރު
ގަރުދިޔަ ތެލި ހޫނުކުރުމަކީ ކަށީގައި ހިފާފައިވާ އާދައެކެވެ. އެހެން ނޫން ނަމަ އަނެއް ދުވަހު ހޭލާއިރު ހުންނާނީ ކުނިވެފަ އެވެ.
ޑައިޓީޝަން އާމިނަތު އިއާޝާ ވިދާޅުވީ އަހަރެމެންނަށް ވަހާއި ކުލަ އާއި ރަހައިން ކާއެއްޗެއް ކުނިވިކަން މި އެނގެނީ ވަރަށް ބޮޑު ވަރު ވުމުން ކަމަށެވެ. ކާއެއްޗެހީގައި އެންމެ އަވަހަށް ބެކްޓިރިއާ އުފެދޭ ފިނިހޫނުމިނަކީ ފަސް ޑިގްރީ ސެލްސިއަސް އާއި 60 ޑިގްރީ ސެލްސިއަސްއާ ދެމެދުކަމަށް ވާއިރު، ރާއްޖެއަކީ ހޫނު ގަދަ ގައުމަކަށްވުމުން، ކާނާ ތައްޔާރުކުރާތާ ދެ ގަޑިއިރުވުމުން އޭގައި ޖަރާސީމު އުފެދެން ފަށަ އެވެ.
ރަނގަޅު ގޮތަކީ ދެ ގަޑިއިރު ތެރޭ ކައި ހުސް ނުކުރެވޭ ނަމަ އަވަހަށް ފްރިޖަށް ލުމެވެ. އަދި ތައްޔާރުކުރަން ފަށާ ހިސާބުން ހަތަރު ގަޑިއިރު ތެރޭ މި ފިނިހޫނުމިނުގައި ކާއެއްޗެއް ހުންނަ ނަމަ ކެއުން އެދެވިގެނެއް ނުވެ އެވެ.
"ބައެއް ކަހަލަ މޭވާ އަދި ތަރުކާރީގައި ވެސް ހުރެދާނެ ހަލާކުވެފައި ހުންނަ ތަންކޮޅެއް، ނޫނީ ޗީޒްގައި ވެސް ހުރެދާނެ މޯލްޑް ކޮޅެއް، ކުޑަ ތަންކޮޅެއްގައި ހުއްޓަސް މުޅި އެއެއްޗެއްގައި އޭގެ އަސަރު ހުންނާނެ. އެހެންވީމަ އެ ތަންކޮޅު އުކާލުމަކުން ނުފުދޭ. ރިހާކުރުގައި ވެސް ފޫ ޖެހީމަ އެހިސާބުން ބޭނުން ކުރުން އެދެވިގެނެއް ނުވޭ،" އިއާޝާ ވިދާޅުވި އެވެ.
ވިއްކަން ބަހައްޓާފައި ހުރި ބިސް ކޭހަކުން މީހަކު ބިސް ނަގަނީ. -- ފޮޓޯ | މިހާރު
މިއީ، ވެސް ރައްކާކުރުމާއި ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ އެއް ބާވަތެވެ. ބިސް ބެހެއްޓުން އެންމެ ރަނގަޅީ ފްރިޖުގަ އެވެ. އެކަމަކު ބިހުގެ ބޭރު ދޮވުމާއި ހަލާކުވެފައި ނުވަތަ ބޭރު ވެސް ހަޑިކޮށް ހުންނަ ބިސް ބޭނުންކުރުމާއި، ބިހުގެ ތޮށިކޮޅު އެއްވެސް ވަރަކަށް ކާއެއްޗެހީގައި ހޭކުން މިއީ މުޅިން ނުރައްކާތެރި ކަންކަމެވެ. މީގެއިތުރުން، ރޮލާ ހުންނަ ބިސް އަޅައިގެން ތައްޔާރުކުރާ ސަބްމެރިން ސޯސް ފަދަ ބާވަތްތަކަކީ ހާއްސަކޮށް، މާބަނޑު މީހުންނަށް ރައްކާތެރި ނޫން އެއްޗެއްކަން އިއާޝާ ފާހަގަކުރެއްވި އެވެ.
