Roadha Mihaaru
ފިހާރަ/ކެފޭތަކުގެ ހިދުމަތް 9:30 ވަންދެން ލިބޭނެ

ފިހާރަތަކާއި ކެފޭތަކުގެ ހިދުމަތް ރޭގަނޑު 9:30 ވަންދެން ލިބޭނެ: ޕޮލިސް

23 އޯގަސްޓް 2020

ކޮވިޑް-19 ފެތުރެމުންދާ މިންވަރަށް ބަލައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު 8 އިން ފަތިހު 5 އާ ދެމެދު އެއްގަމު އުޅަނދު ދުއްވުން މިރެއިން ފެށިގެން މަނާކުރި ނަމަވެސް ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތަކުގެ ހިދުމަތް ރޭގަނޑު 9:30 ވަންދެން ދެވޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19 ފެތުރެމުންދާ މިންވަރަށް ބަލައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު 8 އިން ފަތިހު 5 އާ ދެމެދު އެއްގަމު އުޅަނދު ދުއްވުން މިރެއިން ފެށިގެން މަނާކުރި ނަމަވެސް ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތަކުގެ ހިދުމަތް ރޭގަނޑު 9:30 ވަންދެން ދެވޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި އޮންލައިން މީޑިއާ ބްރީފިންގައި، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުން ރޭގަނޑު 8 އިން ފެށިގެން ފަތިހު 5އާ ދެމެދު އެއްގަމު އުޅަނދު ދުއްވުން މިހާރު މަނާކޮށްފައިވާ ކަމަށެވެ. މި ގަޑިތަކުގައި ދުއްވާ އުޅަނދުތަކަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރޭގަނޑު 8 އިން ފެށިގެން ފަތިހު 5އާ ދެމެދުގައި އެއްވެސް އުޅަނދެއް ދުއްވާ ނަމަ، ފުރަތަމަ ނަސޭހަތްތެރިވާނަން. ދެވަނަ ފަހަރު އެ އުޅަނދެއް ޗެކް ކުރެވިއްޖެ ނަމަ ޖޫރިމަނާ ކުރާނަން. މިކަން ތަކުރާރު ވާ ނަމަ އެ އުޅަނދެއް ޓޯ ކުރާނަން. ޓޯކުރުމަށް ފަހު އެ އުޅަނދެއް ދޫކުރެވޭނީ އެ ޖޫރިމަނާއެއް ދެއްކުމަށް ފަހު،" ޝަރީފް ވިދާޅުވި އެވެ.

މި ބަދަލާ އެކު، ކުރިއެކޭ އެއްގޮތަށް ކޮންމެ ރެއެއްގެ 10 އިން ފަތިހު 5 އަށް މާލެ ސަރަހައްދުގައި ގެ އިން ނުކުމެ އުޅުން މަނާވާނެ އެވެ. ފިހާރަތަކާއި ކެފޭ ހިދުމަތްތައް ބަންދުކުރަނީ މިރެއިން ފެށިގެން ވެސް ކުރިއެކޭ އެއްގޮތަށް ރޭގަނޑު 9:30 ގައެވެ.

ޝަރީފް ވިދާޅުވީ ރޭގަނޑު 10 ގެ ފަހުން ވެހިކަލް ދުއްވައިފި ނަމަ ބޭރުގައި އުޅުމާއި އެއްގަމު އުޅަނދު ދުއްވުމުގެ ކުށަށް 2000ރ. އިން ޖޫރިމަނާކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރޭގަނޑު 8 އިން ފެށިގެން ދުއްވާ އެއްޗެހި މަނާވިޔަސް ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތަކުގެ ހިދުމަތްތައް ލިބޭނެ ކަމަށާއި ޑެލިވަރީ ވެސް އެ ގަޑިތަކުގައި މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ކަމަށެވެ. ނަމަވެސް ޑެލިވަރީ ހިދުމަތުގައި ވެސް 8 ގެ ފަހުން ދުއްވާ އެއްޗެހި ބޭނުން ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، ޕަބްލިކް ޓްރާންސްޕޯޓަށް ފެރީ އާއި ބަހުގެ ހިދުމަތްތައް ވަކި އުސޫލެއްގެ ދަށުން މިވަގުތު ބާއްވާނެ އެވެ. ޓެކްސީތަކަށް ދީފައިވާ ހުއްދަތައް ވެސް އިތުރުކުރާނެ އެވެ. އެކަމަކު، ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައި ވަޒީފާ އަށް ދާ ނަމަ ޕަބްލިކް ޓްރާސްޕޯޓް ބޭނުން ކުރުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.