Roadha Mihaaru
ކާބޯތަކެތީގެ މައްސަލަ ރިޕޯޓުކުރަން ހާއްސަ ނަމްބަރެެއް

ރައްކާތެރި ނޫން ގޮތުގައި ކާބޯތަކެތި ތައްޔާރު ކުރާނަމަ ރިޕޯޓްކުރަން ނަމްބަރެއް

24 އޯގަސްޓް 2024

ރައްކާތެރި ނޫން ގޮތަކަށް ކާބޯތަކެތި ތައްޔާރު ކުރުމުގެ މައްސަލަތައް ރިޕޯޓު ކުރަން ހެލްތު މިނިސްޓްރީން ހާއްސަ ފޯނު ނަމްބަރެއް ކަނޑައަޅައިފި އެވެ.

ރައްކާތެރި ނޫން ގޮތަކަށް ކާބޯތަކެތި ތައްޔާރު ކުރުމުގެ މައްސަލަތައް ރިޕޯޓު ކުރަން ހެލްތު މިނިސްޓްރީން ހާއްސަ ފޯނު ނަމްބަރެއް ކަނޑައަޅައިފި އެވެ.

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައްކާތެރި ނޫން ކާނާ ތައްޔާރު ކުރާ ފަރާތްތަކާއި އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް އޮތް ވެއްޓެއްގެ މައްސަލަތައް ރިޕޯޓު ކުރަން ހާއްސަ ނަމްބަރުތަކެއް ހާމަ ކުރައްވައިފަ އެވެ.

"މި ނަންބަރު ތަކަށް ފޮޓޯ އަދި ވީޑިއޯ ރިޕޯޓް ކޮށްދެއްވާ!" މިނިސްޓަރު ވިދާޅުވި އެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މައްސަލަތައް ރިޕޯޓު ކުރަން ޖެހެނީ 7603204 އަށެވެ. އަދި އާންމު ސިއްހަތާ ގުޅޭ ޝަކުވާތައް ހުށަހަޅަން ޖެހޭ ނަމްބަރަކީ 7960121 އެވެ.

ފަހަކަށް އައިސް ނުތާހިރު ތަންތަނުގައި ކާބޯތަކެތި ތައްޔާރު ކުރާ ވަރަށް ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ގާނޫނަށް އިއްޔެ އަމަލު ކުރަން ފެށުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އުފައްދަވައިފަ އެވެ. އާ ގާނޫނުގެ ދަށުން އެފަދަ ތަންތަން ހުއްޓުވުމާއި ފިޔަވަޅު އެޅުމުގެ އިތުރުން ކާބޯތަކެތި ތައްޔާރު ކުރުމާ ބެހޭ ވަރުގަދަ އުސޫލުތައް ހެދުމުގެ ގާނޫނީ ބާރުވެރިކަން ހެލްތު މިނިސްޓްރީ އަށް ލިބެ އެވެ.

އެގޮތުން އެ ގާނޫނާ ހިލާފުވެއްޖެ ނަަމަ، ޖިނާއީ ދައުވާކުރުމާއި އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު އޮވެ އެވެ. މިހާރު އެ ކަންކަން ބަލަމުން އަންނަ އާންމު ސިއްހަތުގެ ގާނޫނުގައި އޮންނަނީ އެންމެ ބޮޑުވެގެން ވެސް 10،000ރ. ގެ ޖޫރިމަނާއެކެވެ.