"ބިހެއް ނުއެއް ދޮންނާނެ. ބިހުގެ ތޮއްޓަކީ ޕޯރަސް އެއްޗެއް. ލޮލަށް ނުފެނުނަސް ކުދިކުދި ލޯވަޅުތަކެއް ހުންނާނެ. އެހެންވީމަ ބޭރުގައި ހުންނަ އެއްޗެއް ބިހުގެ އެތެރެއަށް ވަންނާނެ. އެކި ސްޓޭންޑަޑްތަކުގެ ބިސް ހުންނައިރު ރާއްޖޭގައި މި ހުންނަ ބިހަށް ސަމާލުކަން ދޭންޖެހޭ. އެ ނޫން ނަމަ ސެލްމޮނެއްލާ ޖަރާސީމު ހަށިގަނޑަށް ދިއުމުގެ ފުރުސަތު ބޮޑު،" އިއާޝާ ވިދާޅުވި އެވެ.
މީގެއިތުރުން ވެސް ތެއްޔާއި ތަށިތައް ދޮންނަން ގެންގުޅޭ ސްޕޮންޖް ވެސް ކޮންމެ ފަހަރަކު ބޭނުންކޮށް ނިންމުމަށް ފަހު ރަނގަޅަށް ފެން ހިއްކުމާއި ސާފުކުރުމާއި ގިނަ ދުވަސްނުކޮށް ބަދަލުކުރުމަކީ މުހިންމު ކަމެކެވެ. އައިސް ކްރީމް ހުސްކުރި ތައްޓާއި، ކަޕް ނޫޑުލްސް ހުސްކުރި ތަށިތައް ދެވަނަ ފަހަރަށް ބޭނުންކުރާއިރު ވެސް، އެ ތަކެތީގެ ލޭބަލްތަކަށް ސަމާލުވެ، ބޭނުންކުރަން ޖެހޭ މިންވަރަށް ވުރެ އިތުރަށް ބޭނުން ނުކުރުމާއި، ފިނި އެއްޗެއް އަޅަން ބޭނުންކުރާ އެއްޗަކަށް ހޫނު އެއްޗެހި އަޅައިގެން ބޭނުންނުކުރުމަކީ ސިއްހީގޮތުން ބަލާއިރު މުހިންމު ކަމެކެވެ.
މިފަހަކަށް އައިސް ގޭގެ އައިސް އަލަމާރި ނުވަތަ ފްރިޖަކީ ކާއެއްޗެހި ރައްކާކުރާ ކަބަޑެކެވެ. ފެނާއި ކިރާއި ބިހާއި، ޖޫހާއި ތަރުކާރީ އާއި މޭވާ އަދި ނުވިތާކަށް ހަފްތާއަކަށް ތައްޔާރުކުރާ މީލް ޕްރެޕާއި ކާން ފަށާފައި ބާކީވާ ބިސްކޯދު ވެސް މި ހުންނަނީ އައިސް އަލަމާރީގަ އެވެ.
އިއާޝާ ވިދާޅުވާ ގޮތުގައި، އައިސް އަލަމާރި ފުރެންދެން އެއްޗެހި ބަހައްޓާ ނަމަ ވައި ދައުރުވާ މިންވަރު ދަށްވެ ކާނާ ބަހައްޓަން ޖެހޭ ފިނި ހޫނު މިން ގެއްލެ އެވެ. ހަމައެއާ އެކު ކާއެއްޗެހި ރަނގަޅަށް މަތިޖަހައި ދިޔައާ ވަސް ދައުރުނުވާހެން ބެހެއްޓުން މުހިންމެވެ.
އަދި ޚާލިސާ ވިދާޅުވި ގޮތުގައި ކާން ތައްޔާރަށް ހުންނަ ބާވަތްތައް، މިސާލަކަށް ކޭކު ފަދަ ބާވަތްތައް އެންމެ މަތީގައި ބަހައްޓައި ދެން ހުންނަ ބާވަތްތައް އޭގެ ތިރީގައި ބެހެއްޓުމަކީ ވެސް ކާނާ މާ އަވަހަށް ހަލާކުނުވެ، ޖަރާސީމު އަށަގަތުން ލަސްކޮށްދޭނެ ކަމެކެވެ.
"ވަރަށް ގިނައިން ހުޅުވާ ލައްޕާތީ އާންމުކޮށް ފްރިޖުތަކުގައި މި ހުންނަންޖެހޭ ފިނިހޫނުމިން ގޭގައި ހުންނަ ފްރިޖުތަކުގައި ނުހިފަހައްޓާ. އެހެންވެ ގިނަވެގެން ތިން ދުވަސްތެރޭ، ފްރިޖުގައި ބަހައްޓާ ބާވަތްތައް ކައި ބޭނުންކުރަން ޖެހޭ. އަދި ކްރޮސް ކޮންޓެމިނޭޝަނަށް މަގުފަހިވާނުވާހެން، މަތި ޖަހައި ބަންދުކޮށް، ހަފްތާއަކު އެއްފަހަރު ފްރިޖު އެއްކޮށް ސާފުކުރުން މުހިންމު،" އިއާޝާ ވިދާޅުވި އެވެ.
