Roadha Mihaaru
އުސޫލާ ހިލާފުވާ ހުރިހާތަނެއް ވަގުތުން ބަންދުކުރަނީ

ބޮޑު އިންސްޕެކްޝަނެއް: އުސޫލާ ހިލާފުވާ ހުރިހާތަނެއް ވަގުތުން ބަންދުކުރަނީ

28 ޖުލައި 2020

ކޮވިޑް-19ގެ ސަބަބުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލާ ހިލާފުވާ ހުރިހާ ތަނެއް މާދަމާ އިން ފެށިގެން ވަގުތުން ބަންދު ކުރަން އެޗްޕީއޭ އިން ނިންމައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19ގެ ސަބަބުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލާ ހިލާފުވާ ހުރިހާ ތަނެއް މާދަމާ އިން ފެށިގެން ވަގުތުން ބަންދު ކުރަން އެޗްޕީއޭ އިން ނިންމައިފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ދިން ބޮޑު ލުޔާ އެކު، "ނިއު ނޯމަލް" ގެ ހާއްސަ އުސޫލުތަކެއް އެޗްޕީއޭ އިން ކަނޑައަޅާފައިވެ އެވެ. އެގޮތުން ކެފޭ/ރެސްޓޯރަންޓުތަކުގައި މީހުން ތިބެން ޖެހޭނެ ގޮތާއި ފިހާރަތަކަށް ގިނަ ވެގެން ވަދެވޭނެ މީހުންގެ އަދަދުތައް ފަދަ ބައެއް އުސޫލުތައް ކަނޑައަޅައި އެ ތަންތަނުން އަމަލުކުރަން ޖެހޭނެ ގޮތްތައް އެޗްޕީއޭ އިން އާންމުކޮށްފައިވެ އެވެ.

މި އުސޫލުތަކަށް އަމަލުކުރޭތޯ ބެލުމަށް މީގެ ކުރިން ވެސް އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު، ގިނަ ތަންތަނުން އުސޫލާ ހިލާފު ކަމަށް އެޗްޕީއޭ އިން ބުނެފައިވެ އެވެ. މީގެ ކުރިން، ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުގައި އޮންލައިން ފޯމެއް ފުރައި ކަމާ ބެހޭ އިދާރާތަކަށް ފޮނުވުމުން އެ ތަންތަނުން އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް އިންސްޕެކްޝަން ޓީމުން ބުނެފައިވެ އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން "މިހާރު"އަށް މިރޭ ވިދާޅުވީ މާދަމާ އަނެއްކާވެސް އިންސްޕެކްޝަން ފަށަން ނިންމާފައިވާ ކަމަށެވެ. މާދަމާ ހެނދުނު ޓީމުތަކުން މި މަސައްކަތް ފަށައިގެން ކުރިއަށް ގެންދާނެ ކަމަށާއި މި ފަހަރު ނިންމާފައި އޮތީ ގަވާއިދާ ހިލާފު ތަންތަން ވަގުތުން ބަންދުކުރަން ކަމަށް ވިދާޅުވި އެވެ.

މި އިންސްޕެކްޝަންތައް ކުރިއަށް ގެންދަނީ މާލެ ސަރަހައްދުގަ އެވެ. މިއީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި މާލޭ ސިޓީ ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީ އާއި ފުލުހުންނާއި މޯލްޑިވްސް ރެޑް ކްރެސެންޓާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ވެމްކޯއާ ގުޅިގެން އެޗްޕީއޭ އިން ހިންގާ އިންސްޕެކްޝަނެކެވެ.