Roadha Mihaaru
ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަލައި ފާސްކުރަނީ

ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަލައި ފާސްކުރަނީ

15 ފެބުރުއަރީ 2024

މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަލައި ފާސްކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަލައި ފާސްކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

އެޗްޕީއޭ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް ބާރުއެޅުމަށާއި އާންމު ސިއްހަތަށް ރައްކާތެރި ގޮތުގައި ހިދުމަތް ދިނުމަށް ބާރުވެރިކޮށް، އަހުލުވެރިކުރުމުގެ މަގުސަދުގައި އަންނަ ރޯދަމަސް ފެށުމުގެ ކުރިން ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މި އިންސްޕެކްޝަން ފަށަނީ މި މަހު 18 ގައި ކަމަށް އެ އިއުލާނުގައި ބުންޏެވެ.

މި ހަރަކާތް ކުރިއަށް ގެންދާނީ މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީ އާއި ހުޅުމާލެ ހޮސްޕިޓަލާއި ކަމާ ބެހޭ އެހެން އިދާރާތަކާ ވެސް ގުޅިގެން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް އެޗްޕީއޭ އިން މީގެ ކުރިން ވެސް އެކި ފަހަރު މަތިން ކޮށްފައިވެ އެވެ. އެ އިންސްޕެކްޝަންތަކުގައި ކާބޯތަކެތީގެ ހިދުމަތްދޭ ބައެއް ތަންތަނުގައި ހުރި ބޮޑެތި މައްސަލަތައް ފާހަގަވުމުން ފިޔަވަޅު ވެސް އަޅާފައިވެ އެވެ.