ލޯކަލް މާރުކޭޓުގެ މަންޒަރެއް---- ފޮޓޯ | މިހާރު
ރާއްޖޭގައި ކެންސަރު ކިތަންމެ އާންމުވެފައި ވިޔަސް މި ބަލިޖެހެން މެދުވެރިވާ ސަބަބުތަކެއް މިހާތަނަށް ހޯދިފައި ނުވެ އެވެ. ބައެއް ރަށްތަކުގައި އާދަޔާޚިލާފަށް ގިނަވަމުން އަންނައިރު، ރާއްޖޭގައި ވަރަށް އާއްމު ބައްޔަކަށް ކެންސަރު ވެއްޖެ އެވެ.
ޚާލިސާ ވިދާޅުވީ ކެންސަރު ޖެހޭ ބައެއް މާއްދާތައް ދިވެހިންގެ ކެއުންތަކުގައި ގިނަ ވުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. ހާއްސަކޮށް ދުމަށި މަތީގައި ވަޅޯމަސް ތައްޔާރުކުރާއިރު މަހުން ފައިބާ ދިޔަ އަލިފާނުގައި ޖެހުމުން އުފެދޭ އެރޮމެޓިކް ހައިޑްރޮ ކާބަންއަކީ ކެންސަރަށް މަގުފަހިވާ މާއްދާއެއްކަން ބައިނަލްއަގްވާމީ އެކި ދިރާސާތަކުން ކަށަވަރުކޮށްދެ އެވެ.
"އަދި މި ނޫނަސް ވަރަށް ބޮޑަށް ބާބަކިއު ކޮށްގެން ނޫނީ ޕާން ކަހަލަ އެއްޗެހި ވެސް ވަރަށް ބޮޑަށް ފިހެގެން ނުވަތަ ހެދިކާ ފަދަ ބާވަތްތައް ތައްޔާރުކުރާއިރު މި އެއްޗެހި ހޫނު ކުރުމުން އެކްރިލަމައިޓް ކިޔާ މާއްދާއެއް އުފެދޭ. މިއީ ވެސް ދިރާސާތަކުން ދައްކާ ގޮތުން ކެންސަރު ޖެހޭ ދެވަނަ ކެޓަގަރީގެ މާއްދާއެއް،" ޚާލިސާ ވިދާޅުވި އެވެ.
މާބޮޑަށް ހޮޑުލައި ބޭރަށް ހިންގުމަކީ ވަރަށް ފަސޭހައިން ހަށިގަނޑު ޑީހައިޑްރޭޓްވެ، އަވަސް ފަރުވާ ނުލިބިއްޖެ ނަމަ ފުރާނައަށް ވެސް ގެއްލުން ހުރި ކަމެކެވެ. އަދި ކާނާވިހަވުމަކީ ގޮހޮރު ބަލިކަށިވެ ދިގު މުއްދަތަަކަށް ހަށިގަނޑުގެ ދިފާއީ ނިޒާމަށް ވެސް ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ.
ޑައިޓީޝަން އިއާޝާ އިތުރަށް ވިދާޅުވީ ކާނާ ވިހަވެ ހަށިގަނޑަށް ލިބޭ ޝޮކްގެ ސަބަބުން ކުރިން އެއްވެސް ވަރަކަށް އަލާމާތްތައް ނުފެނި ހުންނަ ސީލިއެކް ބަލި ފަދަ ބަލިތައް ވެސް ފެންނަން ފަށާ ކަމަށެވެ.
ނޭނގުމެއްގެ ތެރޭގައި ނަމަވެސް މިކަންކަން ކުރެވޭއިރު، ކަންބޮޑުވުމަކީ ކާބޯތަކެތިން ޖެހޭ ބަލިތަކުގެ ތަފާސް ހިސާބުތަކެއް މިހާތަނަށް އައިއިރުވެސް އެއްކުރެވި މޮނިޓަ ކުރެވިފައި ނެތުމެވެ.
އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު، ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ބޭރަށް ހިންގުމާއި ހޮޑުލުން، އެކިއުޓް ގޭސްޓްރޯ އެންޓެރިޓިސް (އޭޖީއީ) ކޭސްތަކުގައި ލިސްޓްކުރެވުނު ނަމަވެސް މިއީ ސީދާ ކާބޯތަކެތިން ޖެހޭ ބައްޔެއްކަން ކަނޑައެޅިގެން ދަންނަވަން އުނދަގޫ ކަމަށެވެ.
އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވީ މިބަލިތައް ދެނެގަނެވުނަސް، އިތުރަށް މާ ބޮޑު ތަހުލީލުތަކެއް ހެދެން ނެތުމަކީ ކަންބޮޑުވުމެއް ކަމަށެވެ.
"އިއްޔެ ވެސް ހަތަރު ކުދިން އައި ބޭރަށް ހިންގާތީ. އެ ހަމައެކަނި އަޅުގަނޑު ކޮންސަލްޓް ކުރި ކުދިން. އެ އަދަދު އެެއަށް ވުރެ އިތުރުވާނެ. ޓެސްޓްތަކުން ކޮންކަހަލަ ބެކްޓީރިއާ ނުވަތަ ވައިރަސްއެއްކަން އެނގުނަސް، ކުރިއަރާފައިވާ ގައުމުތަކުގައި އެއީ ކޮން އެއްޗަކުން ޖެހުނު ބެކްޓީރިއާ ނުވަތަ ވައިރަސްއެއްކަން ދެނެގަނެވޭނެ ފަދަ ޓެސްޓްތަކެއް ނުވަތަ ޓްރޭސިން ރާއްޖޭގައި ނުހެދޭ. އެފަދަ ޕަބްލިކް ހެލްތް ލެބޯޓްރީތަކެއް ހުރުން މުހިންމު،" ފައިސަލް ވިދާޅުވި އެވެ.
ކުޑަކުދިންނާއި މާބަނޑުމީހުންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ދިފާއީ ނިޒާމް ބަލިކަށި މީހުންނާއި ކީމޯތެރަޕީ ފަދަ ފަރުވާތައް ނަގާ މީހުންނަކީ މިފަދަ ބަލިތައް ޖެހުމުގެ ފުރުސަތު އާންމު މީހުންނާއި ބަލާއިރު ބޮޑު ބައެކެވެ. ނަމަވެސް ތަފާސްހިސާބުތަކެއް ނެތި، މިކަމުގެ ސަބަބުން ކުރާ އަސަރު ދަނެގަތުން ދައްޗެެވެ.
ނަތީޖާއަކީ އިދާރާތަކުން މިކަމަށް ދޭން ޖެހޭ އަހަންމިއްޔަތު ކުޑަވުމާއި ޒަމާންވީ ނުރަނގަޅު އާދަތަކުން ދުރުހެލިވާނެ ސައްހަ މައުލޫމާތާއި ހޭލުންތެރިކަން ނެތިވެ ޖީލެއް ނުރައްކަލެއްގެ ތެރޭ ތިބުމެވެ. ހެނދުނުން ފެށިގެން ރޭގަނޑާ ހަމައަށް ކުރެވޭ ކަންކަމާ މެދު ވިސްނާލަމާ ހިނގާށެވެ. އަހަރެމެންގެ ފަރުވާ ކުޑަ އާދަތައް ވަރަށް ނުރައްކަލެވެ!
ބުޅާ މަހުގެ މައްސަލާގައި ނެގި ސާމްޕަލްގެ ނަތީޖާ ނުލިބޭ
މިއީ ސާފު ބަދިގެއަކުން ކާން ހެދުމަށް އިގުރާރެއް!
އާންމުން ކާބޯތަކެތި ވިއްކުމުގެ އުސޫލު އާންމުކޮށްފި
ކާބޯތަކެތީގެ މައްސަލަ ރިޕޯޓުކުރަން ހާއްސަ ނަމްބަރެެއް
ވިޔަފާރިއަށް ކާބޯތަކެތި ހެދޭނީ ލައިސަންސް އޮވެގެން
ކާބޯތަކެތި އެތެރެކުރެވޭނީ ޓެސްޓުކުރުމަށްފަހު
ޕްލާސްޓިކް ބިސް ނެތްކަން ކަށަވަރުވާނީ ނަތީޖާ ލިބިގެން
އާސަންދައިން ބޭސް ނުލިބޭ ނަމަ ރިޕޯޓުކުރަން އެދިއްޖެ
އޭއެމްޑީސީގެ ސައިންސް ލެބަށް އައިއެސްއޯ ސެޓްފިކެޓް
ލޭބަލް ކުރުމުގެ ގަވާއިދާ ޚިލާފަށް ކާބޯތަކެތި ވިއްކަނީ!